ޓައިގާ ޝްރޮފްގެ ކާރަށް ބަޑިޖެހި ގޭންގުގެ ފުރަތަމަ އަމާޒަކީ ސަލްމާން ޚާން
ބޮލީވުޑް ތަރި ޓައިގާ ޝްރޮފްގެ ކާރަށް ބަޑިޖެހި މައްސަލައިގައި ހައްޔަރުކުރި މީހުން، މުމްބައިގައި އެތައް ބޮޑެތި ތަރިންނަށް ހަމަލާދިނުމަށް ފާރަލި ކަމަށް ތަޙުޤީޤުގައި ބުނެފިއެވެ.
ބޮލީވުޑް ތަރި ޓައިގާ ޝްރޮފްގެ ކާރަށް ބަޑިޖެހި މައްސަލައިގައި ހައްޔަރުކުރި މީހުން، މުމްބައިގައި އެތައް ބޮޑެތި ތަރިންނަށް ހަމަލާދިނުމަށް ފާރަލި ކަމަށް ތަޙުޤީޤުގައި ބުނެފިއެވެ.
ފުލުހުންގެ މަޢުލޫމާތާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، އެ ގޭންގުގެ އަސްލު އަމާޒަކީ ސަލްމާން ޚާން ކަމަށް އެމީހުން ބުނެފައިވެއެވެ. އެކަމަކު ސަލްމާންގެ ގެ، ގެލެކްސީ އެޕާޓްމަންޓްސް ވަށައިގެން އޮތް ވަރުގަދަ ސެކިއުރިޓީގެ ސަބަބުން އެ ރޭވުމުގައި ކާމިޔާބުނުވާނެކަން ޔަޤީންވުމުން، އެ ވިސްނުން ދޫކޮށްލި ކަމަށް އެމީހުން ބުނެފައިވެއެވެ.
އޭގެ ފަހުން އާމިރު ޚާން، އަމިތާބު ބައްޗަން އަދި އަކްޝޭ ކުމާރުގެ ގެތަކުގެ ކައިރީގައި އެމީހުން ފާރަލި ކަމަށް ތަޙުޤީޤުން އެނގިފައިވެއެވެ. އެންމެ ގިނަ ދުވަހު ފާރަލީ އާމިރަށް ކަމަށެވެ. ލޯރެންސް ބިޝްނޮއި ގޭންގުގެ މީހުން ބާންދްރާގައި އާމިރު ދިރިއުޅޭ ގޭގެ ކައިރީގައި ގާތްގަނޑަކަށް މަހެއްހާ ދުވަސް ހޭދަކޮށް، ތިން ފަހަރެއްގައި ފާރަވެރިވި ކަމަށް ބުނެފައިވެއެވެ. ނަމަވެސް ފިލްމު ޝޫޓިންގްތަކަށް އާމިރު ގިނައިން ބޭރަށް ދިއުމާއި، ދިގު މުއްދަތަށް ގޭގައި ހުރުމުން އޭނާއާ ހަމައަށް ދާން އުނދަގޫވި ކަމަށެވެ.
މީގެ އިތުރުން، އަރްޒޫ ބިޝްނޮއި އަދި ޓައިސަން ބިޝްނޮއިގެ ނަމުގައި ސޯޝަލް މީޑިއާގައި އަޑު ކްލިޕެއްއާއި ޕޯސްޓެއް ފެތުރިފައިވެއެވެ. ގައުރީ ސްޕްރެޓްއާ އާމިރު ކުރި ތިންވަނަ ކައިވެނިން "ލަވް ޖިހާދު" އަށް ހިތްވަރުދީ، "ސަނާތަން" ސަޤާފަތާ ޚިލާފުވާ ކަމަށާއި، އާމިރަށް ފިލާވަޅެއް ދޭނެ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ޓައިގާއަކީ މާބޮޑު ސެކިއުރިޓީއެއް ނެތި އުޅޭ މީހެއްކަން ޔަޤީންކުރުމަށްފަހު އޭނާ އަމާޒުކުރަން ނިންމި ކަމަށް އެމީހުން ބުނެފައިވެއެވެ. ކޮންމެ އާދީއްތަ ދުވަހަކު ޓައިގާ ޖުހޫގެ ޕުޝްޕާ ނަރްސީ ގްރައުންޑަށް ފުޓުބޯޅަ ކުޅެން ދާކަން އެމީހުންނަށް އެނގުނީ ސޯޝަލް މީޑިއާގެ ރީލްސްތަކާއި އިންސްޓަގްރާމުންނެވެ.
އޮކްޓޫބަރު 18 ގެ ހަވީރު ފޭނުންނަށް އަތްޖަހަމުން ދިޔަ ޓައިގާގެ ކާރަށް ދެ މީހަކު ފަހެއް ނުވަތަ ހައެއް ބަޑި ޖަހައި ސައިކަލެއްގައި ފިލާފައިވެއެވެ. ޓައިގާއަށް ބޮޑު އަނިޔާއެއް ނުވި ނަމަވެސް، އޭނާގެ ޑްރައިވަރާއި މަގުމަތީގައި ހުރި މީހަކަށް އަނިޔާވިއެވެ. ހަމަލާގެ ޒިންމާ ސޯޝަލް މީޑިއާ ޕޯސްޓަކުން ނަގާފައިވާ ގޭންގްސްޓާ އަނިލް ޕަންޑިތަކީ ފުލުހުން ހޯދަމުންދާ ތުހުމަތުކުރެވޭ މީހެކެވެ. މި މައްސަލައިގައި ރާޖަސްތާން، އުތްތަރަ ޕްރަދޭޝް، މަދްޔަ ޕްރަދޭޝް އަދި ހަރިޔާނާއިން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް