މޯލްޑިވިއަނުން ބެއިޖިންގައި އޮފީހެއް ހުޅުވައި ޗައިނާ މާކެޓުގައި ޚިދުމަތް ފުޅާކޮށްފި
ޤައުމީ އެއާލައިން މޯލްޑިވިއަނުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ޗައިނާގެ ވެރިރަށް ބެއިޖިންގައި އެ އެއާލައިނުގެ އޮފީހެއް ރަސްމީކޮށް ހުޅުވައިފިއެވެ.
ޤައުމީ އެއާލައިން މޯލްޑިވިއަނުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ޗައިނާގެ ވެރިރަށް ބެއިޖިންގައި އެ އެއާލައިނުގެ އޮފީހެއް ރަސްމީކޮށް ހުޅުވައިފިއެވެ.
އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އޮފީސް ހުޅުވައިދެއްވީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) ގެ ޗެއާމަން އަޙުމަދު ޝަފީޢު، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް އިޔާސް، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަލީ ސަލީމް އަދި ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. ފަޒީލް ނަޖީބެވެ.
މޯލްޑިވިއަނުން ބުނީ، މި އޮފީހަކީ އެ އެއާލައިނުގެ ދަތުރުތަކާއި ޚިދުމަތްތައް ބައިނަލްއަޤުވާމީ ފެންވަރުގައި ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ އެއާލައިނުން ބުނެފައިވާ ގޮތުގައި، އޮފީހުގެ ސަބަބުން ޗައިނާ މާކެޓުގައި އެ އެއާލައިނުގެ ހަރަކާތްތައް ވަރުގަދަވެ، އެ ޤައުމުގައިވާ ވިޔަފާރި ބައިވެރިންނާއި ކަސްޓަމަރުންނާ ގުޅުން ބަދަހިވެ، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުމާއި ވައިގެ ދަތުރުފަތުރުގެ ގުޅުން މި ފިޔަވަޅުން އިތުރަށް ހަރުދަނާވާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ. އަދި ޗައިނާއާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ފަސިންޖަރުންނަށް ލިބޭ ލުއިފަސޭހަތައް އިތުރުވެ، ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެ އޮފީހުން އެހީތެރިވެދޭނެ ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.
މޯލްޑިވިއަނުން މިހާރު ޗައިނާގެ ޗެންގްޑޫ، ޝަންހާއި އަދި ބެއިޖިންއަށް ދަތުރުކުރަމުންދަނީ އޭ330-200 މަރުކާގެ މަތިންދާބޯޓުންނެވެ. ޗައިނާގައި އެ އެއާލައިނުގެ ޖެނެރަލް ސޭލްސް އެޖެންޓަކީ މެގަކެޕް އެވިއޭޝަން ސާވިސަސް ލިމިޓެޑެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ޗައިނާއަކީ މުހިންމު މާކެޓެކެވެ. މި އަހަރުގެ މިހާތަނަށް ޗައިނާއިން 327,531 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އެއީ ރާއްޖެއަށް އައި ފަތުރުވެރިންގެ 19 އިންސައްތައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް