އައްޑޫ އެއާޕޯޓް ކުންފުންޏަށް ފަހަރަކު 2025 ގައި 68.7 މިލިއަން ރުފިޔާގެ ގެއްލުން
އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުންޏަށް ފާއިތުވި ދެ އަހަރު ވެސް ގެއްލުން ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ބަޔާނާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓުން ހާމަކޮށްފިއެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުންޏަށް ފާއިތުވި ދެ އަހަރު ވެސް ގެއްލުން ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ބަޔާނާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓުން ހާމަކޮށްފިއެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ 2025 ވަނަ އަހަރުގެ މާލީ ބަޔާނާ ގުޅޭ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު އެ ކުންފުންޏަށް 68.7 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. އޭގެ ކުރީ އަހަރު ގެއްލުން ލިބިފައިވަނީ 78.7 މިލިއަން ރުފިޔާއެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު 94.3 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، އޭގެ ކުރީ އަހަރު ލިބިފައިވަނީ 33 މިލިއަން ރުފިޔާއެވެ.
ގިނަ އަހަރުތަކެއްގައި ގެއްލުން ލިބެމުން އައުމުން، މިދިޔަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ ޖުމްލަ ގެއްލުން 817.5 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ކުންފުނީގެ ސާފު މުދަލުގެ އަގު ވަނީ ނެގެޓިވް 58 މިލިއަން ރުފިޔާގައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މި ހާލަތުތަކުން ދޭހަވަނީ އެއާޕޯޓް ހިންގުމާ ގުޅުންހުރި މުދަލުގެ އަގު ދަށްވެފައިވާ ކަމަށެވެ. އެހެންނަމަވެސް، 31 ޑިސެމްބަރު 2025 އާ ހަމައަށް އެ މުދަލުން އަނބުރާ ހޯދޭނެ މިންވަރު ދެނެގަތުމަށް ކުންފުނިން އެސެސްމަންޓެއް ހަދާފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންވެ، މުދަލުގެ އަގުން އުނިކުރަންޖެހޭ މިންވަރެއް އޮތްތޯ ބެލުމަށް ބޭނުންވާ އޮޑިޓް ހެކި އޮޑިޓަރުންނަށް ނުލިބޭ ކަމަށާއި، މާލީ ބަޔާންތަކަށް ގެންނަންޖެހޭ ބަދަލާއި އޭގެ އަސަރު ދެނެގަނެވިފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
މާލީ ހާލަތު ދަށްކަމުގައި ވީނަމަވެސް، ހިއްސާގެ ރައުސްމާލުގެ ގޮތުގައި 2025 ވަނަ އަހަރު ސަރުކާރުން އެ ކުންފުންޏަށް 34.6 މިލިއަން ރުފިޔާ އަދި އޭގެ ކުރީ އަހަރު 35.6 މިލިއަން ރުފިޔާ އެޑްވާންސްގެ ގޮތުގައި ދީފައިވެއެވެ. އެ ފައިސާ ގިނައިން ބޭނުންކޮށްފައިވަނީ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް