ހުޅުމާލޭ ވޯޓާ ތީމް ޕާކުގެ ޢަމަލީ މަސައްކަތް އަލުން ފަށައިފި
ނުވައެއް އަހަރު ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭ ވޯޓާ ތީމް ޕާކާއި ހޮޓެލް މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަލުން ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
ނުވައެއް އަހަރު ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭ ވޯޓާ ތީމް ޕާކާއި ހޮޓެލް މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަލުން ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒުހައިރު އެ ރަސްމިއްޔާތުގައި ވިދާޅުވީ 2017 ވަނަ އަހަރު ފެށި މި މަޝްރޫޢަށް އެއްވެސް ކުރިއެރުމެއް ނުލިބި އޮތުމަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާ އެކު މަސައްކަތް އަލުން ފެށިފައިވާ ކަމަށެވެ. ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މަޝްރޫޢު އެއްކޮށް ނިންމައި ޚިދުމަތް ދޭން ފެށޭނެ ކަމުގެ ޔަޤީންކަން ޒުހައިރު ދެއްވިއެވެ.
41,500 އަކަމީޓަރަށް ވުރެ ބޮޑު ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢު ނިމޭއިރު މުޅިން އަލަށް 500 ވަޒީފާ އުފެދޭނެ ކަމަށާއި، އެ ތަންތަނުގެ 85 އިންސައްތަ ދިވެހީންނަށް ޚާއްޞަކުރެވޭނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ. އޭގެ ތެރެއިން 45 އިންސައްތަ ވަޒީފާ ޚާއްޞަކުރާނީ އަންހެނުންނަށެވެ. މީގެ އިތުރުން އަހަރެއްގެ މައްޗަށް 120 އަށް ވުރެ ގިނަ ދިވެހީން ފަތުރުވެރިކަމުގެ ދާއިރާއަށް ތަމްރީނުކޮށް ވަޒީފާގެ މާޙައުލަށް ނެރުމަކީ ވެސް އަމާޒެއް ކަމަށް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑު ސާފުކޮށް، ކެރިހުރެ އިއުލާނު މި ކުރަނީ މިހާރު އެޗްޑީސީގެ އެއްވެސް މަސައްކަތެއް، އެއްވެސް މަޝްރޫއެއް ހުއްޓިފައެއް ނޯންނާނެ،" ޒުހައިރު ވިދާޅުވިއެވެ.
ޒުހައިރު ވިދާޅުވި ގޮތުގައި 20 އަހަރު ވަންދެން ހުއްޓިފައި އޮތް ސިޓީ ހޮޓެލް ނިންމައި މިހާރު ޚިދުމަތް ދެމުން އަންނަ ކަމަށާއި، 2017 އިން ފެށިގެން ހުއްޓިފައި އޮތް ރީތިގަސް މަޝްރޫޢާއި ދި ގާޑަން މަޝްރޫޢު ނިންމައި މީހުން ދިރިއުޅެން ފަށާފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން ބޭނުންނުކޮށް ދޫކޮށްލާފައިވާ ވަރޓިކަލް ޕާކިންގ ނިޒާމުތައް ވެސް ވަރަށް އަވަހަށް ޢާންމުންނަށް ހުޅުވައިލެވޭނެ ކަމަށް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ވެންޗޫރާ އެންޑް ވެލްނެސް މޯލްޑިވްސް އާއި އައިއެޗްޖީ ހޮޓެލްސް އެންޑް ރިސޯޓްސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް