ފާމަސީ ދަރިވަރުންނަށް ޢަމަލީ ތަމްރީނު ދިނުމަށް އެމްއެންޔޫއާއި ޕްރައިމް ކެއާއިން ސޮއިކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޕްރައިމް ކެއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ތަޢުލީމީ އަދި ފަންނީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޕްރައިމް ކެއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ތަޢުލީމީ އަދި ފަންނީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ. ޕްރައިމް ކެއާ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަޙްމަދު މުޙައްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ދެ މުއައްސަސާގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ދަރިވަރުންނާއި މުދައްރިސުންނާއި އިސް ދަރިވަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ދެ ފަރާތުން ބުނެފައިވެއެވެ. ޚާއްޞަކޮށް ފާމަސީ ދާއިރާގެ ދަރިވަރުންނަށް ފަންނީ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން އަސްލު ފާމަސީ މާޙައުލުގައި ޢަމަލީ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤައުމީ ސިޔާސަތުތަކާ އެއްގޮތަށެވެ.
ރަސްމިއްޔާތުގައި ވާހަކަދެއްކެވި ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ޤާބިލު ދަރިވަރުން ބިނާކުރުމަށް ތަޢުލީމީ މުއައްސަސާތަކާއި ސިނާޢަތްތަކާ ދެމެދު ގާތް ގުޅުމެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކްލާސްރޫމުގައި ލިބޭ ތިއަރީ ޢިލްމާ އެކު ޢަމަލީ ތަޖުރިބާ ލިބުމުން، ފާމަސީ ދާއިރާއަށް ނިކުންނަ ޚިދުމަތްތެރިންގެ ފެންވަރު ރަނގަޅުވެ، ވަޒީފާގެ އައު ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށް ދެ ފަރާތުން ޤަބޫލުކުރައްވައެވެ.
މީގެ އިތުރުން މި ޕާޓްނާޝިޕަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީ) ޙާޞިލުކުރުމަށް ވެސް އެޅޭ ފިޔަވަޅެއް ކަމަށް ދެ ފަރާތުން ބުނެފައިވެއެވެ. އެ ގޮތުން ހުނަރުވެރި ފާމަސީ މުވައްޒަފުން ތަމްރީނުކޮށް ދުޅަހެޔޮ ޞިއްޙަތު ކަށަވަރުކުރުމާއި (އެސްޑީޖީ 3)، ޢަމަލީ ތަޖުރިބާގެ ތެރެއިން ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމާއި (އެސްޑީޖީ 4)، ޤައުމީ ޔުނިވަރސިޓީއާއި އަމިއްލަ ވިޔަފާރިތައް ގުޅިގެން މަސައްކަތްކުރުން (އެސްޑީޖީ 17) މި އެއްބަސްވުމުގެ ތެރެއިން ފުރިހަމަވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް