ވީއައިއޭގެ ސީޕްލޭން ޓާމިނަލުގައި ސަލާމަތީ ތަމްރީނު ކާމިޔާބުކަމާ އެކު ނިންމާލައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ސަލާމަތީ ކުއްލި ހާލަތަކަށް ތައްޔާރަށް ތިބި މިންވަރު ވަޒަންކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގި ތަމްރީނު ހަރަކާތް އިއްޔެ ނިންމައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ސަލާމަތީ ކުއްލި ހާލަތަކަށް ތައްޔާރަށް ތިބި މިންވަރު ވަޒަންކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގި ތަމްރީނު ހަރަކާތް އިއްޔެ ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އާ ގުޅިގެން ވީއައިއޭގެ ނޫވިލު ސީޕްލޭން ޓާމިނަލުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކާއި ރިސޯޓު ލައުންޖްތަކުގެ މުވައްޒަފުން ހިމެނޭހެން 123 ވޮލަންޓިއަރުން ބައިވެރިވި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ފުލުހުންނާއި އެއާލައިންތަކާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގެ އިތުރުން ޕްރައިވެޓް ސެކްޓަރާއި ބޭރު އެމްބަސީތަކުގެ ބޭފުޅުން ވެސް މި ތަމްރީނު މޮނިޓަރުކުރެއްވި ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.
އެ ކުންފުނިން ފާހަގަކޮށްފައިވާ ގޮތުގައި މި ތަމްރީނުގެ މައިގަނޑު އަމާޒަކީ އެއާޕޯޓުގައި ޢަމަލުކުރާ ސެކިއުރިޓީ ކޮންޓިންޖެންސީ ޕްލޭނާއި ސެކިއުރިޓީ އެސްއޯޕީތައް ހަރުދަނާ މިންވަރު ބެލުމެވެ. އެއާ އެކު، ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި ގުޅިގެން މަސައްކަތްކުރެވޭ ފެންވަރު ޔަގީންކުރުމަކީ ވެސް މި ހަރަކާތުގެ ލަނޑުދަނޑިއެއް ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.
ތަމްރީނު ނިންމައިލުމަށް ފަހު ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި "ހޮޓްވޮޝް" ބައްދަލުވުމެއް ބާއްވައި، ކާމިޔާބީތަކާއި އިސްލާހުކުރަންޖެހޭ ދާއިރާތައް ފާހަގަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ދަތުރުވެރިންނާއި މުވައްޒަފުންނާއި ވީއައިއޭއާ ގުޅުން ހުރި ހުރިހާ ފަރާތެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވައިގެ ބަނދަރުގެ ސަލާމަތީ ފެންވަރު އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމަށް އެމްއޭސީއެލް ދެމި އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް