ރަޖިސްޓަރީ ނުކޮށް ދުއްވާ ތިން ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ލުއިތަކެއް ދީފި
އަތޮޅުތެރޭގައި ރަޖިސްޓަރީ ނުކޮށް ދުއްވަމުންދާ ތިން ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ޚާއްޞަ ލުއިތަކެއް ހަމަޖައްސައިފިއެވެ.
އަތޮޅުތެރޭގައި ރަޖިސްޓަރީ ނުކޮށް ދުއްވަމުންދާ ތިން ފުރޮޅުލީ އުޅަނދުތައް ރަޖިސްޓަރީ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ޚާއްޞަ ލުއިތަކެއް ހަމަޖައްސައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، އެކި ސަބަބުތައް މެދުވެރިވެގެން ރަޖިސްޓަރީ ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން އަތޮޅުތެރޭގައި ދުއްވަމުންދާ އެއްގަމު އުޅަނދުތައް ހުރިކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވެއެވެ. އަދި އެފަދަ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުގައި ބޭނުންވާ ލިޔެކިޔުންތައް ވެރިފަރާތުގެ އަތުގައި ނެތުމުން ކުރިމަތިވާ ދަތިތަކަށް ޙައްލު ހޯދައިދިނުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ބަދަލުތަކުގެ ދަށުން، ފަސިންޖަރުންނާއި މުދާ އުފުލުމަށް ބޭނުންކުރާ ސީ3 އަދި ސީ4 ކެޓަގަރީގެ ތިން ފުރޮޅުލީ އުޅަނދުތައް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށްދެވޭ އުޅަނދުތަކެއްގެ ގޮތުގައި މިހާރު ވަނީ ގިންތިކޮށްފައެވެ. އެހެންކަމުން މި ކެޓަގަރީތަކުގެ އުޅަނދުތައް އަމިއްލަ ފަރުދުންގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވޭނެއެވެ. މީގެ އިތުރުން، ކުރިން ވެސް އޮތް އުޞޫލާ އެއްގޮތަށް، މިފަދަ އުޅަނދުތައް ރަޖިސްޓަރީ ކުރުމާ ގުޅިގެން ދައްކަންޖެހޭ ފީތައް މަޢާފުކޮށްދިނުމަށް ވެސް ވަނީ ނިންމައިފައެވެ.
ރާއްޖެއަށް އެތެރެކުރިތާ ގިނަ ދުވަސްވެ ލިޔެކިޔުންތައް ގެއްލިފައިވާ ސީ3 އަދި ސީ4 ކެޓަގަރީގެ އުޅަނދުތައް ގެންގުޅޭ ފަރާތްތަކަށް ވެސް ވަނީ ލުޔެއް ދީފައެވެ. ލިޔެކިޔުން ހަމައަށް ނެތް އުޅަނދުތައް، އެ އުޅަނދެއްގެ ރޯޑްވާދިނަސް (ދުއްވަން އެކަށީގެންވާ ކަމުގެ) ލިޔުމަށް ބެލުމަށްފަހު ރަޖިސްޓަރީ ކޮށްދިނުމަށް ވަނީ ހަމަޖައްސައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް