އިސްލާމިކް ފައިނޭންސާއި ވަޤުފުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ޒެންޒިބާރުގެ ވަފުދަކާ އެކު މަޝްވަރާކޮށްފި
އިސްލާމިކް ފައިނޭންސާއި ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމާއި ވަޤުފް ތަރައްޤީކުރުމާ ގުޅޭ ގޮތުން ރާއްޖެ ޒިޔާރަތްކުރި ޒެންޒިބާރުގެ ވަފުދަކާ އެކު އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ މިނިސްޓްރީގައި ބައްދަލުވުމެއް ބާއްވައިފިއެވެ.
އިސްލާމިކް ފައިނޭންސާއި ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކުރުމާއި ވަޤުފް ތަރައްޤީކުރުމާ ގުޅޭ ގޮތުން ރާއްޖެ ޒިޔާރަތްކުރި ޒެންޒިބާރުގެ ވަފުދަކާ އެކު އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ މިނިސްޓްރީގައި ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އިސްކޮށް ހުންނެވީ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ މިނިސްޓަރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ޒެންޒިބާރުގެ ވަފުދުގައި ޒެންޒިބާރު ޓްރެޝަރީ ސުކޫކް އެސްޕީވީ، އިޙްސާން ތަކާފުލް އެންޑް ފައިނޭންޝަލް ސަރވިސަސް އަދި ޒެންޒިބާރު އިކޮނޮމިކް އެމްޕަވަރމަންޓް އޭޖެންސީގެ ޗެއަރމަން ސީޕީއޭ ޖުމާ ޢާމިރު މުޙައްމަދާއި، ޒެޑްއައިސީ ތަކާފުލް ޝަރީޢާ އެޑްވައިޒަރީ ބޯޑުގެ ޗެއަރމަން އަދި ވަޤުފް އެންޑް ޓްރަސްޓް ކޮމިޝަންގެ ބޯޑު މެންބަރު ޑޮކްޓަރ ޢަބްދުﷲ ޢުއްސީ ޙަމަދާއި، ޒެޑްއައިސީ ތަކާފުލް ޝަރީޢާ އެޑްވައިޒަރީ ބޯޑުގެ މެންބަރު ޑޮކްޓަރ ރަޖަބް ޢުމަރު ރަޖަބު ހިމެނިވަޑައިގެންނެވިއެވެ.
ރާއްޖޭގެ ފަރާތުން މިނިސްޓަރު ޑރ. ޝަހީމްގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑޮކްޓަރ މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމާއި، މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑުގެ މެނޭޖިންގ ޑައިރެކްޓަރ ޔާމީން އިދުރީސް އަދި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު އައްޝައިޚް އިމްތިތާޢު ޢައްބާސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި އިސްލާމިކް ފައިނޭންސްގެ ޚިދުމަތްތައް ފުޅާކުރުމާއި، ޒަކާތުގެ ނިޒާމު އިދާރީ ގޮތުން ވަރުގަދަކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ވަޤުފް އިންވެސްޓްމަންޓް އުޞޫލުތައް ކުރިއެރުވުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ. މިނިސްޓަރު ޑރ. ޝަހީމް ވަނީ ޒެންޒިބާރުގެ ވަފުދަށް މަރުޙަބާ ވިދާޅުވެ، ދެ ފަރާތުގެ މުއައްސަސާތަކުގެ ގުޅުން ބަދަހިކުރެއްވުމަށް ވަފުދުން ދެއްވި ޝައުޤުވެރިކަމަށް ޝުކުރު ދެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް