ވައިގެ ކޮލިޓީ ނުރައްކާތެރި މިންވަރަށް ދަށްވެ، ކުޅުދުއްފުށީގެ އިންޑެކްސް 170 އަށް
އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކުގެ ވައި ނުރައްކާތެރި ދަރަޖައަކަށް ތަޣައްޔަރުވެފައިވާ ކަމަށް މިއަދު އެއާ ކޮލިޓީ މޮނިޓަރިން ސިސްޓަމްތަކުން ދައްކައިފިއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކުގެ ވައި ނުރައްކާތެރި ދަރަޖައަކަށް ތަޣައްޔަރުވެފައިވާ ކަމަށް މިއަދު އެއާ ކޮލިޓީ މޮނިޓަރިން ސިސްޓަމްތަކުން ދައްކައިފިއެވެ.
އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނީ އުތުރުގެ ސަރަޙައްދުގައެވެ. ހދ. ކުޅުދުއްފުށީގެ އެއާ ކޮލިޓީ އިންޑެކްސް 170 ގައި ހުރިއިރު، ށ. ފުނަދޫގައި އެ ޢަދަދު ހުރީ 162 ގައެވެ. މާލޭގެ ވައިގެ ކޮލިޓީ އިންޑެކްސް ހުރީ 102 ގައެވެ. މެދުރާއްޖެތެރޭގައި އެވެރެޖުކޮށް 50 އާއި 75 އާ ދެމެދުގައި ހުރިއިރު، ދެކުނުގެ ރަށްރަށުގައި 50 އިން ދަށުގައި ހިފެހެއްޓިފައިވެއެވެ.
އެއާ ކޮލިޓީ އިންޑެކްސް 100 އިން މައްޗަށް ދިޔުމަކީ ނޭވާލުމުގެ މައްސަލަ ހުންނަ ފަރާތްތައް ފަދަ ނާޒުކު ޙާލަތުގައި ތިބި މީހުންނަށް ނުރައްކާ ބޮޑުވާ ދަރަޖައެކެވެ. އެ ޢަދަދު 150 އިން މައްޗަށް އެރުމުން ކޮންމެ މީހަކަށް ވެސް ޞިއްޙީ ނުރައްކާ ކުރިމަތިވެއެވެ.
ރާއްޖެއާ ހަމައަށް ނުސާފު ވައި ފޯރަނީ އިރުވައި މޫސުމުގައި ވައި ޖެހޭ މިސްރާބަށް ބަދަލު އައިސް، އުތުރު އިންޑިއާ ސަރަޙައްދުންނެވެ. ޖައްވު ތަޣައްޔަރުކުރާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިރަފުހާއި، ކާރުޚާނާތަކުން ބޭރުވާ ދުމާއި، ދަނޑުވެރިކަމުގެ ކުނި އެންދުމާއި، ކޯލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމާއި، ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތައް ހިމެނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ސަރަޙައްދުގެ ޖައްވު ތަޣައްޔަރުކުރާ މާއްދާތަކުގެ 75-80 އިންސައްތަ އުފެދެނީ ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގައި ހިންގާ އިންސާނީ ހަރަކާތްތަކުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، ވައި ނުސާފުވާ ދުވަސްވަރު ނޭވާލާ ނިޒާމުގެ ބަލިތައް ކޮންމެ އަހަރަކު ވެސް އިތުރުވަމުންދެއެވެ. އަންނަ ޑިސެމްބަރުގައި އިރުވައި މޫސުން ފެށުމާ އެކު ނުސާފު ވައިގެ އަސަރު ރާއްޖެއަށް އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް