ރަސްމާލެ މަޝްރޫޢާ މެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ކުއްލި ބައްދަލުވުމެއް ތާވަލުކޮށްފި
އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ރާވާފައިވާ ބިޔަ މަޝްރޫޢާ މެދު އެމްޑީޕީން ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30 އަށް ތާވަލުކޮށްފިއެވެ.
އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ރާވާފައިވާ ބިޔަ މަޝްރޫޢާ މެދު އެމްޑީޕީން ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަންނަ އާދިއްތަ ދުވަހުގެ ރޭ 20:30 އަށް ތާވަލުކޮށްފިއެވެ.
ޕާޓީގެ 60 އަށް ވުރެ ގިނަ މެންބަރުންގެ އެދިވަޑައިގެންނެވުމުގެ މަތިން ބާއްވާ މި ބައްދަލުވުމުގެ ބޭނުމަކީ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްފައިވާ ރަސްމާލެ މަޝްރޫޢާ މެދު އެމްޑީޕީގެ ރަސްމީ ސިޔާސަތެއް ކަނޑައެޅުމެވެ. މި މައްސަލައިގައި ޕާޓީ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވެއެވެ.
ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ އުސޫލީ ގޮތުން ރެޒިޑެންސީ ޕްރޮގްރާމަކަށް ރާއްޖެ ހުޅުވާލުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް ކޮންޓްރެކްޓުގެ ތަފްސީލުތައް ހާމަނުކުރާ ކަން ފާހަގަކުރައްވައި، ސަރުކާރުން ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް މަޖިލީހަށް ހުށަހެޅުއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އެކަމަކު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި މިފަދަ ކަންކަމަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ވެސް މެންބަރުން ވަނީ މިފަދަ މަޝްރޫޢުތަކާ ދެކޮޅަށް ޕާޓީން ތެދުވަންޖެހޭ ކަމަށް ބުނެފައެވެ.
އެމްޑީޕީން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންވެސްޓަރުންނަށް އެ ޕާޓީން އަބަދުވެސް މަރުޙަބާ ކިޔާ ކަމަށެވެ. އެހެން ނަމަވެސް ރަސްމާލެ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ. މި މަޝްރޫޢާ ގުޅޭ ސުވާލުތަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވަނީ ރަސްމާލެއިން އިޒްރޭލާ ގުޅުން ހުރި އެއްވެސް ފަރާތަކަށް ޕްރޮޕަޓީ ނުގަނެވޭ ގޮތް ހަދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް