ތިލަމާލެ ބްރިޖުގެ %80 ނިމި، ވިލިމާލެއާއި ގުޅީފަޅު މިމަހު ގުޅާލަނީ
ތިލަމާލެ ބްރިޖު މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، ވިލިމާލެއާއި ގުޅީފަޅު ގުޅުވައިލާ ބައިގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ބިނާރާ ބެހޭ މިނިސްޓްރީން މިއަދު ބުނެފިއެވެ.
ތިލަމާލެ ބްރިޖު މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، ވިލިމާލެއާއި ގުޅީފަޅު ގުޅުވައިލާ ބައިގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ބިނާރާ ބެހޭ މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ހާމަކުރި މަޢުލޫމާތަށް ބަލާއިރު، ބްރިޖުގެ ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓުގެ ތެރެއިން %98.53 ސެގްމަންޓު ގުޅީފަޅުގެ ބްރިޖު ސައިޓުގައި ކާސްޓުކޮށް ނިމިފައިވެއެވެ. ތަނބުތައް ގުޅުވައިލުމަށް ބޭނުންވާ ސެގްމަންޓުތައް ހަރުކުރުމުގެ %88 މަސައްކަތް ވެސް ވަނީ ފުރިހަމަކޮށްފައެވެ.
މިހާރު ހިނގަމުންދާ އެންމެ މުހިންމު މަސައްކަތަކީ ވިލިމާލެއާއި ގުޅީފަޅު ގުޅުވައިދޭ ބްރިޖުގެ ފަހު ސެގްމަންޓު ހަރުކުރުމެވެ. އެ މިނިސްޓްރީން ލަފާކުރާ ގޮތުގައި މި މަސައްކަތް މިމަހު ނިޔަލަށް ނިންމައި، އެ ދެ ރަށް ދެމެދު ގުޅައިލެވޭނެއެވެ. ވިލިމާލެއިން ގުޅީފަޅަށް އޮންނަ ބްރިޖުގެ ދިގުމިނަކީ ގާތްގަނޑަކަށް 750 މީޓަރެވެ.
ޖުމްލަ 6.7 ކިލޯމީޓަރުގެ މި މަޝްރޫޢުގައި ކަނޑު ހުރަސްކޮށް ހަދާ ތިން ބްރިޖާއި، ރަށްރަށް ހުރަސްކޮށް ހަދާ ހައިވޭ މަގުތައް ހިމެނެއެވެ. ގުޅީފަޅުން ތިލަފުށްޓަށް ގުޅައިލާނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކަށް ފަހު ގާތްގަނޑަކަށް 600 މީޓަރުގެ ބްރިޖަކުންނެވެ. ގުޅީފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ އިރު، ތިލަފުށީގައި ކުރިއަށް ދަނީ ބްރިޖު ގުޅޭ ސަރަހައްދުގެ ރިވެޓްމަންޓު ޖެހުމުގެ މަސައްކަތެވެ.
އިންޑިއާގެ ލައިން އޮފް ކްރެޑިޓާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ހިންގާ މި 500 މިލިއަން ޑޮލަރުގެ މަޝްރޫޢު އަންނަ އަހަރުގެ ނިޔަލަށް މުޅިން ނިންމައިލުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް