ތިލަފުށީގައި އެފްސީއެލް ކޮންޓެއިނަރު ކްލިއަރ ކުރުމުގެ ޚިދުމަތް ފަށައިފި
މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، މުދަލާ އެކު ހުރި ގޮތަށް ފުލް ކޮންޓެއިނަރު ލޯޑް (އެފްސީއެލް) ކޮންޓެއިނަރުތައް ކްލިއަރ ކުރުމުގެ ޚިދުމަތް ތިލަފުށި ކާގޯ ޓާމިނަލް (ޓީސީޓީ) ގައި މިއަދު ފަށައިފިއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، މުދަލާ އެކު ހުރި ގޮތަށް ފުލް ކޮންޓެއިނަރު ލޯޑް (އެފްސީއެލް) ކޮންޓެއިނަރުތައް ކްލިއަރ ކުރުމުގެ ޚިދުމަތް ތިލަފުށި ކާގޯ ޓާމިނަލް (ޓީސީޓީ) ގައި މިއަދު ފަށައިފިއެވެ.
މި ޚިދުމަތް ދޭން ފެށީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) މެދުވެރިކޮށް ތިލަފުށީގައި ބިނާކޮށްފައިވާ 100 މީޓަރުގެ ކީ ވޯލް ސަރަހައްދުގައެވެ. މާލޭ ބަނދަރުގެ ޚިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގައި މިއީ ތިލަފުއްޓަށް ގެންދެވުނު ފުރަތަމަ އޮޕަރޭޝަނެވެ.
ޓީސީޓީން މިވަގުތު ދެމުން ގެންދަނީ ޑައިރެކްޓް ޑެލިވަރީ (ޑީއާރް) އުސޫލުން ކަނޑުމަގުން އެފްސީއެލް ކޮންޓެއިނަރު ކްލިއަރ ކުރުމާއި، މުދާ ހުސްކޮށްފައި ގެންނަ ކޮންޓެއިނަރު ބޭލުމުގެ ޚިދުމަތެވެ. ނަމަވެސް ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ކުރިން ވެސް ކްލިއަރ ކުރަމުން އައި ގޮތަށް މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލުން ކްލިއަރ ކުރެވޭނެއެވެ. ކުރިން ޑީއާރް ކޮންޓެއިނަރުގެ ބޮޑު ބައެއް ކަނޑުމަގުން ކްލިއަރ ކުރަމުން އައީ ހުޅުމާލެ ޓާމިނަލުން ކަމަށް ވާތީ، މި ބަދަލާ އެކު އެ ޓާމިނަލުގެ ލޯކަލް ކީ ވޯލް އޮޕަރޭޝަންތަކަށް ލުއިކަމެއް ލިބޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފައިވެއެވެ.
އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގް ވިދާޅުވީ ތިލަފުއްޓަށް ކާގޯ ކްލިއަރެންސްގެ ޚިދުމަތެއް ގެންދިޔުމަށް އެ ކުންފުނީގެ މުވައްޒަފުން ވަރަށް ބުރަ މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުގެ އެއްބާރުލުން ސީއީއޯ ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ތަނުގައި ލެސް ދެން ކޮންޓެއިނަރު ލޯޑް (އެލްސީއެލް) ކާގޯ ކްލިއަރ ކުރުމުގެ ޚިދުމަތް ވެސް ތިލަފުށީގައި ދޭން ފަށާނެ ކަމަށް ސީއީއޯ ޝަފީގް ވިދާޅުވިއެވެ.
ތިލަފުށި ބަނދަރުގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ 375 މީޓަރުގެ ކީ ވޯލް ބިނާކުރުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީން ކުރިއަށް ގެންދާ އިރު، އެ މަސައްކަތް 2027 ވަނަ އަހަރުގެ ޖުލައި މަހު އެއްކޮށް ނިންމައިލެވޭނެ ކަމަށް ބެލެވެއެވެ. އެ ކުންފުނިން 820 މީޓަރުގެ ޑޮމެސްޓިކް ކީ ވޯލް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް