މައިގަނޑު ބަޔަށް ދާން

ހަބަރު

ރަސްމާލެ މަޝްރޫޢާ މެދު ރައްޔިތުންގެ ވޯޓެއް ނެގުމަށް ގޮވައިލައި ބޮޑު އެއްވުމެއް ބާއްވަނީ

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ރަސްމާލޭގެ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫޢާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރަށް ބާރުއެޅުމުގެ ގޮތުން ނޮވެމްބަރު ހައެއް ވާ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވާނެކަން މިއަދު އިޢުލާންކޮށްފިއެވެ.

ރަސްމާލެ މަޝްރޫޢާ މެދު ރައްޔިތުންގެ ވޯޓެއް ނެގުމަށް ގޮވައިލައި ބޮޑު އެއްވުމެއް ބާއްވަނީ

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ރަސްމާލޭގެ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫޢާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރަށް ބާރުއެޅުމުގެ ގޮތުން ނޮވެމްބަރު ހައެއް ވާ ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވާނެކަން މިއަދު އިޢުލާންކޮށްފިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހަރަކާތުގެ އިސް ބޭފުޅެއް ކަމަށްވާ ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަން އުޅޭ އެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާ މެދު ބޮޑެތި ސުވާލުތައް ފެންމަތިވާ ކަމަށެވެ. އެކި ނަސްލުތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވުމުގެ ކުރިން ރައްޔިތުންގެ ޚިޔާލު ހޯދުން ލާޒިމުވާ ކަމަށް ވެސް ޢިމްރާން ވިދާޅުވިއެވެ.

"އަދި މިކަމުގެ ސަބަބުން، މި ހިންގަން އުޅޭ ކަންކަން އެ ބޭފުޅުން ތަރުތީބުކުރާ ގޮތަށް ހިނގައިފިކަމުގައިވާ ނަމަ ދިވެހި ރައްޔިތުންނަކީ ދުވަސްކޮޅެއްގެ ތެރޭގައި ނޫނީ އަހަރުތަކެއްގެ ތެރޭގައި އަޅުވެތިކަން އިހުސާސް ކުރަންޖެހޭ ބަޔަކަށް ވެދާ ފަދަ ބޮޑު މައްސަލައެއް،" ޢިމްރާން ވިދާޅުވިއެވެ.

އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ހިއްކި ރަސްމާލޭގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން ކަމަށާއި، ރައްޔިތުންގެ ރުހުމެއް ނެތި ބޭރު ބަޔަކަށް އެ ބިން ނުދެވޭނެ ކަމަށެވެ. އެހެން ދީންތަކުގެ މީހުންނާއި ޒަޔަނިސްޓުންނަށް ރަސްމާލެ ބިމުން މިލްކުވެރިކަން ދިނުމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވެސް ޢަލީ ސިފަކުރެއްވިއެވެ.

"އެހެންވީމާ ދިވެހި ރައްޔިތުންގެ ބިން ދިވެހި ރައްޔިތުންގެ ގާތު ނާހައި ވިއްކައިގެން ނުވާނެ، އެއީ އަޅުގަނޑުމެން ދައްކާ ވާހަކަ، އެކަމަށް އަޅުގަނޑުމެން ޑިމާންޑުކުރަނީ، ތިޔަ އެގްރީމެންޓުގައި ސޮއިކުރުމުގެ ކަންތައް އިހަށް މަޑުޖައްސައިލައިފައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހާށޭ އިނގޭތޯ،" ޢަލީ ވިދާޅުވިއެވެ.

ޢަލީ ވަނީ ރަސްމާލެ އެއްބަސްވުމުގައި ސޮއިކުރުން ލަސްކުރުމަށް ރައީސަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހަށާއި، ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ރައީސަށް ދެންނެވުމަށް ސުޕްރީމް ކޯޓަށް ވެސް ގޮވައިލައްވައިފައެވެ. ވޯޓުގެ ޚަރަދު ސަރުކާރަށް ނުކުރެވޭ ނަމަ ޓެލެތޯނެއް ބާއްވައިގެން ވިޔަސް އެ ފައިސާ ހޯއްދަވާނެ ކަމަށް ޢަލީ ވިދާޅުވިއެވެ.

ރަސްމާލެ ބިމުން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ބެހޭ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް އެދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލީހަށް ހުށަހެޅި ޤަރާރު އިއްޔެ ވަނީ ބޭރުކޮށްލައިފައެވެ. އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލް އަލްޢައްބާރު ވަނީ މި މަޝްރޫޢުގެ ތަފުސީލީ ފަހު އެއްބަސްވުމުގައި ނޮވެމްބަރު 11 ވަނަ ދުވަހު، ޖުމްހޫރީ ދުވަހު ސޮއިކުރެއްވުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.