ސްރީލަންކާގެ ތަޢުލީމީ މަންހަޖު އެއްކޮށް ބަދަލުކޮށް ދަރިވަރުންނަށް އިސްކަންދޭ ނިޒާމަކަށް ފުރޮޅާލަނީ
އިމްތިޙާނުތަކަށް އެކަނި އަމާޒުކޮށް ކިޔަވައިދެމުން ގެންދިޔަ ގޮތް ދޫކޮށް، ދަރިވަރުންގެ ހުނަރާއި އަޚްލާޤީ ސިފަތައް ކުރިއެރުވުމަށް ބައްޓަންކުރާ އައު މަންހަޖެއް ތަޢާރަފްކުރުމުގެ ބޮޑު މަޝްރޫޢެއް ސްރީލަންކާއިން ފަށައިފިއެވެ.
އިމްތިޙާނުތަކަށް އެކަނި އަމާޒުކޮށް ކިޔަވައިދެމުން ގެންދިޔަ ގޮތް ދޫކޮށް، ދަރިވަރުންގެ ހުނަރާއި އަޚްލާޤީ ސިފަތައް ކުރިއެރުވުމަށް ބައްޓަންކުރާ އައު މަންހަޖެއް ތަޢާރަފްކުރުމުގެ ބޮޑު މަޝްރޫޢެއް ސްރީލަންކާއިން ފަށައިފިއެވެ.
ސްރީލަންކާގެ ބޮޑުވަޒީރު އަދި ތަޢުލީމާ ބެހޭ މިނިސްޓަރު ޑރ. ހަރިނީ އަމަރަސޫރިޔާ މި ވާހަކަ ހާމަކުރީ އެތުމަލަޕިޓިޔާ ޕްރައިމަރީ ސްކޫލްގެ އައު ޢިމާރާތް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. އެކަމަނާ ވިދާޅުވީ މި އިޞްލާޙުތަކުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ޢަމަލީ ހުނަރާއި މަޢުލޫމާތާއި ރިވެތި އަޚްލާޤީ ސިފަތައް ލިބިގެންވާ ހަރުދަނާ ޖީލެއް ބިނާކުރުން ކަމަށެވެ. މިހާރު އޮތް މުދައްރިސަށް މުޅިން ބިނާވެފައިވާ ނިޒާމުގެ ބަދަލުގައި ދަރިވަރުންނަށް އިސްކަންދޭ މޮޑެލްއަކަށް މުޅި ނިޒާމު ބަދަލުކުރުމަށް މިއީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ޕްރައިމަރީ ގްރޭޑްތަކުގެ މަންހަޖު ބަދަލުކުރުމުގެ މި މަސައްކަތް ކުރިއަށް ގެންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މި އަހަރު ފުރަތަމަ ފިޔަވަހީގެ ދަށުން ގްރޭޑް 1 ގެ ދަރިވަރުންނަށް އަމާޒުކޮށް މަސައްކަތް ފަށާފައިވާއިރު، އަންނަ އަހަރު ގްރޭޑް 2 އިން 6 އަށް އައު މަންހަޖު ތަޢާރަފްކުރާނެ ކަމަށް ޑރ. ހަރިނީ ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުން ހޯދުމާ ގުޅޭ ގޮތުން އެކަމަނާ ވިދާޅުވީ 23,006 މުދައްރިސުން ނެގުމަށް ބޭއްވި ވާދަވެރި އިމްތިޙާނުތައް މިހާރު ނިމިފައިވާ ކަމަށާއި، އިންޓަވިއުތަކާއި ޢަމަލީ އިމްތިޙާނުތައް ކުރިއަށް އޮތް ނޮވެމްބަރު މަހު ފެށޭނެ ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ހަމަޖެހޭ އުޞޫލެއް ނެތި މުދައްރިސުންނާއި ޕްރިންސިޕަލުން ޢައްޔަންކުރުމުގެ ސަބަބުން ނިޒާމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މަންހަޖަށް ގެނެވޭ ބަދަލުތަކާ އެކު ސްކޫލްތަކުގެ ޢުމްރާނީ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތަކާއި އިދާރީ ނިޒާމަށް ވެސް ކުރިއެރުން ގެންނަންޖެހޭ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. ތަޢުލީމީ ދާއިރާގެ ފެންވަރު އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް "އެޑިއުކޭޝަން ކައުންސިލް" އެއް ޤާއިމުކުރުމަށް ބޭނުންވާ ޤާނޫނީ މަސައްކަތް ވެސް ފައްޓަވާފައިވާ ކަމަށް އެކަމަނާ އިޢުލާނުކުރެއްވިއެވެ.
ސްރީލަންކާގެ ޕްރައިމަރީ ތަޢުލީމީ ނިޒާމަކީ ދެކުނު އޭޝިއާ ސަރަޙައްދުގައި ފާހަގަކޮށްލެވޭ ކާމިޔާބު ނިޒާމެއް ކަމަށް ޔުނިސެފުން ކުރިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް