މައިގަނޑު ބަޔަށް ދާން

ހަބަރު

ޗައިނާ ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރުމަށް ރައީސް ދައުވަތު ދެއްވައިފި

މޯލްޑިވްސް އެކްސްޕޯ 2026 ގެ ހަވާސާގައި ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ވިޔަފާރިތަކާ ގުޅިގެން ޒަމާނީ ޕްރޮސެސިންގއާއި ސަޕްލައި ޗެއިނާއި މުދާ ބެހުމާއި މާކެޓަށް ވާސިލުވުމުގެ ދާއިރާތަކުން މަސައްކަތްކުރުމަށް ޗައިނާގެ ކުންފުނިތަކަށް ރައީސް ޑ

ޗައިނާ ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރުމަށް ރައީސް ދައުވަތު ދެއްވައިފި

މޯލްޑިވްސް އެކްސްޕޯ 2026 ގެ ހަވާސާގައި ބޭއްވި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ވިޔަފާރިތަކާ ގުޅިގެން ޒަމާނީ ޕްރޮސެސިންގއާއި ސަޕްލައި ޗެއިނާއި މުދާ ބެހުމާއި މާކެޓަށް ވާސިލުވުމުގެ ދާއިރާތަކުން މަސައްކަތްކުރުމަށް ޗައިނާގެ ކުންފުނިތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައުވަތު ދެއްވައިފިއެވެ.

ރައީސް ވިދާޅުވީ ފެންވަރު ރަނގަޅު މަހުގެ އުފެއްދުންތަކާއި އަތްތެރި މަސައްކަތްތަކާއި އެކި ޚިދުމަތްތަކަށް ޗައިނާގެ ބާޒާރުގައި ބޮޑު ފުރުޞަތެއް އެބައޮތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ އަމާޒަކީ ބައިނަލްއަޤުވާމީ ވިޔަފާރީގައި ހަމައެކަނި ބައިވެރިވުން ނޫން ކަމަށާއި، ދުނިޔޭގެ ބާޒާރުގައި ވާދަކޮށް ކާމިޔާބު ހޯދޭ ފެންވަރުގެ ވިޔަފާރިތައް ބިނާކުރުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ވިޔަފާރިތަކަކީ ބައިނަލްއަޤްވާމީ ވިޔަފާރީގައި ހަމައެކަނި ބައިވެރިވާ ބަޔަކަށް ވުމުގެ ބަދަލުގައި، އެ ވިޔަފާރިތަކާ ވާދަކޮށް ކާމިޔާބު ހޯދާ ބަޔަކަށް ވާން،" ރައީސް ވިދާޅުވިއެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުއްވައިލައްވަމުން ރައީސް ހާމަކުރެއްވި ގޮތުގައި 2025 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން 2026 ވަނަ އަހަރުގެ އޮގަސްޓުގެ ނިޔަލަށް ރާއްޖެއިން ވަނީ ޗައިނާއިން ގާތްގަނޑަކަށް 440 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެކޮށްފައެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 124 މިލިއަން ޑޮލަރުގެ މުދާ — ޖުމްލައިގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް — އެތެރެކޮށްފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންނެވެ. އެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަކީ ދިވެހި ވިޔަފާރިތަކަށް ދުނިޔޭގެ އެންމެ ބޮޑު އެއް ބާޒާރާ ގުޅި ވާދަކުރުމުގެ ވަރުގަދަ ފުރުޞަތެއް ފަހިވި ކުރިއެރުމެއް ކަމަށް ރައީސް ސިފަކުރެއްވިއެވެ.

"އެހެންނަމަވެސް، އަޅުގަނޑުމެންގެ އަމާޒު ވިޔަފާރީގެ މިންވަރު އިތުރުކުރުމަށްވުރެ ފުޅާވާންޖެހޭ. އަޅުގަނޑުމެން ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، އަދި އިޤްތިޞާދީ އެއްބާރުލުމުގެ ފައިދާ މުޅި ރާއްޖޭގެ މުޖުތަމަޢުތަކަށް ލިބޭނެކަން ކަށަވަރުކުރަންޖެހޭ،" ރައީސް ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދުގައި ކަނޑުމަގުން ކުރެވުނު ވިޔަފާރިއާއި ރައްޔިތުންގެ މެދުގައި އޮތް ގުޅުމަށް ޤަރުނުތަކެއް ވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއަދު އެ ގުޅުން ވަނީ އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ފުރިހަމަ ސްޓްރެޓީޖިކް ޕާޓްނަރޝިޕަކަށް ބަދަލުވެފައި ކަމަށެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ޤައުމަށް ކުރެއްވި ދެ ދަތުރުފުޅު ހަނދުމަފުޅު އާކުރައްވަމުން ރައީސް ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެމިތިއްބެވި ކަމަށެވެ.

"ޕާޓްނަރޝިޕެއްގެ ޙަޤީޤީ މިންގަނޑަކީ އަޅުގަނޑުމެން ކުރާ އިޢުލާނުތަކެއް ނޫން. އެއީ އަޅުގަނޑުމެން ފަހިކޮށްދޭ ފުރުޞަތުތަކާއި، އަޅުގަނޑުމެން ރަނގަޅުކޮށްދޭ ދިރިއުޅުމާއި، އަދި އެކުގައި އަޅުގަނޑުމެން ބިނާކުރާ މުސްތަޤްބަލް،" އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.