މައިގަނޑު ބަޔަށް ދާން

ހަބަރު

މިފްކޯއިން ޗައިނާގެ ކުންފުންޏަކާ އެކު މަސް އެކްސްޕޯޓް ކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި

ޗައިނާގެ ބާޒާރަށް ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުޞަތުތައް ފަހިކުރުމަށްޓަކައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ އެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިފްކޯއިން ޗައިނާގެ ކުންފުންޏަކާ އެކު މަސް އެކްސްޕޯޓް ކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި

ޗައިނާގެ ބާޒާރަށް ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުޞަތުތައް ފަހިކުރުމަށްޓަކައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ އެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިއަދު ރާއްޖޭގައި ކުރިއަށް ދިޔަ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގެ ތެރެއިންނެވެ. މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު އަނަސް އެވެ. ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯ އެވެ.

މި ފަހުމުނާމާގެ ދަށުން ޗައިނާގެ ބާޒާރުގައި ހުރި ވިޔަފާރީގެ ފުރުޞަތުތައް ދެނެގަނެ، މަސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ރާވައި ހިންގުމަށް ދެ ކުންފުނި ގުޅިގެން މަސައްކަތްކުރާނެއެވެ. އެ ގޮތުން އުފެއްދުންތަކުގެ ފެންވަރު ބެލެހެއްޓުމާއި، ބަންދުކުރުމާއި، ލޮޖިސްޓިކްސް އަދި ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓް ކުރުމަށް ފުރިހަމަކުރަންޖެހޭ ޤާނޫނީ މިންގަނޑުތަކާ ގުޅޭ ކަންކަން ހިމެނެއެވެ. މި އެއްބަސްވުމުގައި މަސް ފޯރުކޮށްދޭ މައިގަނޑު ފަރާތެއްގެ ގޮތުގައި މިފްކޯ ހަރަކާތްތެރިވާ އިރު، ސައިނޯމެކް ހައިނާން އިން މަސައްކަތްކުރާނީ ޗައިނާގެ ބާޒާރުން ފުރުޞަތުތައް ހޯދައިދިނުމަށެވެ. ފުރަތަމަ މަރުޙަލާގެ ދިރާސާތަކާއި ވިޔަފާރީގެ އިންތިޒާމުތަކަށް ބެލުމަށް ފަހު، އަންނަ އަހަރުން ފެށިގެން އެކްސްޕޯޓް ކުރާ މަހުގެ މިންވަރު އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވެސް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވީ ކުރިން ސޮއިކުރެވުނު އެއްބަސްވުންތަކާއި މި ފޯރަމްގެ ތެރެއިން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ އިޤުތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހަވާސާގައި ބޭއްވި މި ފޯރަމް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި އިރު، ޗައިނާގެ 40 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވެ، ޖުމްލަ ފަސް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.