ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި
ފެނަކައިން ކުރިން ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ދެމުން ގެންދިޔަ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓެލްކޯއިން މިއަދު ރަސްމީކޮށް ހަވާލުވެއްޖެއެވެ.
ފެނަކައިން ކުރިން ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ދެމުން ގެންދިޔަ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓެލްކޯއިން މިއަދު ރަސްމީކޮށް ހަވާލުވެއްޖެއެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އެ ދެ އަތޮޅުގައި މިހާރު ދެމުންދާ ޚިދުމަތްތައް އެ ކުންފުނީގެ ޚާއްޞަ މިންގަނޑުތަކާ އެއްގޮތަށް ބައްޓަންކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި މަސައްކަތުގެ އެންމެ ބޮޑު އަމާޒަކީ އެ ރަށްތަކުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޔުޓިލިޓީ ޚިދުމަތެއް ކަށަވަރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ބަދަލު ގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ފެނަކައާއި އާރްޑީސީ އުވައިލައްވައި، އެ ކުންފުނިތަކުގެ މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއާ ހަވާލުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެންނެވެ. ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައި އެ ނިންމެވުން އިޢުލާނުކުރައްވަމުން ރައީސް ވިދާޅުވީ "ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެ ކުންފުނީގެ ބޭނުން ނަހަމަ ގޮތުގައި ކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުންވެސް އެނގޭ" ކަމަށެވެ.
އެ ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ އެމްޓީސީސީއާއި އާރްޑީސީއަކީ އެއް ބާވަތެއްގެ މަސައްކަތްކުރާ ދެ ކުންފުނި ކަމަށާއި، އާރްޑީސީ އުވައިލައްވައި އެމްޓީސީސީއާ އެއްކޮށްލެއްވުމަށް ވެސް ނިންމަވާފައިވާ ކަމަށެވެ. ކުންފުނިތައް ރައިޓް ސައިޒް ކުރެއްވުމުގެ ތެރެއިން އިތުރު މުވައްޒަފުން މަދުކުރެވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް