ރަސްމާލެ މަޝްރޫޢުގައި ސަމާލުވާންޖެހޭ ކަންކަން ފާހަގަކޮށް ސަލަފުން ސަރުކާރަށް އިލްތިމާސެއް ހުށަހަޅައިފި
ބޭރުގެ އިންވެސްޓްމަންޓް މަޝްރޫޢުތައް ހިންގާއިރު ކަށަވަރުކުރަންޖެހޭ ކަމަށް ދެކޭ އަށް ނުކުތާއެއް ފާހަގަކޮށް ޖަމްޢިއްޔަތުއްސަލަފުން މިއަދު ސަރުކާރަށް އިލްތިމާސެއް ހުށަހަޅައިފިއެވެ.
ބޭރުގެ އިންވެސްޓްމަންޓް މަޝްރޫޢުތައް ހިންގާއިރު ކަށަވަރުކުރަންޖެހޭ ކަމަށް ދެކޭ އަށް ނުކުތާއެއް ފާހަގަކޮށް ޖަމްޢިއްޔަތުއްސަލަފުން މިއަދު ސަރުކާރަށް އިލްތިމާސެއް ހުށަހަޅައިފިއެވެ.
އެ ޖަމްޢިއްޔާއިން ބުނީ ކަމާ ބެހޭ މުއައްސަސާތަކާ ބައްދަލުކޮށް އަދި އެ ނޫން ވެސް ގޮތްގޮތުން ހޯދި މަޢުލޫމާތުތަކުން އެނގުނު ގޮތުގައި، ރަސްމާލެ މަޝްރޫޢުގެ ދަށުން 500 ހެކްޓަރުގެ ބިން، ދައުލަތުގެ މިލްކުވެރިކަން ދެމިއޮންނަ ގޮތަށް، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ރިއަލް އެސްޓޭޓް އުސޫލުން ތަރައްޤީކުރުމަށް ދޫކުރާ ގޮތަށް ރޭވިފައިވާ ކަމަށެވެ.
ސަލަފުގެ އިލްތިމާސްގައި ހިމެނޭ ނުކުތާތަކުގެ ތެރޭގައި އިސްލާމީ ޝަޚްޞިއްޔަތާއި ޤައުމީ ސިޔާދަތު ހިމާޔަތްކުރުމާއި، އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާ ދިރާސާކުރުމާއި، ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު މަންފާ ލިބޭ ގޮތަށް އިޤުތިޞާދީ ތަރައްޤީ ބައްޓަންކުރުމާއި، ދެފުށް ފެންނަ ސިޔާސަތެއް ޤާއިމުކުރުން ހިމެނެއެވެ. ހަމައެއާ އެކު ހުޅުވާލެވިފައިވާ އިޤުތިޞާދާއި ޤައުމީ އަސާސްތަކާ ދެމެދު ހަމަހަމަކަން ގެނައުމާއި، ދާއިމީ މޮނިޓަރިން ނިޒާމެއް ހެދުމާއި، އިޖުތިމާޢީ އަސަރުތައް ވަޒަންކުރުން ވެސް އެ ލިސްޓުގައި ހިމަނާފައިވެއެވެ.
އެ ޖަމްޢިއްޔާއިން ވަނީ ފަލަސްޠީނުގެ މުޤައްދަސް ބިންތައް ފޭރިގެންފައިވާ އިސްތިޢުމާރީ އިޒްރޭލުގެ ރައްޔިތަކަށް މި މަޝްރޫޢުން ޖާގަ ނުދިނުމަށް ވެސް ގޮވާލައިފައެވެ. އެއްބަސްވުންތައް ހާމަކޮށް ރައްޔިތުންގެ މަޝްވަރާއާ އެކު އިސްލާމީ އަދި އިޖުތިމާޢީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރާކަން ބެލޭނެ ނިޒާމެއް ހެދުމަށް ވެސް ސަލަފުން ވަނީ ބާރުއަޅައިފައެވެ.
ޖަމްޢިއްޔަތުއްސަލަފުން ރަސްމާލެ މަޝްރޫޢު ދިރާސާކުރަން ފެށިކަން އިޢުލާނުކުރީ މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހުއެވެ. އެ ޖަމްޢިއްޔާއިން ބުނާ ގޮތުގައި މި މަޝްރޫޢުގެ ޙަޤީޤީ ތަޞައްވުރު ޔަޤީންވާނީ އެއްބަސްވުން އެކުލަވާލެވި ކަމާ ގުޅޭ ޤާނޫނު ވުޖޫދަށް އައުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް