މައިގަނޑު ބަޔަށް ދާން

ހަބަރު

ރަސްމާލެ މަޝްރޫޢާ މެދު ސަލަފުގެ ހުށަހެޅުންތަކަށް ރިޢާޔަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި

ރަސްމާލެ މަޝްރޫޢާ ގުޅޭ ގޮތުން ޖަމްޢިއްޔަތުއްސަލަފުން ފާހަގަކުރި ކަންކަމަށް ރިޢާޔަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ކަމަށް އެ ޖަމިއްޔާގެ ތަރުޖަމާނު އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫޢާ މެދު ސަލަފުގެ ހުށަހެޅުންތަކަށް ރިޢާޔަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވި

ރަސްމާލެ މަޝްރޫޢާ ގުޅޭ ގޮތުން ޖަމްޢިއްޔަތުއްސަލަފުން ފާހަގަކުރި ކަންކަމަށް ރިޢާޔަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ ކަމަށް އެ ޖަމިއްޔާގެ ތަރުޖަމާނު އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ޝައިޚް ފިކުރީ ވިދާޅުވި ގޮތުގައި މި މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި، ރަސްމާލެ މަޝްރޫޢާ ގުޅޭ ގޮތުން އެ ޖަމިއްޔާއިން ތައްޔާރުކުރި ހުށަހެޅުންތައް ހިއްސާކުރެއްވީ ކަމަށެވެ. ސަލަފުން ވަނީ މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު އެ މަޝްރޫޢާ ގުޅޭ ގޮތުން ދިރާސާ ކުރަމުންދާ ކަން އިޢުލާންކޮށް، ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ބައްދަލުކޮށް، އެކި ގޮތްގޮތުން މަޢުލޫމާތު ހޯދައިފައެވެ.

އެ ދިރާސާއަށް ފަހު ސަލަފުން ވަނީ ރަސްމާލެ ފަދަ ބޭރުގެ މަޝްރޫޢުތައް ކުރިއަށް ގެންދާ އިރު ޤާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް ބައްޓަންކުރުމުގައި ކަށަވަރުކުރަން ޖެހޭ ކަމަށް ދެކޭ އަށް ކަމެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އިސްލާމީ ޝަޚްޞިއްޔަތާއި ޤައުމީ ސިޔާދަތު ޙިމާޔަތްކުރުމާއި، އާބާދީގެ އޮނިގަނޑަށް އަތުވެދާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުމާއި، ދިވެހިންނަށް އެންމެ ބޮޑު މަންފާ ލިބޭނެ އިޤްތިޞާދީ ތަރައްޤީއަކަށް އަމާޒު ހިފުމާއި، ދެފުށް ފެންނަ ސިޔާސަތެއް ޤާއިމުކުރުމާއި، ދާއިމީ މޮނިޓަރިންގ ނިޒާމެއް ހެދުމާއި، އިޖްތިމާޢީ އަސަރުތައް ވަޒަންކުރުން ހިމެނެއެވެ.

"އަދި އެ ކަންކަމަށް ރިޢާޔަތް ކުރައްވާނެ ކަމުގެ ޔަޤީކަން ރައީސް ވަނީ ދެއްވާފައެވެ."

ސަލަފުން ނެރުނު އިލްތިމާސެއްގައި ވަނީ ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓްތަކުގައި ޤައުމުގެ އިސްލާމީ ވަންތަކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގޮވައިލައިފައެވެ. ހަމަ އެ އިލްތިމާސުގައި، ފަލަސްޠީނުގެ މުޤައްދަސް ބިންތައް ފޭރިގަނެ ޒަޔަނިސްޓު އިސްތިޢުމާރެއްގެ ދަށުން ޤާއިމުކޮށްފައިވާ އިސްތިއުމާރީ އިޒްރޭލުގެ ރައްޔިތަކަށް މި ފަދަ މަޝްރޫޢަކުން ފުރުޞަތު ނުދިނުމަށާއި، އެއްބަސްވުންތައް ހާމަކޮށް ރައްޔިތުންގެ މަޝްވަރާއާ އެކު ޤައުމީ މަޞްލަޙަތު އެންމެ އިސްކޮށް ރައްކާތެރިކުރެވޭ ގޮތަށް ޤާނޫނީ އޮނިގަނޑު ފަރުމާކުރުމަށް ސަރުކާރަށް ސަލަފުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.