މައިގަނޑު ބަޔަށް ދާން

ވިޔަފާރި

ތިލަފުށީ ވިޔަފާރި ބަނދަރު އަންނަ އަހަރު ނޮވެމްބަރު 11 ގެ ކުރިން ހުޅުވުމަށް އަމާޒުކޮށްފި

ގްރޭޓަރ މާލެ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢު ނިންމައި އަންނަ އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން ބަނދަރު ހިންގަން ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު 2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިއަދު ވިދާޅުވެއްޖެއެވެ.

ތިލަފުށީ ވިޔަފާރި ބަނދަރު އަންނަ އަހަރު ނޮވެމްބަރު 11 ގެ ކުރިން ހުޅުވުމަށް އަމާޒުކޮށްފި

ގްރޭޓަރ މާލެ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢު ނިންމައި އަންނަ އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން ބަނދަރު ހިންގަން ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު 2027 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ ވާހަކަ އެކި ސަރުކާރުތަކުން ދެއްކި ނަމަވެސް ޢަމަލީ ނަތީޖާއެއް ނުފެނުނު ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން މި މަޝްރޫޢު މިހާރު ޢަމަލީ ގޮތުން ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. މާލޭ ވިޔަފާރި ބަނދަރުގައި މިހާރު އޮތީ ފަސް ހެކްޓަރުގެ ބިމެއް ކަމަށް ވީ ނަމަވެސް، ތިލަފުށީ ބަނދަރު ތަރައްޤީކުރަނީ 60 ހެކްޓަރުގެ ސަރަޙައްދެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގައި މިހާރު 101 މީޓަރުގެ ކީވޯލެއް އޮތް އިރު، ތިލަފުށީ ބަނދަރު ހުޅުވާ އިރު 375 މީޓަރުގެ ކީވޯލެއް ލިބޭނެ ކަމަށާއި، މަޝްރޫޢު އެއްކޮށް ނިމުމުން 1.4 ކިލޯމީޓަރުގެ ކީވޯލެއް ޤާއިމުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ފުންމިނަށް ބެލި ނަމަވެސް ބޮޑު ތަފާތެއް ހުންނާނެއެވެ. މާލޭ ބަނދަރުގެ ފުންމިނަކީ 9.7 މީޓަރު ކަމުގައި ވީ ނަމަވެސް ތިލަފުށީ ކޮންޓެއިނަރު ބާލާ ސަރަޙައްދުގެ ފުންމިން 14.6 މީޓަރަށް ހުންނާނެއެވެ. އެހެންކަމުން މުދާ އުފުލާ ބޮޑެތި ބޯޓުތަކަށް ސީދާ ބަނދަރަށް ކައިރިކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މާލޭ ބަނދަރުގެ އަހަރީ ކެޕޭސިޓީ 80,000 ކޮންޓެއިނަރުގައި އޮތް އިރު، ތިލަފުށީ ބަނދަރު ހުޅުވާ އިރު އެ ޢަދަދު 390,000 ކޮންޓެއިނަރަށް އިތުރުވާނެއެވެ. މުސްތަޤުބަލުގައި އަހަރަކު 1.28 މިލިއަން ކޮންޓެއިނަރު ކްލިއާ ކުރެވޭ މިންވަރަށް ފުޅާކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ބޯޓުތަކުން މުދާ ބާލަން މިހާރު ނުވައެއް ނޫނީ 14 ދުވަސް ހޭދަވާ އިރު، ތިލަފުށީ ބަނދަރާ އެކު އެ މުއްދަތު ތިން ދުވަހަށް ވުރެ ކުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް މުދާ ފޮނުވުން ފަސޭހަވެ، އެތެރެކުރާ މުދަލުގެ ޚަރަދު ދަށްވެ، އަގުތައް ހެޔޮވުމުގެ ފުރުޞަތު ތަނަވަސްވާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ސިފަކުރެއްވީ "މިއީ ވިޔަފާރިވެރިންނަށް ލިބޭނެ ނުހަނު ބޮޑު ކުރިއެރުމެއް އަދި ރައްޔިތުންނަށް ލިބިގެންދާނެ އެހާމެ ބޮޑު ފަސޭހައެއް" ކަމަށެވެ.

ބަނދަރުގެ މަންފާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިލާ ތިލަމާލެ ބްރިޖު އަންނަ އަހަރުގެ ނިޔަލަށް ނިންމައި ބޭނުންކުރަން ފެށުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.