ކޮންމެ އަތޮޅެއްގައި ޕިކްނިކް ރަށެއް ތަރައްޤީކުރުމަށް 2027 ގެ ބަޖެޓުގައި ހިމަނައިފި
ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރުމާއި ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމާއި ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރުން 2027 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ ޢާއިލާތަކާއި ރަޙްމަތްތެރިންނަށް އެކުގައި ވަގުތު ހޭދަކޮށް ހިތްހަމަޖައްސައިލެވޭނެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކޮންމެ އަތޮޅެއްގައި ޕިކްނިކް ރަށެއް ތަރައްޤީކުރާނެ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކޮށް ހިންގުން ވެސް ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.
ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ކުޅިވަރަށް ލޯބި ޖައްސައި، ރަށު ފެންވަރުގައި ކުޅިވަރު ހަރަކާތްތައް ފުޅާކޮށް، ކުޅުންތެރިން އުފެއްދުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މަޤްޞަދު ޙާޞިލުކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމާއި ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ "ދިވެހިންގެ މެދުގައި ދުޅަހެޔޮ ބަދަހި މުޖުތަމައެއް ބިނާވެފައި އޮތުމަކީ މި ސަރުކާރުން އަބަދުވެސް އަހަންމިއްޔަތުކަން ދޭކަމެއް" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް