މައިގަނޑު ބަޔަށް ދާން

ހަބަރު

އައިޔޫއެމްގެ ދަރިވަރަކަށް މައުމޫން ފައުންޑޭޝަނުގެ ދެވަނަ ސްކޮލަރޝިޕް ދީފި

މައުމޫން ފައުންޑޭޝަނާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގުޅިގެން ހިންގާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ސްކީމުގެ ދަށުން އެ ޔުނިވަރސިޓީގެ ދަރިވަރަކަށް އިއްޔެ ސްކޮލަރޝިޕެއް ހަވާލުކޮށްފިއެވެ.

އައިޔޫއެމްގެ ދަރިވަރަކަށް މައުމޫން ފައުންޑޭޝަނުގެ ދެވަނަ ސްކޮލަރޝިޕް ދީފި

މައުމޫން ފައުންޑޭޝަނާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގުޅިގެން ހިންގާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ސްކީމުގެ ދަށުން އެ ޔުނިވަރސިޓީގެ ދަރިވަރަކަށް އިއްޔެ ސްކޮލަރޝިޕެއް ހަވާލުކޮށްފިއެވެ.

މި ސްކޮލަރޝިޕް ލިބިފައިވަނީ މުޙައްމަދު ޝާން އަޙްމަދަށެވެ. އޭނާ ފުރިހަމަކުރާނީ އައިޔޫއެމްގެ "މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން" ކޯހެވެ. ސްކޮލަރޝިޕް ހަވާލުކޮށްދެއްވީ އައިޔޫއެމްގައި ބޭއްވި ޙަފްލާއެއްގައި މައުމޫން ފައުންޑޭޝަނުގެ ވައިސް ޗެއަރމަން އަޙްމަދު ފާރިސް މައުމޫނެވެ.

މި ސްކޮލަރޝިޕަކީ ޓިއުޝަން ފީއާއި ފޮތްތަކުގެ ޚަރަދާއި އެކަޑެމިކް ކޮންފަރެންސްތަކުގެ އެލަވަންސާއި މަހު ސްޓައިޕެންޑް ހިމެނޭ ގޮތަށް ހުރިހާ ޚަރަދެއް ފައުންޑޭޝަނުން ހަމަޖައްސައިދޭ ސްކޮލަރޝިޕެކެވެ. މި ފުރުޞަތަށް ހުޅުވައިލީ 20 ޖުލައި 2026 ގައި ކުރި އިޢުލާނާ ގުޅިގެން، އައިޔޫއެމްގައި ކިޔަވަމުންދާ ދަރިވަރުންނަށެވެ. ދަރިވަރު ހޮވުމުގެ ހުރިހާ މަރުޙަލާއެއް ކުރިއަށް ގެންދިޔައީ އެ ޔުނިވަރސިޓީން މުސްތަޤިއްލުކަމާ އެކުގައެވެ.

ޙަފްލާގައި ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ އައިޔޫއެމް ފަދަ ޢާންމުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ލިބުމަކީ ފައުންޑޭޝަނަށް ލިބޭ ނުހަނު ބޮޑު އުފަލެއް ކަމަށެވެ. ފާރިސް ވަނީ ޝާނަށް މަރުޙަބާ ދަންނަވައި ކުރިމަގުގެ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ފައުންޑޭޝަނުން ޤައުމީ ފެންވަރުގައި ފެށުމަށް ރާވާފައިވާ ދެ މަޝްރޫޢެއްގެ މަޢުލޫމާތު އެ ޙަފްލާގައި ޙިއްޞާކުރެއްވިއެވެ. އެއީ އިސްލާމީ މަރުކަޒު (މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް) މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަޝްރޫޢާއި ޕްރެޒިޑެންޝަލް ލައިބްރަރީއެއް ޤާއިމުކުރުމުގެ މަސައްކަތެވެ.

އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ ސްކޮލަރޝިޕަށް ދަރިވަރަކު ހޮވުމުގެ މަރުޙަލާ ޔުނިވަރސިޓީން ކުރިއަށް ގެންދިޔައީ ފުރިހަމަ މިނިވަންކަމާއި އިންޞާފުވެރިކަމާ އެކުގައި ކަމަށެވެ. މި ސްކޮލަރޝިޕް ސްކީމް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ 28 އޮކްޓޫބަރު 2025 ގައެވެ. ސްކީމުގެ ދަށުން ފުރަތަމަ ސްކޮލަރޝިޕް 13 ނޮވެމްބަރު 2025 ގައި ހަވާލުކޮށްފައިވަނީ "މާސްޓަރސް އޮފް އާޓްސް އިން ޤުރުއާނިކް ސްޓަޑީޒް" ކޯހުގެ ދަރިވަރަކަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.