ސިލަބައިގެ 97 ގޭމާއެކު ދިވެހި މަންހަޖަށް ޚާއްޞަ ގޭމިން ޕްލެޓްފޯމެއް ތައާރަފުކޮށްފި
ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ދެމެދުގެ ދަރިވަރުންގެ ކިޔެވުމަށް އެހީވެދޭ 97 ގޭމް ހިމެނޭ "ސިލަބައި ގޭމްސް" ގެ ނަމުގައި ދިވެހި އެޑިއުކޭޝަން ޓެކް ކުންފުނި ސިލަބައިން އާ ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.
ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ދެމެދުގެ ދަރިވަރުންގެ ކިޔެވުމަށް އެހީވެދޭ 97 ގޭމް ހިމެނޭ "ސިލަބައި ގޭމްސް" ގެ ނަމުގައި ދިވެހި އެޑިއުކޭޝަން ޓެކް ކުންފުނި ސިލަބައިން އާ ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.
މި ޕްލެޓްފޯމުގައިވާ ކޮންމެ ގޭމެއް ބައްޓަންކޮށްފައި ވަނީ ރާއްޖޭގެ ޤައުމީ މަންހަޖުގެ ފޮތްތަކުގެ މައްޗަށް ބިނާކޮށެވެ. ދަރިވަރުން ގްރޭޑާއި މާއްދާ އިޚްތިޔާރުކުރުމުން، ގޭމް ތެރެއިން ކުރިމަތިވާ ސުވާލުތައް ނެގެނީ ހަމައެކަނި އެ ކުއްޖެއް ކިޔަވާ މާއްދާތަކާ ގުޅޭ ފޮތްތަކުންނެވެ. ކޮންމެ ސުވާލެއްގެ ތިރީގައި އެއީ ކޮން މާއްދާއެއްގެ ކޮން ގްރޭޑެއްގެ ފޮތެއްގެ ކޮން ޞަފުޙާއެއްގައިވާ ސުވާލެއްކަން ވެސް ހާމަކޮށްފައި ހުރެއެވެ. ސުވާލު ބޭންކުގައި ދިވެހި، އިނގިރޭސި، ހިސާބު، ސައިންސް، އިސްލާމް، ޤުރުއާން، ސޯޝަލް ސްޓަޑީޒް، ބިޒްނަސް އަދި އިކޮނޮމިކްސް ފަދަ ގިނަ މާއްދާތައް ހިމެނެއެވެ.
ގޭމްތަކުގެ ބޮޑު ބައެއް ފަރުމާކޮށްފައި ވަނީ ދިވެހި މާޙައުލާ ގުޅުވައިގެންނެވެ. އޭގެ ތެރޭގައި ރަށެއް ކުއްޔަށް ނަގައިގެން ރިސޯޓެއް ތަރައްޤީކުރާ "ރިސޯޓް ބޮސް"، ރަށު ފިހާރައެއް ބެލެހެއްޓޭ "ބޮޑު ފިހާރަ"، މަސް ކިރައި ހިސާބު ހަދާ "މަސްމާރުކޭޓު"، ސައިހޮޓާ ހިންގާ ގޭމް، ކުއްލި ޙާލަތްތައް ބެލެހެއްޓޭ "ރެސްކިއު ޑިސްޕެޗް" އަދި ކަނޑު ދަތުރުގެ ޝެޑިއުލް ކަނޑައަޅާ "ފެރީ ލިންކް" ހިމެނެއެވެ. ދިވެހި ތާރީޚާ ގުޅޭ "އުތުރު އުތުރު" އާއި "3 ނޮވެމްބަރު 1988" ގެ އިތުރުން ރަދީފުގެ އެހީގައި ކުޅެވޭ ދިވެހި ކްރޮސްވޯޑާއި ބަސް ހޯދުމުގެ ގޭމްތައް ވެސް ހުރެއެވެ. ހަގު ކުދިންނަށް އަކުރު ދަސްކޮށްދޭ ގޭމްތަކާއި، ދޮށީ ދަރިވަރުންނާއި ޓީޗަރުންނަށް ކޮންމެ ދުވަހަކު އާ ޕަޒަލްތައް ވެސް ލިބެއެވެ.
ދަރިވަރުންގެ ޝައުޤު ދެމެހެއްޓުމަށް ހަފުތާ، މަސް އަދި ޤައުމީ ފެންވަރުގެ ލީޑަރބޯޑުތަކާއި 58 ބެޖެއް ހިމަނާފައިވެއެވެ. ބެލެނިވެރިންނަށް ދަރިވަރުގެ ކުރިއެރުމާއި ގޭމުގައި ހޭދަކުރާ ވަގުތު ބެލޭ ޚާއްޞަ ޑޭޝްބޯޑެއް ވެސް ލިބެއެވެ. ޕްލެޓްފޯމުގައި އެއްވެސް އިޝްތިހާރެއް ނުހިމެނޭއިރު ކުޅުންތެރިންގެ މެދުގައި ޗެޓްކުރެވޭ ގޮތެއް ވެސް ނޯވެއެވެ.
ސިލަބައި ޓީމުން ބުނީ ކުދިން މިހާރު ވެސް ގޭމް ކުޅުމުގައި ގިނަ ވަގުތު ހޭދަކުރާ ކަމަށާއި، މަޤްޞަދަކީ އެ ވަގުތު ބޭނުންތެރި ވަގުތަކަށް ބަދަލުކުރުން ކަމަށެވެ. "ސިލަބައި ގޭމްސްގެ ކޮންމެ ގޭމެއްގައިވެސް ސުވާލުތައް ކުރެވެނީ އެ ކުއްޖެއްގެ އަމިއްލަ ސިލަބަހުން. ކުއްޖާ ކިޔަވާ ފޮތްތަކުން، އެހެންކަމުން ގޭމް ކުޅުމާއި ފިލާވަޅު މުރާޖަޢާކުރުން މި ވަނީ އެއްކަމަކަށް،" ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ޕްލެޓްފޯމް އޮކްޓޫބަރު 26 އިން ފެށިގެން ވެބް ބްރައުޒަރު މެދުވެރިކޮށް ކޮންމެ ފޯނެއް، ޓެބްލެޓެއް ނުވަތަ ކޮމްޕިއުޓަރެއްގައި ކުޅެވޭ ގޮތަށް ހުޅުވާލާފައިވާއިރު، އެންޑްރޮއިޑް އަދި އައިއޯއެސް އެޕްތައް ވަރަށް އަވަހަށް ނެރޭނެ ކަމަށް ސިލަބައިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް