މައިގަނޑު ބަޔަށް ދާން

ދުނިޔެ

ސްޕެއިނުގެ ރޭލު އެކްސިޑެންޓް - ކޮންޓްރޯލް ރޫމާއި ޑްރައިވަރުންގެ އޯޑިއޯ ލީކުކޮށްފި

ސްޕެއިނުގައި ބުދަ ދުވަހު ހެނދުނު ހިނގި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވެފައިވާއިރު، ހާދިސާ ހިނގުމުގެ ކުރިން ރޭލު ޑްރައިވަރުންނާއި ކޮންޓްރޯލް ސެންޓަރާ ދެމެދު ދެކެވުނު ވާހަކަތައް ހިމެނޭ އޯޑިއޯ ރެކޯޑިންތައް ސްޕެއިނުގެ މީޑިއާތަކުން އާންމުކޮށްފިއެވެ.

ސްޕެއިނުގެ ރޭލު އެކްސިޑެންޓް - ކޮންޓްރޯލް ރޫމާއި ޑްރައިވަރުންގެ އޯޑިއޯ ލީކުކޮށްފި

ސްޕެއިނުގައި ބުދަ ދުވަހު ހެނދުނު ހިނގި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވެފައިވާއިރު، ހާދިސާ ހިނގުމުގެ ކުރިން ރޭލު ޑްރައިވަރުންނާއި ކޮންޓްރޯލް ސެންޓަރާ ދެމެދު ދެކެވުނު ވާހަކަތައް ހިމެނޭ އޯޑިއޯ ރެކޯޑިންތައް ސްޕެއިނުގެ މީޑިއާތަކުން އާންމުކޮށްފިއެވެ.

މެޑްރިޑުން ސެވިލާއަށް ދަތުރުކުރި ސަރުކާރު ކުންފުނި ރެންފެގެ ރޭލު، ޓެކްނިކަލް މައްސަލައެއް ދިމާވެ މަޑުކޮށްގެން އޮތް އަމިއްލަ ކުންފުނި އިރިޔޯގެ ރޭލެއްގެ ފަހަތުން ޖެހުނު މި ހާދިސާގައި ލީކުވި ތިން ރެކޯޑިންއިން ހާމަވި ގޮތުގައި، ގާތްގަނޑަކަށް 25 ކިލޯމީޓަރު ކުރީގައި ރޭލެއް ހުއްޓިފައި އޮތް ކަން އެނގި ހުރެ ދެވަނަ ހައި ސްޕީޑް ރޭލަށް ސްޕީޑް ލިމިޓެއް ނެތި ކުރިއަށް ދިއުމުގެ ހުއްދަ ދީފައިވެއެވެ. ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން އޮޓޮމެޓިކް ސިގްނަލިން ސިސްޓަމް ފެއިލްވެ، އެ ސަރަހައްދުގެ ހުރިހާ ރޭލެއް ހުއްޓައިލަން ޖެހުނެވެ. ނަމަވެސް ފަހުން ރެންފެ ރޭލަށް ކުރިއަށް ދިއުމަށް އެންގީ "ގޯސް" ނިންމުމެއް ނިންމައިގެން ކަމަށް ސްޕެއިނުގެ ދަތުރުފަތުރާ ބެހޭ މިނިސްޓަރު އޮސްކާ ޕުއެންޓެ ބުންޏެވެ. ސްޕީޑް ލިމިޓެއް ނެތި ކުރިއަށް ދާން އެންގި އެންގުމަކީ "ހަމަނުޖެހޭ" ނިންމުމެއް ކަމަށް ވެސް ޕުއެންޓެ ސިފަކުރިއެވެ.

ރެކޯޑިންތަކުން އެނގޭ ގޮތުގައި، އިރިޔޯގެ ޑްރައިވަރު ކޮންޓްރޯލް ސެންޓަރަށް އެންގީ ރޭލު ކޮންޓްރޯލް ސިސްޓަމާ ގުޅުން ކެނޑިފައި ވާތީ ހުއްޓިފައި އޮތް ކަމަށެވެ. އެ ޑްރައިވަރަށް ކުރިއަށް ދިއުމަށް އެންގި ނަމަވެސް ފަހުން އޭނާ އަލުން ގުޅައި ރޭލު ދުއްވައިނުގެނެވޭ ކަމަށް ބުންޏެވެ. ރެންފެ ރޭލުގެ ޑްރައިވަރު ޢާންމު ސްޕީޑުގައިތޯ ކޮންޓްރޯލަރާ ސުވާލުކުރުމުން ޖަވާބުގައި "Yes" ކަމަށް ބުނެފައިވެއެވެ. ރެންފެ ރޭލުގައި 397 ފަސެންޖަރުން ތިބިއިރު އިރިޔޯ ރޭލުގައި 147 ފަސެންޖަރުން ތިއްބެވެ. ސަލާމަތްވި ފަރާތްތައް ކިޔައިދިން ގޮތުގައި ކެރޭޖުތެރޭ މީހުން ރޮމުން ލޭ އޮހޮރެމުން ދިޔައެވެ. ގޮނޑީގައި ތާށިވެފައި ތިބި މީހުންނާއި ގުނަވަންތައް ވަކިވެފައި ތިބި މީހުން ފެނުނު ކަމަށާއި ކެރޭޖެއްގައި އަލިފާން ރޯވެ ދުން ފެތުރިގެން ދިޔަ ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.

ވާތުފިޔައިގެ ޕޮޑެމޮސް ޕާޓީގެ ބޮޑުވަޒީރުކަމުގެ ކެންޑިޑޭޓް އިރެނެ މޮންޓެރޯ ބުނީ މި ހާދިސާގެ ޒިންމާ އެންމެ މަސައްކަތްތެރިއެއްގެ ބޮލުގައި ނޭޅުވޭނެ ކަމަށާއި ރޭލު ދާއިރާ ޕްރައިވެޓައިޒް ކުރުމުގެ ނުރައްކާ ޑްރައިވަރުންނާއި ތަޖުރިބާކާރުން ކިތަންމެ އަހަރެއް ކުރިން ހާމަކޮށްފައިވާ ކަމަށެވެ. ރޭ މެޑްރިޑުގައި ގާތްގަނޑަކަށް 1,500 މީހުން ދަތުރުފަތުރާ ބެހޭ މިނިސްޓްރީ ބިލްޑިންގުގެ ކައިރިއަށް އެއްވެ ބޮޑުވަޒީރު ސާންޗެޒާއި މިނިސްޓަރު ޕުއެންޓެ އިސްތިއުފާ ދިނުމަށް ގޮވައިލިއެވެ. މުޒާހިރާ ރޫޅައިލުމަށް ފުލުހުން ކަރުނަ ގޭސް ބޭނުންކުރިއެވެ.

ބުރާސްފަތި ދުވަހު ސްޕެއިނުގެ ރަސްގެފާނު ފެލީޕެ ހަވަނައާއި ރާނީ ލެޓީސިއާ ޓޮލީޑޯ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދިޔަ ޒަޚަމީންނަށް ޒިޔާރަތްކޮށް ޤުރުބާނީންގެ ޢާއިލާތަކަށް ތައުޒިޔާ ދެންނެވިއެވެ. ރޭލު ޑްރައިވަރުންގެ ޔޫނިއަން ސެމާފުން ބުނީ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ހަޅުތާލަކީ "ރޭލު ސަލާމަތީ ކަންކަން ހިމާޔަތް ކުރުމުގެ" ގޮތުން ހިންގި ހަރަކާތެއް ކަމަށެވެ. ހާދިސާ ހިނގި ސަރަހައްދުގައި ސިވިލް ގާޑުގެ 900 އަށް ވުރެ ގިނަ މީހުންނާ އެކު ޑްރޯންތަކާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ޤުރުބާނީން ހޯދައި ގެއްލުން ސާފުކުރުމުގެ މަސައްކަތް ރެއާ ދުވާލު ކުރިއަށް ދެއެވެ. މަރުވި ގިނަ ބައެއް ދެނެގަނެވިފައި ނުވާތީ، ގެއްލިފައިވާ ޢާއިލާ މީހުން ޑީއެންއޭ ސާމްޕަލް ދިނުމަށް ކައިރީގައި ޤާއިމުކޮށްފައިވާ މަރުކަޒުތަކަށް ދިއުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ. 2013 ގެ ފަހުން ސްޕެއިނުގައި ހިނގި އެންމެ ގެއްލުން ބޮޑު ރޭލު ހާދިސާ ކަމުގައިވާ މި ހާދިސާއާ ގުޅިގެން ތިން ދުވަހުގެ ޤައުމީ ހިތާމައިގެ ދުވަސް ބުރާސްފަތި ދުވަހު ފެށިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.