ތިން މަހެއްހާ ދުވަހުގެ ތެރޭގައި ގައުމީ ލަފާދޭ މަޖިލީހެއް އުފައްދަނީ
3 maheh haa dhuvahuge thereygai gaumee lafaa dhey majileeheh ufahdhanee
Ahmed Aahil Saeed
01 August 2026
ރައީސް ޑރ މުހައްމަދު މުޢިއްޒު- ފޮޓޯ/ ރައީސް އޮފީސް
ތަފާތު ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ ސަތޭކައަށް ވުރެ ގިނަ ފަންނުވެރިން ހިމެނޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް ޚާއްޞަ ގައުމީ މަޖިލީހެއް ތަޝްކީލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ހާމަކުރައްވައިފި އެވެ.
ދައުލަތުގެ މީޑިއާ އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުން ގައުމީ ކަންކަމުގައި ޚިޔާލު ދީ ބަސް ކިޔުމުގެ ރަސްމީ ނިޒާމެއް ގާއިމުކުރެއްވުމަކީ ކޮންމެހެން ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމެއް ކަމަށެވެ. މި މަޖިލީހުގައި ސިއްޙީ ދާއިރާ ތައުލީމީ ދާއިރާ އިޤުތިޞާދީ ދާއިރާ ފަދަ ތަފާތު ރޮނގުތަކުން ޢިލްމާއި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅުންނާއި މަތީ މަގާމުތަކުގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން ހިމެނިވަޑައިގަންނަވާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"އެ ބޭފުޅުންނަށް ފުރުސަތު މިދެނީ ނިޒާމުގެ ތެރެއިން ގައުމުގައި ހުންނަ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ކަންކަމުގައި ޕޭޕަރު ހުށަހަޅައި ކަންކަމުގައި މަޝްވަރާ ދެއްވާ އަދި މިފަދަ ކަންކަން ކުރުމުގައި. މިކަން ވެސް ދެކޮޅަށް ހިނގާނެ" ރައީސް ވިދާޅުވި އެވެ.
"އެއީ އެބޭފުޅުން އިސް ނަގައިގެން ކަންކަން ހުށަހެޅުމާއި އަޅުގަނޑުމެންގެ ފަރާތުން ވެސް އަދި ދައުލަތުގެ އެހެން މުއައްސަސާތަކުން ވެސް އެ ބޭފުޅުންގެ ލަފާ ހޯދޭނެ."
މި މަޖިލީހާއި ޚާއްޞަ މަޝްވަރާ މަޖިލީހެއް އެކުލަވައިލައްވާނެ ކަން ރައީސް އެންމެ ފުރަތަމަ އިއުލާނުކުރެއްވީ މި މަހުގެ 26 ގައި ބޭއްވި ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ރައީސް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ މަޖިލިސް އެކުލަވައިލުމުގެ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތެވެ. ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި މަޖިލިސް ރަސްމީކޮށް އެކުލަވައިލެއްވޭނެ ކަމަށް އެ މަނިކުފާނު އުންމީދުކުރައްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް