ބިޓުމަން ލިބުން ދަތިވެ ސްރީލަންކާގެ މަގު ހެދުމުގެ މަޝްރޫޢުތައް ހުއްޓުމަކަށް
ތާރު އެޅުމަށް ބޭނުންވާ ބިޓުމަން ލިބުން ދަތިވެ، ސްރީލަންކާގައި ކުރިއަށްދާ މަގު ހެދުމުގެ ގިނަ މަޝްރޫޢުތަކެއް ބޮޑު މަޑުޖެހުމަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެ ޤައުމުގެ މަރުކަޒީ ބޭންކުން ހާމަކޮށްފިއެވެ.
ތާރު އެޅުމަށް ބޭނުންވާ ބިޓުމަން ލިބުން ދަތިވެ، ސްރީލަންކާގައި ކުރިއަށްދާ މަގު ހެދުމުގެ ގިނަ މަޝްރޫޢުތަކެއް ބޮޑު މަޑުޖެހުމަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެ ޤައުމުގެ މަރުކަޒީ ބޭންކުން ހާމަކޮށްފިއެވެ.
މި މައްސަލަ ދިމާވީ މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެ، އެ ސަރަޙައްދުން މުދާ އެތެރެކުރުމަށް ހުރަސްތައް ކުރިމަތިވުމުންނެވެ. ސްރީލަންކާއަށް އެންމެ ގިނައިން ބިޓުމަން ފޯރުކޮށްދޭ ޤައުމަކީ އީރާނެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އީރާނުން ތަކެތި ލިބުން ވަނީ ހުއްޓިފައެވެ.
ސްރީލަންކާގެ ރޯޑް ޑިވެލޮޕްމަންޓް އޮތޯރިޓީން ބުނާ ގޮތުގައި، މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 20,000 މެޓްރިކް ޓަނުގެ ބިޓުމަން ބޭނުންވެއެވެ. އީރާނުން ތަކެތި ނުލިބެން ފެށުމާ ގުޅިގެން މިހާރު މަސައްކަތްކުރަމުން ދަނީ ޗައިނާ، އިންޑިއާ، މެލޭޝިއާ އަދި ތައިލެންޑް ފަދަ ޤައުމުތަކުން މި މާއްދާ ހޯދުމަށެވެ. އެހެންނަމަވެސް މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުދާ އުފުލުމާއި އިންޝުއަރެންސްގެ ޚަރަދު ބޮޑުވެފައިވާތީ، އެހެން ޤައުމުތަކުންވެސް ހޯދުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވެއެވެ.
އިމާރާތްކުރުމުގެ ދާއިރާގެ އެހެން މަސައްކަތްތައް ކުރިއެރި ނަމަވެސް، މަގު ހެދުމުގެ ދާއިރާއަށް ވަނީ ބޮޑު ހުރަހެއް ކުރިމަތިވެފައެވެ. ހުނަރުވެރި މަސައްކަތްތެރިން ލިބުން ދަތިވުމަކީ ވެސް މި ވަގުތު ސްރީލަންކާގެ ކޮންސްޓްރަކްޝަން ދާއިރާއަށް ކުރިމަތިވެފައި އޮތް އިތުރު މައްސަލައެއް ކަމަށް އެ މަރުކަޒީ ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ. މި ގޮންޖެހުންތަކާ އެކުވެސް، އަލަށް ލިބެމުންދާ މަޝްރޫޢުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މި ދާއިރާ އިޢާދަވާނެ ކަމުގެ އުންމީދު އޮތް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް