ޣައްޒާގެ ބޭސް ގުދަންތަކަށް ހަމަލާދީ ޞިއްޙީ ޚިދުމަތް އިތުރަށް ނުރައްކަލަށް
Gaza beys gudhanakah hamalaadhee siyhee hidhumaiy ithuru nurakkalakah
Ahmed Aahil Saeed
02 August 2026
ޣައްޒާއަށް ދިން ހަމަލާ؛ ފޮޓޯ / އަލްޖަޒީރާ
ޔަހޫދީ ފައުޖުތަކުން ދީރުލް ބަލާޙްގެ ހަސްފަތާލަކާ ގުޅިފައިވާ ބޭހުގެ ދެ ގުދަނަކަށް ރޭ ދިން ހަމަލާތަކުގައި އެ ތަންތަން ސުންނާފަތިވެ ޣައްޒާ ސިޓީގެ ޝައިޚް ރަޛްވާންއަށް ދިން ވަކި ހަމަލާއެއްގައި ދެ މީހުން ޝަހީދުވެއްޖެއެވެ.
ހަލާކުވި ދެ ގުދަނަކީ އަލް-އަޤްޞާ މާޓިއާސް ހަސްފަތާލުގެ ބެލުމުގެ ދަށުގައި ހުރި ތަންތަނެވެ. އެ ހަސްފަތާލުން ހާމަކުރި ގޮތުގައި ގުދަންތަކުގައި ރައްކާކޮށްފައި ހުރީ ޑަޔަލަސިސް ބަލިމީހުންނަށް ކޮންމެހެން ލާޒިމު ސާމާނާއި ޒަޚަމްވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ބޭހާއި އެހެނިހެން ވަސީލަތްތަކެވެ.
މީގެ އިތުރުން އިތުރު ދެ ގުދަނަކާއި ހަސްފަތާލުގެ ކްލިނިކަކަށް ވެސް ޔަހޫދީންގެ ހަމަލާތަކުން ގެއްލުން ލިބުނު ކަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުންޏެވެ. ހަމަލާ އެރި ސަރަޙައްދުގައި ފޭލިގެތަކުގައި ދިރިއުޅެމުން ދިޔަ ގާތްގަނޑަކަށް 70 މީހުންގެ ހިޔާވެހިތައް ވެސް ހަލާކުވިއެވެ.
އެ ހަސްފަތާލުގެ ޑޮކްޓަރެއް ކަމުގައިވާ ޚަލީލް އަލް-ދަޣްރާން ވަނީ މި ހަމަލާތައް ބޮޑެތި ޖަރީމާތަކެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ދަންވަރު ދެވުނު އެ ހަމަލާތަކުގައި ގުދަންތަކުގައި ހުރި ބޭސްތައް އެއްކޮށް ނެތިގެން ގޮސްފައިވެއެވެ.
ޣައްޒާގެ ޞިއްޙީ ނިޒާމު ވަނީ ހަނގުރާމައިގެ ސަބަބުން ފުނޑުފުނޑުވެ ރައްޔިތުންނަށް އެކަށީގެންވާ ފަރުވާ ނުދެވޭ ހާލަތަކަށް ވެއްޓިފައެވެ. ޞިއްޙީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި ސޯޑިއަމް ބައިކާބޮނޭޓް ނުލިބުމުގެ ސަބަބުން ޑަޔަލަސިސް މެޝިންތަކުގެ ދެބައިކުޅަ އެއް ބައި ވަނީ ހުއްޓިފައެވެ. ޑަޔަލަސިސް ފަރުވާ ލިބޭ ހަސްފަތާލުގެ ޢަދަދު ހަތަކުން ހަތަރަކަށް ދަށްވެފައިވާއިރު ޣައްޒާއަށް މުދާ ވެއްދުމުގެ ދަތިކަމާ ހެދި މި ޙާލަތު ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް