ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތާ ގުޅޭ ގޮތުން އީރާނުން ސަޢޫދީ އާއި ޢުމާނާ މަޝްވަރާކޮށްފި
Hormuz kandu olheege salaamathaai gulhey gothun Iran in Saudi aai Oman aai masharaa koffi
Ahmed Aahil Saeed
28 July 2026
ހޮރްމޫޒް ކަނޑުއޮޅި؛ ފޮޓޯ / އެންބީސީ
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް އަރާޣްޗީ ހޮރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި ސަޢޫދީ ޢަރަބިއްޔާ އާއި ޢުމާނުގެ ޚާރިޖީ ވަޒީރުންނާ ވަކިވަކިން ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ.
އީރާނުގެ ރަސްމީ ނޫސް އެޖެންސީ އައި.އާރް.އެން.އޭ ރިޕޯޓުކުރި ގޮތުގައި އަރާޣްޗީ ފޯނުން ގުޅުއްވީ ޢުމާނުގެ ޚާރިޖީ ވަޒީރު ބަދުރު އަލްބޫސަޢީދީ އާއި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރްޙާން އާލް ސަޢޫދަށެވެ.
މި ފޯނު ކޯލުތަކުގައި ތިން ބޭފުޅުން ވަނީ ދެ ފަރާތުގެ ގުޅުންތަކާއި ސަރަޙައްދީ އެންމެ ފަހުގެ ޙާލަތު މުރާޖަޢާ ކުރައްވާފައެވެ.
މި މަޝްވަރާތަކުގައި ތިން ޤައުމުގެ ޚާރިޖީ ވަޒީރުން ވަނީ "ސަރަޙައްދުގައި ހަމަޖެހުން ޤާއިމުކުރުމަށާއި އެމެރިކާގެ ޢުދުވާނީ ޢަމަލުތަކުގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅިއަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ކުރިމަތިލުމަށް އެއްބާރުލުން ވަރުގަދަކޮށް ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށް" ބާރު އަޅުއްވާފައި ކަމަށް އައި.އާރް.އެން.އޭ އިން ބުނެފައިވެއެވެ.
މި މަޝްވަރާތަކުން ދައްކައިދެނީ ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތީ މައްސަލައިގައި ސަރަޙައްދީ ފެންވަރުގައި ޤައުމުތަކުގެ މެދުގައި ޑިޕްލޮމެޓިކް މަސައްކަތް އިތުރުވަމުންދާ މިންވަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް