ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ދިރިއުޅުން ބަދަލުކޮށްލެވިދާނެ ފަސް ގޮތެއް
ދިރާސާތަކުން ދައްކާ ގޮތުގައި ވަގުތު ރަނގަޅަށް ބެލެހެއްޓުމުގެ ހުނަރު ހުންނަ މީހުންގެ ދިރިއުޅުމުގެ ހިތްހަމަޖެހުން ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެއެވެ. 2025 ވަނަ އަހަރު ގްލޯބަލް ޕްރޮޑަކްޓިވިޓީ އިންސްޓިޓިއުޓުން ހެދި ސާވޭއެއް ދައްކާ ގޮތުގައި ވަގުތު ބެލެހެއްޓުމުގެ އާދަ ގެންގުޅޭ މީހުންގެ ވަޒީފާގެ ހިތްހަމަޖެހުން 30 އިންސައްތަ އިތުރުވެ ހާސްކަން 25 އިންސައްތަ ކުޑަވެއެވެ. ވަގުތު ރަނގަޅަށް ބެލެހެއްޓުމަކީ ހާސްކަން ކުޑަކޮށް މަސައްކަތުގެ ނަތީޖާ ރަނގަޅުކޮށް ހިތްވަރު އާކޮށްދޭ ކަމެކެވެ. ކޮންމެ ދުވަހެއްގެ މުހިންމު ކަންކަން ތަރުތީބުކޮށް ނިންމައިލެވޭ ނަމަ މަސައްކަތް ނިންމާލެވުން އަވަސްވެ ހުސް ވަގުތުވެސް އިތުރުވެއެވެ.
އަހުމަދު އާހިލް ސައީދު
ކޮންމެ މީހަކަށްވެސް ދުވާލަކު ލިބެނީ 24 ގަޑި އިރެވެ. އެއީ ކާމިޔާބު މީހަކަށް ވިޔަސް ކަންނެތް މީހަކަށް ވިޔަސް ބަދަލެއް ނެތް ހަގީގަތެކެވެ. ތަފާތަކީ އެ ވަގުތުކޮޅު ބޭނުންކުރާ ގޮތެވެ. "ފައިސާ ފަދައިން ވަގުތަކީ ވެސް އަގު ބޮޑު އަދި މިންވަރު ކަނޑައެޅިފައިވާ އެއްޗެކެވެ. ވަގުތު ހިމާޔަތްކޮށް ވިސްނުންތެރިކަމާ އެކު ބޭނުންކޮށް ބަޖެޓުކުރަން ޖެހެއެވެ. ވަގުތު ރަނގަޅަށް ބެލެހެއްޓުމުގެ ފައިދާ ހީކުރެވޭ ވަރަށް ވުރެ މާ ބޮޑެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ވަގުތު ރަނގަޅަށް ބެލެހެއްޓުމުގެ ހުނަރު ހުންނަ މީހުންގެ ދިރިއުޅުމުގެ ހިތްހަމަޖެހުން ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެއެވެ. 2025 ވަނަ އަހަރު ގްލޯބަލް ޕްރޮޑަކްޓިވިޓީ އިންސްޓިޓިއުޓުން ހެދި ސާވޭއެއް ދައްކާ ގޮތުގައި ވަގުތު ބެލެހެއްޓުމުގެ އާދަ ގެންގުޅޭ މީހުންގެ ވަޒީފާގެ ހިތްހަމަޖެހުން 30 އިންސައްތަ އިތުރުވެ ހާސްކަން 25 އިންސައްތަ ކުޑަވެއެވެ. ވަގުތު ރަނގަޅަށް ބެލެހެއްޓުމަކީ ހާސްކަން ކުޑަކޮށް މަސައްކަތުގެ ނަތީޖާ ރަނގަޅުކޮށް ހިތްވަރު އާކޮށްދޭ ކަމެކެވެ. ކޮންމެ ދުވަހެއްގެ މުހިންމު ކަންކަން ތަރުތީބުކޮށް ނިންމައިލެވޭ ނަމަ މަސައްކަތް ނިންމާލެވުން އަވަސްވެ ހުސް ވަގުތުވެސް އިތުރުވެއެވެ.
ނަމަވެސް ވަގުތު ބޭކާރުވާ ގޮތްތައް ވަރަށް ގިނައެވެ. އެވެރެޖް ގޮތެއްގައި ކޮންމެ މީހަކު ދުވާލަކު ހަ ގަޑި އިރާ 51 މިނެޓު ސްކްރީނު ބެލުމުގައި ހޭދަކުރެއެވެ. ޑޭޓާ ރިޕޯޓަލް އިން ހެދި ދިރާސާ ދައްކާ ގޮތުގައި 2026 ވަނަ އަހަރު ސޯޝަލް މީޑިއާގައި އެކަނި ދެ ގަޑި އިރާ 21 މިނެޓު ހޭދަކުރެއެވެ. ރެޒޫމީ ނައުގެ 2025 ވަނަ އަހަރުގެ ރިޕޯޓުން ދައްކާ ގޮތުގައި 58 އިންސައްތައަށް ވުރެ ގިނަ މުވައްޒަފުންނަށް މަސައްކަތާ ނުގުޅޭ ކަންކަމުގައި ދުވާލަކު 30 މިނެޓާއި އެއް ގަޑި އިރާ ދެމެދުގެ ވަގުތެއް ގެއްލެއެވެ. މީގެ އިތުރުން ދިރާސާ ދައްކާ ގޮތުގައި މެދުކެނޑުންތަކާ ހެދި ކޮންމެ ހަފުތާއަކު ހަތް ގަޑި އިރުގެ ނަތީޖާ ނެރެވޭ ވަގުތު ގެއްލެއެވެ. އެއީ ކޮންމެ ހަފުތާއެއްގައި ގާތްގަނޑަކަށް މަސައްކަތުގެ ފުރިހަމަ އެއް ދުވަހެވެ. އެއް އަހަރު ދުވަހުން ބަލާ ނަމަ ގާތްގަނޑަކަށް 365 ގަޑި އިރު ގެއްލެއެވެ.
ދެން އޮތީ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ތިބާއަށް ކުރެވިދާނެ ފަސް ކަމެކެވެ.
ފުރަތަމައީ ދުވަހު ޕްލޭނެއް ހެދުމެވެ. ގަވާއިދުން ޕްލޭން ހަދައިގެން ކުރިއަށްދާ މީހުން ޕްލޭން ނުހަދާ މީހުންނަށް ވުރެ 42 އިންސައްތަ އިތުރަށް ލަނޑުދަނޑިތައް ހާސިލުކުރެއެވެ. ވަގުތާ ބެހޭ ދިރާސާތަކުން ސީދާ ދައްކައިދެނީ ޕްލޭން ކުރުމާއި ނަތީޖާއާ ދެމެދު އޮންނަ ގުޅުމެވެ. ހަފުތާގެ ކޮންމެ ދުވަހެއް ފެށުމުގެ ކުރިން 10 މިނެޓު ހޭދަކޮށް ކުރާނެ ކަންކަމާއި ތަރުތީބު ރާވައިލާށެވެ. ގޭގައި ކާ ގަޑި ދަރިންގެ ކަންކަން ވަޒީފާގެ މަސައްކަތް ހުރިހާ ކަމެއް ތަރުތީބުކޮށް ލިޔެލުމުން ހިތާއި ސިކުނޑިއަށް ހަމަޖެހުން ލިބެއެވެ.
ދެވަނައީ ސޯޝަލް މީޑިއާއާއި ފޯނު ބޭނުންކުރާ ވަގުތު މަދުކުރުމެވެ. ސޯޝަލް މީޑިއާ އެޕްތައް އެކަނި ހުއްޓައިލައިގެންވެސް ދުވާލަކު ދޭއް ބައި ގަޑި އިރަށް ވުރެ ގިނަ ވަގުތު ހޯދިދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. ފޯނު ނެގުން ހުއްޓައިލާކަށް ނުޖެހެއެވެ. ދުވާލުގެ ދެ ވަގުތެއް ނުވަތަ ތިން ވަގުތެއް ކަނޑައަޅައި ހަމައެކަނި އެ ވަގުތު ސޯޝަލް މީޑިއާ ބެލުމުން ބޮޑު ބަދަލެއް ފެނެއެވެ. މީގެ ބަދަލުގައި ލިބޭ ހުސް ވަގުތުގައި ފޮތެއް ކިޔައިލެވިދާނެއެވެ. ނުވަތަ ޢާއިލާއާ އެކު ވަގުތު ހޭދަކުރެވިދާނެއެވެ.
ތިންވަނައީ އެއް ފަހަރާ ކިތައް ކަންކަން ކުރަން މަސައްކަތް ނުކުރުމެވެ. އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަންގެ ދިރާސާ ދައްކާ ގޮތުގައި އެއް ކަމެއް ހިނގަ ހިނގާ ހުއްޓާ އެހެން ކަމެއް ކުރުމުން ނުވަތަ މަލްޓިޓާސްކިން ހެދުމުން ނަތީޖާ ނެރެވޭ ވަގުތުގެ 40 އިންސައްތައާ ހަމައަށް ގެއްލިދެއެވެ. ގިނަ ކަންކަން އެއް ފަހަރާ ކުރެވޭ ކަމަށް ހީވިޔަސް ހަގީގަތުގައި ނަތީޖާ ދަށްވެއެވެ. ކޮންމެ ވަގުތެއްގައި ވެސް އެންމެ ކަމެއް ހިޔާރުކޮށް ސީދާ އެ ކަމެއް ނިންމައިލުމުން ނަތީޖާ މާ ރަނގަޅެވެ.
ހަތަރުވަނައީ ތިބާގެ ހަށިގަނޑު އެންމެ ހީވާގި ވަގުތު ދެނެގަތުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުވަހުގެ ތެރޭގައި ސިކުނޑީގެ ތޫނުކަން ބަދަލުވެއެވެ. ބައެއް މީހުން އެންމެ ފޯކަސް ރަނގަޅީ ހެނދުނު މެންދުރު ކެއުމުގެ ކުރިންނެވެ. އެހެންކަމުން ސީރިއަސް ނިންމުންތަކާއި ބޮޑެތި މަސައްކަތް ހަށިގަނޑު އެންމެ ތާޒާ ވަގުތާ ދިމާކުރުން ބުއްދިވެރިއެވެ. ރާއްޖޭގެ ހޫނު މޫސުމާއި ރޯދަ މަސް ފަދަ ދުވަސްވަރު ހާއްސަކޮށް ހެނދުނު ކުރީ ކޮޅު ނުވަތަ ރޭގަނޑު ފަދަ ވަގުތު ބޮޑެތި މަސައްކަތަށް ހާއްސަކޮށްލެވިދާނެއެވެ.
ފަސްވަނައީ ނޫނެކޭ ބުނަން ދަސްކުރުމެވެ. ކެރި ކުޅެދޭ ވަރަށް ވުރެ ގިނައިން ކަންކަން ބޮލުގައި އެޅުމުން ހާސްކަން ބޮޑުވެ ނަތީޖާ ދަށްވެއެވެ. ކޮންމެ ދައުވަތަކަށް ކޮންމެ އެދުމަކަށް އާނ ބުނާކަށް ނުޖެހެއެވެ. ތިބާގެ ލަނޑުދަނޑިތަކާ ނުގުޅޭ ކަންކަމަށް ނޫނެކޭ ބުނެ ގަޑީން ރައްކާކުރެވޭ ވަގުތު ތިބާއަށް މުހިންމު ކަންކަމަށް ހޭދަކުރާށެވެ.
ވަގުތު ބެލެހެއްޓުމުގެ ހުނަރަކީ ދިރިއުޅުމުގެ ތެރޭގައި ތަރައްގީ ވަމުންދާ ހުނަރެކެވެ. ވަގުތު ބެލެހެއްޓުމުގެ ހަގީގީ މަގުސަދަކީ ހަމައެކަނި ގިނައިން މަސައްކަތް ކުރުމެއް ނޫނެވެ. ދިރިއުޅުމުގެ ފެންވަރު މުޅިން ބަދަލުކޮށްލުމެވެ. ކިތައް ކަންކަން ނިންމީތޯ ނޫން ރަނގަޅު ކަންކަމަށް ވަގުތު ދެވުނީތޯ ތިބާ ބެލުމުން ދިރިއުޅުމުގައި ހިތްހަމަޖެހުމާއި ބެލެންސް ހޯދޭނެއެވެ. މިއީ ކޮންމެ ދުވަހަކު ކުޑަ ބަދަލެއް ގެނެސްގެން ބޮޑު ނަތީޖާއެއް ނެރެވިދާނެ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް