ދުނިޔެ

ބަންގުލަދޭޝްގެ ރައީސް ޝަހާބުއްދީން ޞިއްޙީ ސަބަބުތަކާ ހެދި މަޤާމުން އިސްތިއުފާ ދެއްވައިފި

Bangladesh ge raees Shahabuddin sihhee sababuthakaa hedhee isthiufaa dhevvaifi

Ahmed Aahil Saeed

25 July 2026

0
ބަންގުލަދޭޝްގެ ރައީސް ޝަހާބުއްދީން ޞިއްޙީ ސަބަބުތަކާ ހެދި މަޤާމުން އިސްތިއުފާ ދެއްވައިފި

ބަންގަލަދޭޝްގެ ރައީސް، ޝަހާބުއްދީން؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

ޢުމުރުފުޅުން 76 އަހަރުގެ ޝަހާބުއްދީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ "އޮޓޮނޮމިކް ނިއުރޮޕަތީ" ކިޔާ ބައްޔެއް ހުރިކަން ފަހުގެ ޓެސްޓުތަކުން ދައްކާފައިވާ ކަމަށެވެ. އެ ބައްޔާ ގުޅިގެން ބައެއް ފަހަރު ކުއްލިއަކަށް ހޭނެތޭ ކަމަށާއި ޤާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާ އަދާކުރެއްވޭ ޙާލަތެއްގައި ނޫން ކަމަށް ޕާލަމެންޓުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ވެސް ދިޔައީ އެމަނިކުފާނު މަޤާމުން ފައިބައިވަޑައިގަތުމަށް ގޮވާލަމުންނެވެ.

ބަންގުލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން ފަސް އަހަރުގެ ދައުރު ހަމަވާން ދެ އަހަރު އޮއްވައި ޞިއްޙީ ޙާލުކޮޅު ހުރި ގޮތުން ހުކުރު ދުވަހު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޢުމުރުފުޅުން 76 އަހަރުގެ ޝަހާބުއްދީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ "އޮޓޮނޮމިކް ނިއުރޮޕަތީ" ކިޔާ ބައްޔެއް ހުރިކަން ފަހުގެ ޓެސްޓުތަކުން ދައްކާފައިވާ ކަމަށެވެ. އެ ބައްޔާ ގުޅިގެން ބައެއް ފަހަރު ކުއްލިއަކަށް ހޭނެތޭ ކަމަށާއި ޤާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާ އަދާކުރެއްވޭ ޙާލަތެއްގައި ނޫން ކަމަށް ޕާލަމެންޓުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ވެސް ދިޔައީ އެމަނިކުފާނު މަޤާމުން ފައިބައިވަޑައިގަތުމަށް ގޮވާލަމުންނެވެ.

ޕާލަމެންޓުގެ ރައީސް ޙާފިޡް އުއްދީން އަޙްމަދު އެ އިސްތިއުފާ ޤަބޫލުކުރައްވާފައިވާ ކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓްކުރެއެވެ. ރައީސްގެ ތަރުޖަމާނު ސަރުވަރު ޢާލަމް ވިދާޅުވި ގޮތުގައި "ޤާނޫނުއަސާސީ ބުނާ ގޮތުން ސޮއިކުރެއްވި ސިޓީ ޕާލަމެންޓުގެ ރައީސަށް ހުށަހެޅުއްވި ވަގުތުން ފެށިގެން އިސްތިއުފާ ސައްޙަ ވާނެ" ކަމަށެވެ. އާ ރައީސެއް އިންތިޚާބުކުރެވެންދެން ޕާލަމެންޓުގެ ރައީސް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރައްވާނެ ކަމަށާއި ޤާނޫނުއަސާސީގެ ދަށުން 90 ދުވަހުގެ ތެރޭގައި އާ ރައީސެއް ހޮވަން ޖެހޭނެއެވެ.

މި އިސްތިއުފާ އައީ މެއި މަހު ޝަހާބުއްދީން ބޭސްފަރުވައަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ދަތުރުފުޅުގައި ވެރިކަމުން ދުރުކުރެވުނު ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާ ފޯނުން ވާހަކަފުޅު ދެއްކެވި ކަމަށް މީޑިއާގައި ރިޕޯޓުތައް ފެތުރެމުން ދިޔަ ދަނޑިވަޅެއްގައެވެ. ޝަހާބުއްދީން އެ ރިޕޯޓުތައް ދޮގުކުރެއްވިއެވެ. އިސްތިއުފާ ދެއްވީ ކީއްވެތޯ ޑެއިލީ ސްޓާ ނޫހުން ސުވާލުކުރުމުން ވިދާޅުވީ ތަފާތު ޞިއްޙީ މައްސަލަތައް ހުރި ކަމަށާއި "އިތުރު ވާހަކައެއް ދައްކާކަށް ނެތް" ކަމަށެވެ.

ޝަހާބުއްދީން ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ 2023 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ. 2024 ވަނަ އަހަރުގެ އޮގަސްޓުގައި ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ޙަސީނާ މަޤާމުން ދުރުކުރެވި ވަގުތީ ސަރުކާރެއް އެކުލަވާލެވުނު ހަލަބޮލި ދުވަސްވަރެއްގައި ޤައުމުގެ ރައީސްގެ ޙައިސިއްޔަތުން ހުންނެވީ އެމަނިކުފާނެވެ. ޙަސީނާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގެ ނިއު ދެއްލީގައެވެ. ބަންގުލަދޭޝްގެ ރައީސްގެ ދައުރަކީ ބޮޑުބައިގައި ރަމްޒީ ދައުރެއް ކަމުން ހިންގުމުގެ ބާރު އޮންނަނީ ބޮޑުވަޒީރާއި ކެބިނެޓުގެ އަތްޕުޅުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް