ފީފާގެ ވޯލްޑް ކަޕް ހިއްސާ ވިއްކުމުގެ ރޭވުން ދޫކޮށްލައްވައިފި
FIFA World Cup hissaa vikkumuge reyvun dhookollaifi
Ahmed Aahil Saeed
01 August 2026
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ
ވޯލްޑް ކަޕާއި ކްލަބް ވޯލްޑް ކަޕް ހިންގުމަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ހޯދަން ފީފާއިން ރޭވި ބިޔަ މަޝްރޫޢު ބައިނަލްއަޤުވާމީ ފެންވަރުގައި އުފެދުނު ވަރުގަދަ ދެކޮޅުހެދުންތަކާ ގުޅިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ނިންމަވައިފިއެވެ.
އަންގާރަ ދުވަހު ހުށަހެޅުނު މި ޕްލޭނުގެ ދަށުން ފީފާ ފޯވާޑް އެންޓަޕްރައިޒް ނަމުގައި އައު ކުންފުންޏެއް އުފައްދައި 20 ބިލިއަން ޑޮލަރުގެ އަގު ކަނޑައެޅުމަށްފަހު 4.2 ބިލިއަން ޑޮލަރާ ހަމައަށް ހިއްސާ ވިއްކަން ވަނީ ރާވައިފައެވެ. މައިގަނޑު ހިއްސާ ގަންނާނެ ކަމަށް ބެލެވުނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ދަނބިދަރިފުޅު ޖަރުޑް ކުޝްނޫގެ ބޭބެގެ ކުންފުނިންނެވެ.
ޔުއެފާއިން ވޯލްޑް ކަޕް ފަދަ މުބާރާތްތައް ވިއްކައިނުލެވޭނެ ކަމަށް ބުނެ ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ދިނެވެ. ހަމައެއާއެކު އޭއެފްސީއާއި އުތުރު އެމެރިކާ/ ކެރީބިއަން ބައްރުގެ ފުޓްބޯޅަ ޖަމިއްޔާއިންވެސް އިތުރު ވިސްނުމަށް ގޮވާލިއެވެ. ހުކުރު ދުވަހު ކަންތައް ގޯސްވީ އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު ކާލޯސް ކޯޑޭރޯ މަޤާމުން ވަކިވެވަޑައިގެންނެވުމުންނެވެ. ކޯޑޭރޯ ސިފަކުރެއްވި ގޮތުގައި މިއީ "ފީފާގެ މެމްބަރު އެސޯސިއޭޝަންތަކަށާއި ފުޓްބޯޅައަށާއި އަދި ކުޅިވަރުގެ ކުރިމަގަށްވެސް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް" ކަމެވެ.
"އަހަރެމެންގެ މަގްސަދަކީ އަބަދުވެސް އަދި މުސްތަގުބަލުގައި ވެސް މަގުސަދަކަށް ވާނީ އެކުވެރިކުރުމާއި ކުރިއެރުވުން" އިންފަންޓީނޯ ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ. "ހުރިހާ ފަރާތްތަކެއްގެ ހިޔާލުތަކަށް ފުންކޮށް ވިސްނުމުން އެނގިގެންދިޔައީ މީގެ ސަބަބުން އުފެދިފައިވާ ބައިބައިވުމަކީ ތާއީދު އޮތް މިންވަރަކަށް ބެލިކަމުގައި ވީނަމަވެސް ފެށުނީއްސުރެ ހާސިލުކުރަން ބޭނުންވި މަގްސަދާ ހިލާފު ކަމެއްކަން" އޭނާ ވިދާޅުވިއެވެ.
ފީފާއިން ބުނެފައިވާ ގޮތުގައި މި ޕްލޭން ފާސްވިނަމަ މެމްބަރު 211 އެސޯސިއޭޝަނަށް ކޮންމެ ތަނަކަށް 20 މިލިއަން ޑޮލަރުގެ އެހީ 2027 ވަނަ އަހަރުގެ ކުރީކޮޅު ލިބޭނެ ކަމަށާއި 2027 އިން 2030 އަށް ކަނޑައެޅޭ ބަޖެޓު 8 މިލިއަން ޑޮލަރުން 20 މިލިއަން ޑޮލަރަށް އިތުރުވީސް ކަމަށެވެ. ނަމަވެސް ވޯޓު ކާމިޔާބު ނުވާނެކަން ޔަޤީންވުމާއެކު އިންފަންޓީނޯއަށް މި ހުށަހެޅުން ދޫކޮށްލެއްވުން ނޫން ގޮތެއް ނެތުނީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް