ގިނަ އަދަދެއްގެ ޔަހޫދީން އަލް އަޤްޞާ މިސްކިތުގެ ސަރަހައްދަށް ވަދެގެންފި
ގިނަ އަދަދެއްގެ ޔަހޫދީން އަލް އަޤްޞާ މިސްކިތުގެ ސަރަހައްދަށް ވަދެގެންފި
Ahmed Aahil Saeed
23 July 2026
ޔަހޫދީން؛ ފޮޓޯ / އޭއޭ ނިއުސް
ގިނަ އަދަދެއްގެ ޔަހޫދީން އަލް އަޤްޞާ މިސްކިތުގެ ސަރަހައްދަށް ވަދެގެންފިއެވެ.
ޔަހޫދީން އަލް އަޤްޞާ މިސްކިތުގެ ސަރަހައްދަށް ވަދެގެންފައިވަނީ އެމީހުންގެ ދީނީ މުނާސަބަތެއް ކަމަށްވާ "ތިޝާ ބިއާވް" މުނާސަބަތާ ދިމާކޮށްކަމަށް ކަމަށް ފަލަސްތީން މީޑިއާތަކުން ރިޕޯޓްކުރެއެވެ.
އަލްއަޤްޞާ މިސްކިތުގެ ސަރަހައްދަކީ އިސްލާމްދީނުގެ ތިންވަނައަށް އެންމެ މުޤައްދަސް ބިމުގެ އިތުރުން ފަލަސްޠީނުގެ ޤައުމީ ރަމްޒެކެވެ. ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް އެކުލަވާލެވިފައިވާ "ސްޓޭޓަސް ކޯ" އުސޫލުތަކުގެ ދަށުން، އެ ސަރަހައްދުގައި އަޅުކަން ކުރުމުގެ ހައްޤު ލިބިގެންވަނީ ހަމައެކަނި މުސްލިމުންނަށެވެ. "ތިޝާ ބިއާވް" އަކީ މީލާދީން 70 ވަނަ އަހަރު ރޯމަނުން ޔަހޫދީންގެ ފުރަތަމަ އަދި ދެވަނަ ފައްޅި ހަލާކުކޮށްލި ހާދިސާގެ ހަނދާން އާކުރުމަށް ޔޫދީން ފާހަގަކުރާ ހިތާމައިގެ ދުވަހެކެވެ.
ޤުދުސްގެ ގަވަރނަރޭޓުން މަޢުލޫމާތު ދޭ ގޮތުގައި، އިސްރާއީލުގެ ފުލުހުން ވަނީ އެއްފަހަރާ 150 މީހުންގެ ގްރޫޕްތަކަށް އަލް އަޤްޞާ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައެވެ. އެ މީހުން ވަނީ އެ ސަރަހައްދުގައި ތަލްމޫދީ އަޅުކަންތައް ކުރިއަށްގެންގޮސްފައެވެ. މިގޮތުން "ތެފިލިން" ބޭނުންކުރުމާއި، މިސްކިތުގެ އިރުމަތީ ބައިގައި ބޯޖަހައިގެން ކުރާ އަޅުކަންތަކާއި، ބާރަށް ދުޢާކުރުމާއި ސަނާ ކިޔުން ފަދަ ކަންކަން ހިންގާފައިވެއެވެ.
މިކަމާއި ގުޅިގެން އިސްރާއީލުގެ ސިފައިން ވަނީ އަލް އަޤްޞާ މިސްކިތުގެ ދޮރުކޮޅުތަކާއި މުޅި ބާޒާރުގެ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަކޮށް، ފަލަސްޠީނުގެ ގިނަ އަދަދެއްގެ އަޅުވެރިން އެ ސަރަހައްދަށް ވަނުން ހުއްޓުވާފައެވެ. ނަތީޖާއެއްގެ ގޮތުން ފަތިސް ނަމާދަށް ވަދެވުނީ ފަލަސްޠީނުގެ މަދު އަދަދެއްގެ މީހުންނަށް އެކަންޏެވެ.
މީގެ އިތުރުން، އެ ސަރަހައްދުގައި ތިބި ފަލަސްޠީނުގެ ބައެއް މީހުންނަށް އިސްރާއީލުގެ ސިފައިން އަނިޔާކޮށް ހަމަލާދީފައިވާ ކަމަށްވެސް ގަވަރނަރޭޓުގެ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް