ދުނިޔެ

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ނޭވަލް ބްލޮކޭޑެއް އިޢުލާންކޮށްފި

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ނޭވަލް ބްލޮކޭޑެއް އިޢުލާންކޮށްފި

Ahmed Aahil Saeed

20 July 2026

0
ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ނޭވަލް ބްލޮކޭޑެއް އިޢުލާންކޮށްފި

ހޫޘީންގެ އެއްވުމެއްގެ ތެރެއިން؛ ފޮޓޯ / ރޮއިޓާސް

މިކަން އިޢުލާންކޮށްފައިވަނީ ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައެވެ.

ޔަމަނުގައި ހަރަކާތްތެރިވާ އީރާނުގެ ތާއީދު އޮންނަ ހޫޘީ ޖަމާއަތުން ސައުދީ އަރަބިއްޔާއާ ދެކޮޅަށް ނޭވަލް ބްލޮކޭޑެއް ވަގުތުން ހިންގަން ފަށާފައިވާ ކަމަށް އިޢުލާންކޮށްފިއެވެ.

މިކަން އިޢުލާންކޮށްފައިވަނީ ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައެވެ.

ހޫޘީންގެ ބަޔާނުގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް މި ފިޔަވަޅު އެޅީ "ލޮލަކަށް ލޮލެއް" ގެ އުސޫލުން ކަމަށެވެ. މިއީ ސައުދީ އަރަބިއްޔާއިން ޔަމަނުގެ ބައެއް ސަރަހައްދުތަކާއި ބަނދަރުތައް ބަންދުކޮށްގެން ގެންގުޅޭ ސިޔާސަތަށް ރައްދު ދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.

ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވި ގޮތުގައި، މި ބަޔާން ނެރުނު ވަގުތުން ފެށިގެން ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ ނުވަތަ އެ ގައުމާ ގުޅުންހުރި ކަނޑުދަތުރުފަތުރުތަކަށް ހޫޘީން ހުރަސްއަޅާނެއެވެ. އަދި ސައުދީ އަރަބިއްޔާއިން އެއްވެސް ކަހަލަ ހަމަލާއެއް ނުވަތަ ނުރައްކާތެރި ފިޔަވަޅެއް އަޅައިފިނަމަ، ވަރުގަދަ އަދި ފުރިހަމަ ރައްދެއް ދޭނެ ކަމުގެ އިންޒާރުވެސް ހޫޘީން ވަނީ ދީފައެވެ.

މި ނިންމުން އައިސްފައިވަނީ ވޭތުވެދިޔަ ހަފުތާގައި ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަންޢާގެ ވައިގެ ބަނދަރަށް ދެވުނު ހަމަލާއަކާ ގުޅިގެން، ހޫޘީން ސައުދީ އަރަބިއްޔާއަށް މިސައިލް ހަމަލާތަކެއް ދިނުމަށްފަހުގައެވެ. މި ހަމަލާތަކާއެކު ދެ ފަރާތުގެ މެދުގައި ދިގު މުއްދަތަކަށް ދެމިގެންދިޔަ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައެވެ. ސަންޢާގެ ވައިގެ ބަނދަރަށް ދިން ހަމަލާގެ ޒިންމާ ޔަމަނުގެ ރަސްމީ ސަރުކާރުން ވަނީ އުފުލާފައެވެ.

މި ބްލޮކޭޑްގެ ސަބަބުން މެދުއިރުމަތީގެ ކަނޑުގެ ވިޔަފާރިއާއި، ހާއްސަކޮށް ސައުދީ އަރަބިއްޔާގެ ތެޔޮ އެކްސްޕޯޓް ކުރާ މައިގަނޑު ރޫޓެއް ކަމަށްވާ ބާބުލް މަންދަބް ކަނޑުއޮޅީގެ ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ހޫޘީންގެ މި އިޢުލާނާ ގުޅިގެން ސައުދީ އަރަބިއްޔާގެ ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް