ޕީއެންސީ މެންބަރުން ބައިބައި ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް އަބްދުއްރަހީމް ރައްދު ދެއްވައިފި
ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ ހުރިހާ މެންބަރުން ރައީސް މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ވަރުގަދައަށް ސާބިތުވެ ތިއްބެވި ކަމަށެވެ. ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ހޯދައިދެއްވުމަށް "ފިސާރި ގަދަކޮށް" ނުކުމެވަޑައިގެން ހުންނެވި ކަމަށް ވެސް ވިދާޅުވިއެވެ.
އަހުމަދު އާހިލް ސައީދު
ވެރިކަންކުރާ ޕީއެންސީގެ ތެރޭގައި ހިމޭން އިނގިލާބެއް ހިނގަމުންދާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްވެސް ކަމެއް ހާސިލު ނުކުރެވޭނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރޭ ރައްދު ދެއްވައިފިއެވެ.
ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ ހުރިހާ މެންބަރުން ރައީސް މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ވަރުގަދައަށް ސާބިތުވެ ތިއްބެވި ކަމަށެވެ. ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ހޯދައިދެއްވުމަށް "ފިސާރި ގަދަކޮށް" ނުކުމެވަޑައިގެން ހުންނެވި ކަމަށް ވެސް ވިދާޅުވިއެވެ.
"މަޖިލީހުގެ ތެރެއިން އެއް ކަމެއް ވެސް ނުކުރެވޭނެ ބައިބައެއް ނުކުރެވޭނެ. މޮޅު ވާހަކަ ދައްކާނެ ކަމެއް ނެތް. ރައްޔިތުންގެ މަޖިލީހުގައި ތިބި ހުރިހާ މެންބަރުން މި ތިބީ އެކީގައި ބަނދެލާފައި އޮތް ދަރުބޮނޑިއެއްހެން ގަދަކޮށް. އެކަތައިގެ ފާރެއްހެން ގަދަކޮށް ރައީސް މުއިއްޒުއާއެކު މިތިބީ. ރައީސް ޔާމީން ޖެހޭނީ ޖަމީލާ މަލީހުއާ ގޮވައިގެން މަހަށް ދާން" އަބްދުއްރަހީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް މި ރައްދު ދެއްވީ ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ އޮފީހުގައި ބުރާސްފަތި ރޭ ބޭއްވި ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅަށެވެ. އެ ޖަލްސާގައި ޔާމީން ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހޭ ގިނަ ބަޔަކު ޕީއެންސީގެ މެންބަރުންގެ ތެރޭގައި އެބަ ތިއްބެވި ކަމަށެވެ. މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ޤާނޫނުއަސާސީ ބަދަލުކޮށްފައިވާތީ އެ މެންބަރުންގެ ހިތުގައި ޕީއެންސީއަށް އިހުސާންތެރިކަމެއް ނެތް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"އެތަނުގައި މިހާރު އެ ހިނގަނީ ހަމަ ވަރަށް ސައިލެންޓްކޮށް ހިނގާ އިންގިލާބެއް އެ ހިނގަނީ އިނގޭތޯ ﷲ މިންވަރުކުރައްވާށި ދާދި ފަސޭހައިން މި ހާލަތު ބަދަލުވެގެންދާތަން އަޅުގަނޑުމެން ބަލަން ތިބޭނަން" ޔާމީން ވިދާޅުވިއެވެ.
ޕީއެންސީގެ އެތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުޅޭ ކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ނަމަވެސް ޕީއެންސީގެ މަޖިލިސް މެންބަރުން ގެންދަވަނީ އެއީ ދޮގެއް ކަމަށް ވިދާޅުވެ ރައްދު ދެއްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް