އޮސްޓްރޭލިއާއިން ލިބުނު އަސްކަރީ މަނަވަރު "ޢިމާދުއްދީން" ރަސްމީކޮށް ޚިދުމަތަށް ނެރެފި
Australia in libunu askaree manavaru Imaduddin rasmeekoh hidhumathah nerefi
Ahmed Aahil Saeed
28 July 2026
އޮސްޓްރޭލިއާއިން ލިބުނު އަސްކަރީ މަނަވަރު "ޢިމާދުއްދީން" ރަސްމީކޮށް ޚިދުމަތައް ގެނައުން؛ ފޮޓޯ / އެމްއެންޑީއެފް
ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އޮސްޓްރޭލިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ދެއްވި ނޭވީ މަނަވަރު "ޢިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ.
ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަނަވަރު ހަދިޔާކުރެއްވިކަމުގެ ރަމްޒު ހަވާލުކޮށްދެއްވައި އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރުގެ ލިޔުން އެރުވުމުގެ ނަމްބަރު ޝަރަފުވެރިކޮށްދެއްވާފައެވެ. އެއާއެކު މަނަވަރުގެ ނަން ކަޝްފުކޮށްދެއްވައި ކޮމިޝަންކުރެއްވިކަމުގެ ލިޔުމާއި ޤައުމީ ދިދަ މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނެންޓް ކާނަލް ސިނާން ޒާހިރާ ޙަވާލުކޮށްދެއްވިއެވެ. ކުރޫއިން މަނަވަރަށް އަރައި ކޮމިޝަންކުރުމުގެ ޑްރިލް ފުރިހަމަކުރިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވީ ދިފާޢީ ވަޒީރު ޙަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘެވެ.
ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި އޮސްޓްރޭލިއާގެ އިސް މަންދޫބުންނާއި ދެ ޤައުމުގެ އޮފިޝަލުން މަނަވަރަށް އަރާވަޑައިގެން ބައްލަވާލެއްވިއެވެ. އަދި ހަނދާނީ ފޮޓޯފުޅެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މި މަނަވަރަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ރަމްޒެއްގެ ގޮތުން އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމް މެދުވެރިކޮށް ފޯރުކޮށްދީފައިވާ މުޅިން އައު އުޅަނދެކެވެ. ރާއްޖެއަށް ގެނައުމުގެ ކުރިން ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސް ފުރިހަމަކޮށްފައެވެ.
މި މަނަވަރު ޚިދުމަތަށް ނެރެވުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި ކަނޑުމަތީގެ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވުމާއި ކަނޑުމަތީ ޙާދިސާތަކުގައި މީހުން ހޯދައި ސަލާމަތްކުރުމުގެ ޤާބިލުކަން އިތުރުވެ ކޯސްޓްގާޑުގެ ބާރު ވަރުގަދަވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް