މައިގަނޑު ބަޔަށް ދާން

ހަބަރު

ރައީސް މުޢިއްޒު އެކި ދާއިރާތަކުން ޤައުމަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމުގެ ތަޞައްވުރު ހާމަކުރައްވައިފި

ޖަލްސާގައި ޢިއްޒަތާއި ޝަރަފުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވުމާއެކު ރައީސް ވަނީ އެ ބޭބޭފުޅުންގެ ކިބައިން ފެންނަ ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަމާއި އިޚްލާސްތެރިކަން ފަދަ މަތިވެރި ސިފަތައް ކޮންމެ ދިވެއްސެއްގެ ކިބައިގައިވެސް އަށަގެންނެވުމަށް އިލްތިމާސްކުރައްވާފައެވެ. ތާރީޚުގައި ޤައުމުގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު އެކަމުގެ ފަހަތުގައި ތިބީ މި ސިފަތައް ނެތް ބައެއް ކަމަށާއި މިނިވަންކަން އަލުން ހޯއްދެވި ކޮންމެ ބަޠަލެއްގެ ކިބައިން ފެނުނީ ހަމަ އެ ސިފަތައް ކަމުގައި ރައީސް ވިދާޅުވިއެވެ.

އަހުމަދު އާހިލް ސައީދު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިޖުތިމާޢީ އެކި ދާއިރާތަކުންނާއި އިޤްތިޞާދީ ގޮތުން ޤައުމު ކަސްތޮޅުތަކުން މިނިވަންކުރެއްވުމުގެ ތަޞައްވުރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ހިއްސާކުރައްވައިފިއެވެ.

ޖަލްސާގައި ޢިއްޒަތާއި ޝަރަފުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވުމާއެކު ރައީސް ވަނީ އެ ބޭބޭފުޅުންގެ ކިބައިން ފެންނަ ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަމާއި އިޚްލާސްތެރިކަން ފަދަ މަތިވެރި ސިފަތައް ކޮންމެ ދިވެއްސެއްގެ ކިބައިގައިވެސް އަށަގެންނެވުމަށް އިލްތިމާސްކުރައްވާފައެވެ. ތާރީޚުގައި ޤައުމުގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު އެކަމުގެ ފަހަތުގައި ތިބީ މި ސިފަތައް ނެތް ބައެއް ކަމަށާއި މިނިވަންކަން އަލުން ހޯއްދެވި ކޮންމެ ބަޠަލެއްގެ ކިބައިން ފެނުނީ ހަމަ އެ ސިފަތައް ކަމުގައި ރައީސް ވިދާޅުވިއެވެ.

ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ތަޖުރިބާކާރު ބޭފުޅުން ހިމެނޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ މަޝްވަރާ މަޖިލީހެއް ވަރަށް އަވަހަށް އެކުލަވާލައްވާނެކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ. ހަމައެއާއެކު ދާއިރާގެ ޢިލްމީ ބޭފުޅުން ހިމެނޭ ޤައުމީ މަޖިލީހެއްވެސް އުފައްދަވާނެ ކަމަށް ވިދާޅުވިއެވެ. ޒުވާނުންނާއި އަންހެނުން ބާރުވެރިކުރެއްވުމުގެ ގޮތުން ޤާނޫނު ހެދުމުގެ ދާއިރާގައި އެ ފަރާތްތަކުގެ ހިއްސާ އިތުރުކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.

ޙަޤީޤީ މިނިވަންކަން ލިބޭނީ އިޖުތިމާޢީ އިޤްތިޞާދީ އަދި ތަރައްޤީގެ މިނިވަންކަން ގުޅިލާމެހިގެންކަން ފާހަގަކުރައްވައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯއްދެވުމަށް ކުރައްވާ މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގައި ޢަމަލީ ގޮތުން ރައްޔިތުންނާ ތަންތަން ހަވާލުކުރައްވާނެ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އިޤްތިޞާދީ މިނިވަންކަމުގެ ރޮނގުން ވާހަކަފުޅުދައްކަވަމުން 2027 ވަނަ އަހަރުގެ ނޮވެމްބަރ 11 ވެގެންދާނީ ސައްތަ އިންސައްތަ ސަރުކާރުގެ ހިއްސާއާ ކޮންޓްރޯލް އޮންނަ ގޮތަށް މާލޭ ވިޔަފާރި ބަނދަރު ކ.ތިލަފުއްޓަށް ބަދަލުކުރެވޭ ދުވަހަކަށް ކަމުގައި ރައީސް އިޢުލާންކުރެއްވިއެވެ. މީގެ އިތުރުން 2028 ވަނަ އަހަރުގެ ޖުލައި 26 އާ ހަމައަށް ތަރައްޤީއާއި ތަމައްދުނުގެ ރޮނގުން ހާސިލުކުރައްވާނެ ކަންކަމުގެ ތަފްސީލީ ތަޞައްވުރެއްވެސް މިއަދުގެ ޖަލްސާގައި ރައީސް ހިއްސާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.