ހަބަރު

އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމަށް ރާއްޖެ ސާބިތުވެ އޮންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

Islaamee ummathuge ebbaivantha kamah Rajje saabithuve onnaane kamuge yageenkan raees dhevvaifi

Ahmed Aahil Saeed

26 July 2026

0
އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމަށް ރާއްޖެ ސާބިތުވެ އޮންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް

އޯ.އައި.ސީގައި ދިވެހިރާއްޖެ ބައިވެރިވީތާ ބައި ޤަރުނު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި މެންބަރު ޤައުމުތަކުގެ ގުޅުން ވަރުގަދަކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.

އޯ.އައި.ސީގައި ދިވެހިރާއްޖެ ބައިވެރިވީތާ ބައި ޤަރުނު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި މެންބަރު ޤައުމުތަކުގެ ގުޅުން ވަރުގަދަކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.

އެ މެސެޖުގައި ރައީސް ވަނީ މުސްލިމު ޤައުމުތައް ގުޅިގެން މަސައްކަތްކުރުމުގައި އޯ.އައި.ސީ އިން ދެމެހެއްޓެނިވި ގޮތެއްގައި އަދާކުރާ ދައުރަށް ތަޢުރީފުކުރައްވައިފައެވެ. ބައި ޤަރުނު ފާއިތުވިއިރުވެސް ބައިނަލްއަޤުވާމީ އިސްލާމީ މުޖުތަމަޢުގެ ކަންބޮޑުވުންތައް ޙައްލުކުރުމުގެ މުހިންމުކަން ކެނޑިގެން ނުދާ ކަމަށާއި އެ ޖަމާޢަތުގެ ޒަރޫރީކަން އިތުރަށް ބޮޑުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

1976 ވަނަ އަހަރުގެ ޖުލައި 20 ގައި ރާއްޖެ އެ ޖަމާޢަތުގެ މެންބަރަކަށް ބަލައިގަނެވުނީ އޯ.އައި.ސީ ވުޖޫދަށް އައިތާ ދިހަ އަހަރު ނުވަނީސް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެ ދުވަހުން ފެށިގެން ދެމެމުން އައި މި ގުޅުން ބިނާވެފައި ވަނީ ޤައުމުތަކުގެ މިނިވަންކަމަށް އިޙްތިރާމްކުރުމާއި އެކުވެރިކަމާއި ތަރައްޤީއަށް އެހީތެރިވެދިނުމުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފާއިތުވި 50 އަހަރު ތެރޭ އިސްލާމިކް ސަމިޓްތަކާއި ފޮރިން މިނިސްޓަރުންގެ ކައުންސިލް ބައްދަލުވުންތައް ފަދަ މަތީ ފެންވަރުގެ އެކި ޕްލެޓްފޯމްތަކުގައި ރާއްޖެ ޙަރަކާތްތެރިވެފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ. މޫސުމީ ބަދަލުތަކާ ކުރިމަތިލުމާއި އަންހެނުން ބާރުވެރިކުރުވުމާއި އިސްލާމިކް ފައިނޭންސް ފަދަ ދާއިރާތަކުގައި ދިވެހި ޑިޕްލޮމެޓުން ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ވެސް އެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރާއްޖެ އާއި އޯ.އައި.ސީ އާ ދެމެދު އޮތީ ހަމައެކަނި ރަސްމީ ގުޅުމެއް ނޫން ކަމަށާއި އެ ޖަމާޢަތުން ނެގެހެއްޓި އިސްލާމީ އުޞޫލުތަކާއި އިންޞާފުވެރިކަމުގެ ހަމަތަކަކީ ދިވެހީންގެ ހިތްތަކާ ގުޅި ލާމެހިފައިވާ ކަންކަން ކަމުގައި ރައީސް ވިދާޅުވިއެވެ. އެ ކަމުގެ ހެއްކެއްގެ ގޮތުން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ރާއްޖެ ކެނޑިނޭޅި ވަކާލާތުކުރާ ކުރުމާއި ރޮހިންޔާ މުސްލިމުންނާއި އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އިންޞާފު ހޯދައިދިނުމަށް ގޮވާލާ ގޮވާލުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މެސެޖު ނިންމަވައިލައްވަމުން ރައީސް ވަނީ އިސްލާމީ އުއްމަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ނަތީޖާ ނެރެދެވޭ ޢަމަލީ ޙައްލުތަކެއް ހޯދުމުގެ ބޭނުންތެރިކަމުގެ މައްޗަށް ބާރު އަޅުއްވައިފައެވެ. މި މެސެޖުން ހާމަވެގެން ދަނީ ބައިނަލްއަޤުވާމީ އިސްލާމީ މައިދާނުގައި ރާއްޖެ ޙަރަކާތްތެރި ދައުރެއް އަދާކުރުމުގައި ދެމިއޮންނާނެ ކަމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް