މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ދާޚިލީ މައްސަލަތައް ހައްލުކުރެއްވުމުގެ ޢަޒުމް ތަކުރާރުކުރައްވައިފި
Minivan dhuvahuge jalsaagai raees dhaahilee massalathah hallu kurevvumuge azum thakuraaru kuravvaifi
Ahmed Aahil Saeed
27 July 2026
ރައީސް ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް
މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ދާޚިލީ މައްސަލަތައް ހައްލުކުރެއްވުމުގެ ޢަޒުމް ތަކުރާރުކުރައްވައިފި
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވަމުން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ ސިޔާސީ ބަދަލުހިފުމުގެ ސަގާފަތް ނިމުމަކަށް ގެނެވިފައިވާ ކަމަށާއި ޤައުމު ކުރިމަތިލާފައިވާ ބޮޑެތި ގޮންޖެހުންތައް ޙައްލުކުރުމަށް ކުރެވޭ މަސައްކަތްތައް މިނިވަން ދުވަހެއްގައި ފާހަގަކުރަން ޖެހޭ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްތުވާތަކެތީގެ ވަބާއާއި ގޭންގު ކުށްތައް ހައްދެއް ނެތި ފެތުރިފައި އޮތެވެ. އޭގެ އިތުރުން ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބެލެހެއްޓުމެއް ނެތި ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ ކުރިން އެއްވެސް ސަރުކާރަކުން މި މައްސަލަތަކަށް ޙަޤީޤީ ޙައްލެއް ގެނެސްދީފައި ނުވާ ކަމަށާއި ނަމަވެސް މި ސަރުކާރުގެ ދާޚިލީ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ މި ތިން މައްސަލައަށް ދާއިމީ ޙައްލު ގެނެސްދިނުމުގެ މަޤްޞަދުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ޑިމޮކްރެސީގެ މިނިވަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ދިވެހި ތާރީޚުގައި ދެކެފައި ނުވާ ފެންވަރަށް ޑިމޮކްރެސީ ކުރިއެރުވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަރަކާތް ހިންގުމުގެ ޖާގަ ދެއްވާފައިވާ ކަމާއި ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ކަށަވަރުކޮށްދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނާއި ޤާނޫނު އަސާސީގެ އިމުގެ ތެރޭގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ޝަރުޢީ ދާއިރާއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވެރިކަން ހިންގުމުގެ ބާރުން ފޯރުވަމުން ގެންދިޔަ ނުފޫޒު ހުއްޓުވާ މާލީ އަދި އުމްރާނީ ގޮތުން ޝަރުޢީ ދާއިރާއަށް މިނިވަންކަން ހޯދައިދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 2029 ވަނަ އަހަރުގެ ޤަޟާޢީ އަހަރު ފެށޭއިރު ޖުލައި 25 ގައި އެއްބަސްވުން ގާއިމުކުރެވުނު ސުޕީރިއަރ ކޯޓް ކޮމްޕްލެކްސް ބޭނުންކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ހަމައެހެންމެ ސަރުކާރުން ހާމަކުރަންޖެހޭ މަޢުލޫމާތު ސައްތައިން ސައްތަ ހާމަކުރުން ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ޔަޤީންކޮށްދެއްވީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮރަޕްޝަންގެ ވަބާ ނައްތާލުމަށް ހަރުދަނާ ފިޔަވަޅުތައް އަޅުއްވަމުންދާ ކަމަށާއި ޞިއްޙީ ދާއިރާގައި އޮތް މެޑިކަލް މާފިއާގެ ނުފޫޒު ނިމުމަކަށް ގެނެސް ބޭރު ޤައުމަކަށް ބަރޯސާ ނުވެ ރާއްޖޭގައި ތިބެގެން ފަރުވާ ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅު ބިނާކުރެއްވީ ދާޚިލީ މިނިވަންކަމާއި ޑިމޮކްރެސީ ވަރުގަދަކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް