އެމެރިކާ ސިފައިންގެ ޑިވައިސްތަކުން ޓްރެކިން ނިޒާމު ނިއްވާލައިފި
އޮރެގަންގެ ޑިމޮކްރެޓިކް ސެނެޓަރު ރޮން ވައިޑަން ހުކުރު ދުވަހު ހާމަކުރި ސިޓީތަކަކާއި ރޮއިޓަރސް ނޫހަށް ދިން މަޢުލޫމާތުތަކުން މިކަން ވަނީ ފެންމަތިވެފައެވެ. ވައިގެ ސިފައިން ވައިޑަންއަށް އެންގި ގޮތުގައި ޑިވައިސްތަކުގައި ހިމެނޭ އެޑްވަޓައިޒިން އައިޑެންޓިފަޔާތައް ނިއްވާލީ ދެ މަސް ކުރިންނެވެ.
އަހުމަދު އާހިލް ސައީދު
މެދުއިރުމަތީގައި ތިބޭ އެމެރިކާ ސިފައިންގެ ފޯނުތަކާއި ކޮމްޕިއުޓަރުތަކުން ލޮކޭޝަން ދެނެގަނެވޭ ގޮތަށް ހުރި އިޝްތިހާރު ޓްރެކިން ނިޒާމުތައް ވިޔަފާރި އުސޫލުން ލިބެން ހުންނަ ޑޭޓާ ބޭނުންކޮށްގެން ސިފައިންނަށް ހަމަލާ ދެމުންދާ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން ޑިސޭބަލްކޮށްފިއެވެ.
އޮރެގަންގެ ޑިމޮކްރެޓިކް ސެނެޓަރު ރޮން ވައިޑަން ހުކުރު ދުވަހު ހާމަކުރި ސިޓީތަކަކާއި ރޮއިޓަރސް ނޫހަށް ދިން މަޢުލޫމާތުތަކުން މިކަން ވަނީ ފެންމަތިވެފައެވެ. ވައިގެ ސިފައިން ވައިޑަންއަށް އެންގި ގޮތުގައި ޑިވައިސްތަކުގައި ހިމެނޭ އެޑްވަޓައިޒިން އައިޑެންޓިފަޔާތައް ނިއްވާލީ ދެ މަސް ކުރިންނެވެ.
އެކި ގޮފިތަކުން މި ނިޒާމު ހުއްޓުވި ދުވަސްވަރު ތަފާތެވެ. އެއްގަމު ސިފައިން މި އަހަރުގެ ކުރީކޮޅު މޮބައިލް ޑިވައިސްތަކުގެ އެޑް ޓްރެކިން ބޭނުންކުރުން ހުއްޓައިލިއިރު ވިންޑޯޒް ކޮމްޕިއުޓަރުތަކުން 2021 ގެ ކުރިން މި ނިޒާމު ބްލޮކް ކޮށްފައިވެއެވެ. އެންޑްރޮއިޑް އަދި އެޕަލް ޑިވައިސްތަކުގައި މިދިޔަ ފެބްރުއަރީން ފެށިގެން އެ ނިޒާމު އޮޓޮމެޓިކުން ނިވޭ ގޮތް ހަމަޖެއްސި ކަމަށް އަސްކަރިއްޔާއިން ބުނެފައިވެއެވެ. ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑުން ވިންޑޯޒް ޑިވައިސްތަކުގައި މިފަހުން އެ ނިޒާމު ޑިސޭބަލް ކޮށްފައިވީ ނަމަވެސް ވައިގެ ސިފައިންނާއި ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑުން އިތުރު ތަފްސީލު ދީފައެއް ނުވެއެވެ. ކަނޑުގެ ސިފައިން މި މައްސަލައިގައި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
ޑޭޓާ ބްރޯކަރުން ވިއްކާ ލޮކޭޝަން މަޢުލޫމާތު ބޭނުންކޮށްގެން ހަނގުރާމައިގެ މައިދާންތަކުގައި ތިބޭ ސިފައިންނަށް ހަމަލާ އަމާޒުކުރެވިދާނެ ކަމުގެ ނުރައްކާ މި ކަމުން ހާމަވެފައިވެއެވެ. ސިފައިން އިންޓަނެޓަށް ދޫކޮށްލާ ވީޑިއޯތައް މެދުވެރިކޮށް އީރާނުން އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފާނެ ކަމުގެ ބިރު ބޮޑުވުމާ ގުޅިގެން ސިފައިންގެ އަތުން ފޯނު ނެގުމާ މެދުވެސް އިސް ވެރިން ވިސްނި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވައިޑަން އާއި ރެޕްރެޒެންޓެޓިވް ޕެޓް ހެރިގަން ހުކުރު ދުވަހު ދިފާޢީ ވުޒާރާއަށް ސިޓީއެއް ފޮނުވައި ލޮކޭޝަން ޑޭޓާގެ ވިޔަފާރިން ކުރިމަތިވާ ނުރައްކާ ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިވޭތޯ ތަޙުޤީޤު ހިންގުމަށް އެދިފައިވެއެވެ. ވައިޑަން ބުނި ގޮތުގައި މި ނުރައްކާ އަދިވެސް އެއްކޮށް ނައްތައެއް ނުލެވެއެވެ. ހެރިގަން ފާހަގަކުރި ގޮތުގައި "އެމެރިކާގެ ދުޝްމަނުންނަށް ކްރެޑިޓް ކާޑެއް ބޭނުންކޮށްގެން ސިފައިންގެ ހަރަކާތްތައް ދެނެގަނެވޭނެ ފަދަ މަޢުލޫމާތު ގަންނަން ލިބިގެން ނުވާނެ" ކަމަށެވެ. ދިފާޢީ ވުޒާރާއިން ބުނީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ސީދާ ޖަވާބުދާރީ ވާނެ ކަމަށެވެ.
ޕްރައިވެސީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މޮބައިލް އެޑް އައިޑީ ނިއްވައިލުމަކީ ރަނގަޅު ފެށުމެއް ނަމަވެސް ޑިވައިސްގެ ޓެކްނިކަލް މަޢުލޫމާތާއި ނެޓްވޯކް ޑޭޓާ އެއްކޮށްގެން އެޕްތައް މެދުވެރިކޮށް ސިފައިންގެ ޙަރަކާތްތައް ދެނެގަތުމުގެ ފުރުޞަތު އަދިވެސް އޮވެދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް