އިސްރާއީލުގެ ނެގެވް ބޭސްއެއްގައި ސިފައިން ހަތިޔާރު ދޫކޮށް ނުކުމެއްޖެ
Israel ge Negev base ehgai sifain hathiyaaru dhookoh nukumijje
Ahmed Aahil Saeed
30 July 2026
އިސްރާއިލުގެ އަސްކަރިއްޔާ؛ ފޮޓޯ / އޭބީސީ ނިއުސް
އިސްރާއީލުގެ ގިވާތީ ބްރިގޭޑްގެ ޒަބާރް ބެޓޭލިއަންގެ ގާތްގަނޑަކަށް 100 ސިފައިން ކޮމާންޑަރުންނާ މެދު އުފެދުނު ޚިޔާލު ތަފާތުވުމެއްގައި ނެގެވް ސަހަރާގައި ހުންނަ ސެދެ ތެއިމާން ބޭސް ދޫކޮށް ހަތިޔާރު އެތަނުގައި ބެހެއްޓުމަށްފަހު ނުކުމެއްޖެއެވެ.
އިސްރާއީލު ސިފައިންގެ ތަރުޖަމާނާ ހަވާލާދީ ޔުނެޓް ނޫހުން ރިޕޯޓުކުރި ގޮތުގައި މި މައްސަލަ ފެށުނީ ބެޓޭލިއަންގެ ކޮމާންޑަރު އެ ޔުނިޓުގެ ކުރީގެ ސިފައިންނާއި އައު ސިފައިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ސަގާފީ އާދައާ ގުޅޭ ބައެއް ރަމްޒީ ތަކެތި ނެގުމަށް އެންގެވުމާ ގުޅިގެންނެވެ.
ޔުނެޓް ނޫހުން ބުނެފައިވާ ގޮތުގައި "އެ ބެޓޭލިއަންގެ ސިފައިން ބުނާ ގޮތުން ނަގައިލެވުނު ތަކެއްޗަކީ ޣައްޒާއާއި ލުބުނާނުގައި ހަނގުރާމަކުރި ދުވަސްވަރު ވެސް އެމީހުންނާ އެކު ގެންގުޅުނު އެއް ރެކްރޫޓްމެންޓް ބެޗުން އަނެއް ބެޗަށް ވާރުތަކުރަމުން އައި ތަކެއްޗެވެ."
އެ ތަކެއްޗަކީ ބެޓޭލިއަންގެ ތާރީޚާއި ސަގާފަތާ ގުޅިފައިވާ މުހިންމު އެއްޗެހި ކަމުގައި ސިފައިން ދެކުނެވެ.
ނަން ހާމަނުކުރާ އަސްކަރީ މަސްދަރަކާ ހަވާލާދީ މާރިވް ނޫހުން ރިޕޯޓުކުރި ގޮތުގައި މި ހާދިސާގެ ސަބަބުން އެ ބެޓޭލިއަނަށް ޣައްޒާގައި ހިންގަން ތައްޔާރުވަމުން ދިޔަ އަސްކަރީ އޮޕަރޭޝަންތަކުގައި ބައިވެރިވުމުގެ ޝަރުތު ގެއްލިފައިވެއެވެ. އިސްރާއީލް ހަޔޯމް ނޫހުން ރިޕޯޓުކުރި ގޮތުގައި އެ ހަނގުރާމަވެރިންނާއި ކޮމާންޑަރުން ބޭސް ދޫކޮށް ދިޔައީ އަމިއްލަ ދަބަސްތައް ހިފައިގެން އަސްކަރީ ސާމާނާއި ހަތިޔާރު ބޭސްގައި ބެހެއްޓުމަށްފަހު އެމީހުންގެ ގެތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް