އީރާނުގެ ދިފާޢީ ވަޒީރު ހަނގުރާމައަށް ތައްޔާރުވުމުގެ އެންމެ މުހިންމު ދާއިރާތައް ހާމަކުރައްވައިފި
Iran ge dhifaaee vazeeru hanguraama ah thayyaaru vumuge enme muhinmu dhaairaa thah haamakuravvaifi
Ahmed Aahil Saeed
02 August 2026
އީރާން؛ ފޮޓޯ / އެންޕީއާރް
އީރާނުގެ ވަގުތީ ދިފާޢީ ވަޒީރު މާޖިދު އިބްނުއް ރިޟާ ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ ހަމަނުޖެހުންތަކަށް ޤައުމު ތައްޔާރުކުރުމުގައި އިސްކަންދޭ ދާއިރާތައް ފާހަގަކުރައްވައި ފަރުވާކުޑަނުކުރުމަށް އިންޒާރު ދެއްވައިފިއެވެ.
ދިފާޢީ ސިނާޢަތުގެ ސައިންސްވެރިންނާ މުޚާޠަބުކުރައްވައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ޖައްވީ ޓެކްނޮލޮޖީއާއި އިންޓެލިޖެންސްގެ ކުރިއެރުމާއި ޤައުމީ ފެންވަރުގައި ކުޑަ ޚަރަދެއްގައި ގިނަ ޢަދަދަކަށް އުފެއްދެވޭ ހަލުއި ދިފާޢީ ސާމާނު އުފެއްދުމާއި ސިނާޢީ ވަސީލަތްތަކުގެ ވިލުންވެރިކަން ހަރުދަނާކުރުން — މި ހަތަރު ކަމަށް އެންމެ ބޮޑު ސަމާލުކަމެއް ދެއްވާ ކަމަށެވެ. މި ވާހަކަފުޅުގެ ތަފްސީލް ގެނެސްދީފައި ވަނީ އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީ އައި.އާރް.އެން.އޭ އިންނެވެ.
އެމެރިކާއިން އެ ޤައުމުގެ އަސްކަރީ ލަނޑުދަނޑިތައް ހާސިލްނުކުރެވުނު ނަމަވެސް އެކަމާ މެދު ހިތްހަމަޖެހިގެން ފަރުވާކުޑަކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވަޒީރު އިންޒާރުދެއްވިއެވެ.
"ގިނަ ތަޙުލީލުކުރާ ފަރާތްތަކުން މިއަދު ދައްކާނީ ދުޝްމަނުންގެ ހާސްކަމާއި ސްޓްރެޓެޖީގެ ގޮތުން ބެދިފައި ތިބި ތިބުމާއި އެމީހުންގެ ފުރުސަތުތައް ހަނިވެފައިވާ ވާހަކަ" ކަމަށް ވިދާޅުވެ ނަމަވެސް "އެފަދަ ވިސްނުމެއްގެ ސަބަބުން ފަރުވާކުޑަވެ ހަރަކާތެއް ނެތި ތިބެގެން ނުވާނެ" ކަމަށް ވަޒީރު ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އީރާނުގެ ދިފާޢީ ސިނާޢަތުން ކުރިއެރުމާއި އީޖާދީ ވިސްނުމާއި ތައްޔާރީ ޙާލަތުގެ މަގުގައި ކުރިއަށް ވުރެ ބާރު ދުވެލީގައި ކުރިއަށް ދާންޖެހޭ ކަމަށެވެ.
އެތައް އަހަރެއް ވަންދެން ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއްގެ ތެރޭގައި އޮތް ނަމަވެސް ކުޑަ ޚަރަދެއްގައި މިސައިލާއި ޑްރޯން އުފެއްދުމުގެ ޤާބިލްކަން އީރާނުން ވަނީ ހޯދައިފައެވެ. މީގެ ސަބަބުން ދުޝްމަނުންގެ ވައިގެ ދިފާޢީ ނިޒާމުތައް ބަލިކަށިކޮށް ހަމަލާތައް ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން މިލިއަނުން ޚަރަދުކުރަން ޖެހޭ ޙާލަތެއް މެދުވެރިވެއެވެ. ވަޒީރު ވަނީ ޤައުމީ ފެންވަރުގައި ދިފާޢީ ސާމާނު އުފެއްދުން އިތުރަށް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް