ކޮންގޯގައި އީބޯލާ ފެތުރޭ ހަލުވިމިނާ މެދު ބައިނަލްއަޤުވާމީ ކަންބޮޑުވުން އިތުރުވަނީ
Congo gai ebola fethurey haluvi minaa medhu bainalaguvaamee kanboduvun ithuru vanee
Ahmed Aahil Saeed
25 July 2026
ޑީއާރު ކޮންގޯގެ ގޯމާގައި އީބޯލާ ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ދަތުރުވެރިންގެ އަތް ސެނިޓައިޒްކުރުމާއި، އަތް ދޮވުމާއި، ހަށިގަނޑުގެ ފިނިހޫނުމިން ބެލުމުގެ އިޖުރާއަތުތައް ސިއްޙީ ޚިދުމަތްތެރިން ކުރިއަށް ގެންދަނީ. 25 މެއި 2026
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީ.އާރް.ސީ) ގައި މިހާރު ފެތުރެމުންދާ އީބޯލާ ރޯގާގައި މަރުވި މީހުންގެ ޢަދަދު 1,354 އަށް ވުރެ މައްޗަށް އަރައި ބަލީގެ ކޭސްތައް 3,075 އަށް އިތުރުވެ މިއީ މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ހަލުވިކޮށް ފެތުރެމުންދާ އީބޯލާ ރޯގާ ކަމަށް ވެއްޖެއެވެ.
ހޮނިހިރު ދުވަހު ސަރުކާރުން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި ފަސް ދުވަހުގެ ތެރޭގައި މަރުގެ ޢަދަދު 40 ޕަސެންޓަށް ވުރެ ބޮޑު މިންވަރަކަށް އިތުރުވެ ޖުމްލަ ކޭސްތައް ފާއިތުވި ހަފުތާއެއްގެ ތެރޭ 27 ޕަސެންޓް މައްޗަށް ޖެހިލިއެވެ. މި ރޯގާ އިތުރަށް ނުރައްކާވެފައިވާ ސަބަބަކީ މިފަހަރު ފެތުރެމުންދަނީ އީބޯލާގެ ހަތަރު ވައްތަރުގެ ތެރެއިން އެންމެ މަދުން ފެންނަ "ބުންޑިބުގްޔޯ" ވޭރިއެންޓް ކަމަށް ވެފައި މި ވައްތަރަށް އެއްވެސް ވެކްސިނެއް ނުވަތަ ފަރުވާއެއް މިހާތަނަށް ހޯދިފައި ނެތުމެވެ.
އެފްރިކާ ސެންޓާސް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އުފެއްދުމުގައި ބައިވެރިވި ޕަބްލިކް ހެލްތު ކޮންސަލްޓެންޓް ޢަބްދުއްސަލާމީ ނާޞިދީ ބުނީ ވެކްސިނެއް ނެތުމުގެ ސަބަބުން ބަލި "ޖަންގަލީގެ އަލިފާނެއް ފަދައިން ފެތުރެމުންދާ" ކަމަށެވެ. ހަނގުރާމައިގެ މާހައުލެއްގައި މި ރޯގާ ފެތުރެމުން ދިޔުމުން ސިއްޙީ ވަސީލަތްތައް ފޯރުކޮށްދިނުމަށް އިތުރު ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ބައްޔާ ދެކޮޅަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް އޮކްސްފޯޑް ޔުނިވަސިޓީން ހާމަކޮށް ހުކުރު ދުވަހު ވޮލެންޓިއަރަކަށް ތަޖުރިބީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށް ބުންޏެވެ. އެ ޓީމުގެ ޗީފް އިންވެސްޓިގޭޓަރ ކެޓްރީނާ ޕޮލޮކް ވިދާޅުވީ "މިއީ ޓްރަޔަލްގެ މުހިންމު މޭލުގަލެއް ކަމަށާއި ބުންޑިބުގްޔޯ އީބޯލާ ވެކްސިނެއް ތައްޔާރުކުރުމުގެ ބައިނަލްއަޤުވާމީ ގުޅިގެން ކުރާ މަސައްކަތުގެ އައު މަރުހަލާއެއް" ކަމަށެވެ.
ޑީ.އާރް.ސީ.ގައި ސިއްޙީ ޚިދުމަތްތެރިންގެ ހާލަތު ވެސް ނުހަނު ދެރައެވެ. ރޯގާ ފެތުރެން ފެށީއްސުރެ 100 އަށް ވުރެ ގިނަ ސިއްޙީ ޚިދުމަތްތެރިންނަށް ބަލި ޖެހި ގާތްގަނޑަކަށް 35 މީހުން ވަނީ މަރުވެފައެވެ. ރައްކާތެރި ސާމާނު ނެތުމާއި މުސާރަ ނުލިބުމުގެ މައްސަލައިގައި ރޯގާގެ ހޮޓްސްޕޮޓެއް ކަމުގައިވާ އީޓޫރީ ޕްރޮވިންސްގެ ސިއްޙީ މަރުކަޒުތަކުގެ މުވައްޒަފުން ހަޅުތާލުކުރަން ފެށިއެވެ. ބޫނިޔާ ސިޓީގެ އެލީކިޔާ އީބޯލާ ޓްރީޓްމެންޓް ސެންޓަރުގައި ހޮނިހިރު ދުވަހު ހަޅުތާލު ފެށި ގާތްގަނޑަކަށް 100 މުވައްޒަފުން އިހުތިޖާޖުކުރިއެވެ. ހަޅުތާލުގެ ބައިވެރިއެއް ކަމުގައިވާ މާޓިން ބޮލޮމްބީ ބުނީ "ބަލި ފެތުރެމުންދާ އިރު ވެސް ފައިސާ ނުލިބޭ" ކަމަށެވެ.
ޑަބްލިޔު.އެޗް.އޯ.ގެ ޑައިރެކްޓަ ޖެނެރަލް ޓެޑްރޮސް އަދަނޮމް ވަނީ ކޭސްތަކުގެ ޙަޤީޤީ ޢަދަދު ރަސްމީ ތަފާސްހިސާބުތަކަށް ވުރެ ދެގުނައަށް އިތުރުވެދާނެ ކަމަށް އިންޒާރުދެއްވައި ރެސްޕޮންޑަރުންނަށް މަގު ހުޅުވުމަށް ޑީ.އާރް.ސީ.ގެ އިރުމަތީ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ހުއްޓާލުމަކަށް ގޮވާލައްވާފައެވެ. އެމެރިކާ އާއި ކެނެޑާ ވަނީ ޑީ.އާރް.ސީ.އިން ދަތުރުކުރާ ފަރާތްތައް އެ ޤައުމުތަކަށް ވަނުން ހަނިކޮށްފައެވެ. ތާރީޚަށް ބަލާއިރު 2013 އާއި 2016 ދެމެދު ހުޅަނގު އެފްރިކާގައި ފެތުރުނު އެންމެ ބޮޑު އީބޯލާ ރޯގާގައި ފުރަތަމަ 1,000 މީހުން މަރުވާން ގާތްގަނޑަކަށް 8 މަސް ދުވަސް ނެގި ނަމަވެސް ޑީ.އާރް.ސީ.ގެ މި ރޯގާގައި އެ ޢަދަދަށް ވާސިލްވީ 10 ހަފުތާ ވެސް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް