މައިގަނޑު ބަޔަށް ދާން

ހަބަރު

އާރަށް މައްސަލައިގައި ޔާމީންގެ ދިފާޢީ ހެކިތަކާއި އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅޭ ގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގ

އަޙްމަދު އާހިލް ސަޢީދު

އާރަށް މައްސަލައިގައި ޔާމީންގެ ދިފާޢީ ހެކިތަކާއި އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅޭ ގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

މައްސަލަ ބައްލަވާ ޤާޒީ ޢަލީ ނަދީމް މި ނިންމެވުން ނެރުއްވީ ދެ ފަރާތުން ވެސް އެއް ފަރާތެއްގެ ހެކިތައް ބާޠިލުކޮށްދިނުމަށް ހުށަހަޅާފައި އޮތް ދަނޑިވަޅެއްގައެވެ. ދައުލަތުން އެދުނީ ތަޙުޤީޤު މަރުޙަލާގައި ޔާމީން ހަނު ހުންނަވައި ދިފާޢީ ހެކިތައް ހާމަނުކުރައްވާ ކަމަށް ބުނެ އެ ހެކިތައް ބަލައިނުގަތުމަށެވެ. ނަމަވެސް ޤާޒީ ވިދާޅުވީ ދައުލަތުން ފާހަގަކުރި ނުކުތާއަކީ ހެކީންގެ ބަހަށް ބުރަދަން ދިނުމާ ގުޅޭ ކަމެއް ކަމަށާއި، އެ ކަމަކީ ހެކިބަސް ނެގުމަށް ފަހު ޝަރީޢަތުން ކަނޑައަޅަންޖެހޭ ކަމެއް ކަމަށެވެ.

ދިފާޢީ ފަރާތުން ވެސް ވަނީ ހެއްކާ ބެހޭ ޤާނޫނަށް ރިޢާޔަތްކޮށް އަދީބާއި ޒިޔަތުގެ ތެދުވެރިކަމާ މެދު ސުވާލު އުފައްދައި، އެ ދެ ބޭފުޅުންގެ ހެކިބަސް ބޭރުކޮށްދިނުމަށް އެދިފައެވެ. ޤާޒީ ނިންމެވީ މައްސަލައިގެ ވާޤިޢާތަކާ ގުޅޭ ގޮތުން ކާފީ ހެކިބަހެއް ދެވެން ތިބީ އެ ދެ ބޭފުޅުން ކަމަށް ވާތީ، ޤާނޫނުން އެ ޖާގަ ލިބޭ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ހެކިންގެ ތެރެއިން ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމްގެ ހެކިބަސް ބަލައިނުގަތުމަށް ޤާޒީ ނިންމެވިއެވެ.

ޔާމީންގެ ދިފާޢީ ހެކިންގެ ގޮތުގައި ހުށަހަޅުއްވާފައި ވަނީ މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝާއި، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލާއި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. ޑޮލަރު މާރުކުރި ކަން ދައްކައިދޭ ލިޔެކިޔުމެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. މި މައްސަލައިގައި ދައުވާ ލިބޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމް ވިދާޅުވަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު މާރުކުރުމުގެ ޢާންމު މުޢާމަލާތެއް ކަމަށާއި، އެ ފައިސާއަށް ވާ ދިވެހި ރުފިޔާ ނަގުދުކޮށް ޔޫސުފް ނަޢީމާ ޙަވާލުކުރެއްވި ކަމަށެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި، 2015 ވަނަ އަހަރުގެ އޮގަސްޓުގައި އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރި ދުވަސްވަރު ޔޫސުފް ނަޢީމުގެ 99 އިންސައްތަ ޙިއްޞާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް އުފައްދައި، ލީޒް އެކުއިޒިޝަން ކޮސްޓަށާއި ޔޫސުފް ނަޢީމަށް ވަކިން ދެ މިލިއަން ޑޮލަރު ދީފައިވެއެވެ. އެއަށް ފަހު ޔޫސުފް ނަޢީމުގެ އެކައުންޓުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެ، 2015 ސެޕްޓެމްބަރުގައި ޓޫޖީގެ 99 އިންސައްތަ ޙިއްޞާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލާފައިވެއެވެ.

މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މި ޝަރީޢަތަކީ ކުރިން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށް ހައި ކޯޓުން އެ ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް އެންގެވުމާ ގުޅިގެން ހިންގާ ޝަރީޢަތެކެވެ. މީގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް ވެސް ވަކިން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.