ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ފެތުންތެރިން 12 ރެކޯޑެއް މުގުރާލައިފި
Commonwealth games gai rajje ge fethun therin 12 record eh muguraalaifi
Ahmed Aahil Saeed
29 July 2026
ގްލާސްގޯގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ތަމްސީލުކުރި ފަސް ފެތުންތެރިން؛ ފޮޓޯ / މޯލްޑިވްސް އެކުއޭޓިކްސް
ގްލާސްގޯގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ތަމްސީލުކުރި ފަސް ފެތުންތެރިން ޖުމްލަ 12 ގައުމީ ރެކޯޑް މުގުރާލައި ގޭމްސްގެ ހުރިހާ އިވެންޓެއް ނިންމާލައިފިއެވެ.
ފަހު ދުވަހު އެކަނިވެސް ހަތް އިވެންޓުގެ ތެރެއިން ހަތަރު އިވެންޓެއްގައި ރެކޯޑް އައުވިއެވެ. ގޭމްސްގައި ބައިވެރިވި ކޮންމެ ފެތުންތެރިއަކުވެސް މަދުވެގެން އެއް ރެކޯޑެއް އައުކުރިއިރު ތަޒްކިޔާ މިތުސޯދު ތިން ރެކޯޑް ރިހާން ޝިހާމް އަދި ލޫތު މުހައްމަދު ހުސެއިން ކޮންމެ މީހަކު ދެ ރެކޯޑް އައުކުރިއެވެ. އާން ހުސެއިން އާއި މެރާލް އައިން ލަތީފް ވެސް ރެކޯޑެއް ހެދިއެވެ.
މީގެ އިތުރުން މިކްސްޑް ރިލޭ ދެ ރޭހަކުންވެސް ގައުމީ ރެކޯޑް ދަށްވިއެވެ.
ފާހަގަކޮށްލެވޭ ނަތީޖާތަކަށް ބަލާއިރު ރިހާން ވަނީ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭގައި 5:09.68 އިން ފަތައި ކުރީގެ ރެކޯޑަށް ވުރެ 1.35 ސިކުންތުގެ ކުރިއެރުމެއް ހޯދާފައެވެ. ތަޒްކިޔާ 50 މީޓަރު ފްރީސްޓައިލް 27.99 ސިކުންތުން ނިންމައި ރެކޯޑް އައުކުރިއިރު ރިލޭ ރޭހުގައި ބެކް ސްޓްރޯކް ލެގް 01:11.26 އިން ފުރިހަމަކޮށް އޭނާގެ އަމިއްލަ ރެކޯޑްވެސް މުގުރާލިއެވެ. ހަތަރު ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭގައި ރިހާން ލޫތު ތަޒްކިޔާ އަދި މެރާލް ހިމެނޭ ޓީމުން 04:31.16 އިން ފަތައި ކުރީގެ 04:40.23 ގެ ރެކޯޑް ފޮހެލިއެވެ.
އާން 50 މީޓަރު ބަޓަފްލައިގައި 26.91 ސިކުންތުން ފަތައި ހީޓް 3 ގެ އެއްވަނަ ހޯދި ނަމަވެސް ސެމީ ފައިނަލަށް ދެވޭ ވަރެއް ނުވިއެވެ. ލޫތު 200 މީޓަރު ބްރެސްޓް ސްޓްރޯކް ނިންމީ 2:42.93 އިން ކަމަށްވާއިރު މެރާލް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ ނިންމީ 2:43.93 އިންނެވެ. ގޭމްސްގައި ރާއްޖޭގެ ފެތުންތެރިންގެ ހުރިހާ އިވެންޓެއް މިހާރު ވަނީ ނިމިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް