ވިލިމާލޭގައި ކޯސްޓްގާޑުގެ ޒަމާނީ ރެސްކިޔު ސެންޓަރެއް ހުޅުވައިފި
Villimale gai coastguard ge zamaanee rescue center eh hulhuvaifi
Ahmed Aahil Saeed
27 July 2026
ޤައުމީ ދިފާޢީ ބާރުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުއްވައިދެއްވުން؛ ފޮޓޯ / ރައީސް އޮފީސް
ޤައުމީ ދިފާޢީ ބާރުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ވިލިމާލޭގައި ހުޅުއްވައިދެއްވައިފިއެވެ.
ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރާ މައި މަރުކަޒުގެ ގޮތުގައި ޤާއިމްކުރި މި އިމާރާތުގެ ބިންގާ އެޅީ 2022 ވަނަ އަހަރުއެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހެދި މަސައްކަތް ހުއްޓިފައި އޮތުމާ ގުޅިގެން ކޯސްޓްގާޑުގެ ޤާބިލްކަން ވަރުގަދަކުރެއްވުމުގެ ސިޔާސަތުގެ ދަށުން ރައީސް މި މަޝްރޫޢު ނިންމެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. ސަރުކާރުން ތަރައްޤީކުރި މި މަޝްރޫޢު ވިލަރެސްކުރެއްވުމުގައި ޔޫ.އެން.އޯ.ޑީ.ސީ އިސް ދައުރެއް އަދާކުރެއްވި އިރު ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހޯދުމުގައި އޮސްޓްރޭލިޔާ ސަރުކާރުގެ އެހީތެރިކަން ލިބިފައިވެއެވެ.
އައު އިމާރާތުގައި ކަނޑާއި ވައިގެމަގުން ހިނގާ ހާދިސާތައް ބެލެހެއްޓުމަށް ޒަމާނީ އޮޕަރޭޝަންސް ރޫމެއް ޤާއިމްކޮށްފައިވެއެވެ. އޭގެ އިތުރުން ތަމްރީނާއި އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ވެސް ހިމެނެއެވެ. ރައީސް ވަނީ އިމާރާތް ބައްލަވާލައްވައި އެ ސަރަޙައްދުގައި ގަހެއް އިންދަވައިދެއްވާފައެވެ.
ރައީސް ރަސްމިއްޔާތަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރ ޙަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. ރަސްމިއްޔާތުގައި ރިޔާސީ ކުރުނީހެއް އެރުވުމާއި ޚާއްޞަ ދުޢާއެއް ކުރެއްވުން ވެސް އޮތެވެ. ޖަޕާން ސަފީރު އިޝިގާމީ ރުމީކޯ އާއި އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ހައޮ ޒެންގގެ އިތުރުން ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި ސަރުކާރުގެ ވަޒީރުންނާއި ދިފާޢީ ބާރުގެ އިސް ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް