ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ތިން ވަނަ ބެޗު 84 ޒުވާނުންނާ އެކު ފަށައިފި
ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގެ ތިން ވަނަ ބެޗު، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ 84 ޒުވާނުންނާ އެކު ފަށައިފިއެވެ.
އަޙްމަދު އާހިލް ސަޢީދު
ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގެ ތިން ވަނަ ބެޗު، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ 84 ޒުވާނުންނާ އެކު ފަށައިފިއެވެ.
މި ބެޗުގައި ބައިވެރިވާ ދަރިވަރުންގެ ތެރޭގައި 64 ފިރިހެނުންނާއި 20 އަންހެނުން ހިމެނެއެވެ. ޖުމްލަ 16 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ސެޓްފިކެޓް ލެވެލް 3 ގެ ހަ ކޯހެއް ހިންގައެވެ. އެ ކޯސްތަކަކީ މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން، އަދި އޮފީސް މެނޭޖްމަންޓެވެ.
ފަންނީ ކޯސްތަކުގެ މުޤައްރަރުގެ އިތުރުން، ފިޒިކަލް ފިޓްނަސް، ފެތުން، ޑްރިލް އަދި ކުޅިވަރު ހަރަކާތްތައް ވެސް މި ޕްރޮގްރާމުގެ ތެރެއިން ހިންގައެވެ. އެއާ އެކު، ދިރިއުޅޭ ވެށި ސާފުކޮށް ބެލެހެއްޓުމާއި، ޓީމް ބިލްޑިންގ ހަރަކާތްތަކާއި، ލީޑަރޝިޕް ހުނަރުތަކާއި، އަދަބު އަޚްލާޤު ފަދަ ލައިފް ސްކިލް ބައިތައް ވެސް ދަރިވަރުންނަށް ދަސްކޮށްދެވެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރާ އެކު، ޢަޤީދާ ވަރުގަދަ، ރޫޙާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. އެ ގޮތުން ދިވެހި ޤައުމިއްޔަތާއި ދީނީ ތަރުބިއްޔަތާއި ސުލޫކީ ތަރުބިއްޔަތު ވެސް ތަމްރީނުގެ ތެރެއިން ދެވެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމަކީ ޤައުމަށް ބޭނުންތެރި، މަސައްކަތްތެރި ޒުވާނުން ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާ ޤައުމީ ޙަރަކާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް