މައިގަނޑު ބަޔަށް ދާން

ހަބަރު

އެއްގަމު އުޅަނދުގެ އުމުރު 20 އަހަރަށް ލިމިޓްކޮށް އިންޝުއަރެންސް ލާޒިމުކޮށްފި

މި އިސްލާޙުގެ ދަށުން އެއްގަމު އުޅަނދެއް ދަތުރުފަތުރުގައި ބޭނުންކުރެވޭނީ އެ އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން ގިނަވެގެން 20 އަހަރުގެ މުއްދަތަށެވެ. މި ޝަރުތުން އިސްތިސްނާ ލިބެނީ ޚާއްޞަ ގިންތީގެ އުޅަނދުތަކަށް އެކަންޏެވެ. ތާރީޚީ ގޮތުން މުހިންމުކަން ހުރި އުޅަނދުތައް ފަދަ ޚާއްޞަ ބާވަތްތައް ކަނޑައެޅުމުގައި ބަލާނީ އައު ޤާނޫނުގެ ދަށުން އެކުލަވައިލާ ޤަވާއިދަށެވެ. ކަނޑައެޅިފައިވާ މުއްދަތު ހަމަވެއްޖެ ނަމަ އެ އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކޮށް ވެރިފަރާތަށް އެކަން އަންގާނެއެވެ.

އަހުމަދު އާހިލް ސައީދު

ވީއައިއޭ
ވީއައިއޭ

ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު ހުށަހެޅުއްވި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ އިސްލާޙު ތަސްދީޤުކޮށް އުޅަނދުތަކުގެ ޢަދަދު ކޮންޓްރޯލުކުރުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

މި އިސްލާޙުގެ ދަށުން އެއްގަމު އުޅަނދެއް ދަތުރުފަތުރުގައި ބޭނުންކުރެވޭނީ އެ އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން ގިނަވެގެން 20 އަހަރުގެ މުއްދަތަށެވެ. މި ޝަރުތުން އިސްތިސްނާ ލިބެނީ ޚާއްޞަ ގިންތީގެ އުޅަނދުތަކަށް އެކަންޏެވެ. ތާރީޚީ ގޮތުން މުހިންމުކަން ހުރި އުޅަނދުތައް ފަދަ ޚާއްޞަ ބާވަތްތައް ކަނޑައެޅުމުގައި ބަލާނީ އައު ޤާނޫނުގެ ދަށުން އެކުލަވައިލާ ޤަވާއިދަށެވެ. ކަނޑައެޅިފައިވާ މުއްދަތު ހަމަވެއްޖެ ނަމަ އެ އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކޮށް ވެރިފަރާތަށް އެކަން އަންގާނެއެވެ.

އިސްލާޙުގައި ހިމެނޭ އަނެއް މުހިންމު ބަދަލަކީ އެއްގަމު އުޅަނދު އިންޝުއާ ނުކޮށް ދުއްވުން މަނާކުރުމެވެ. އިންޝުއާ ނުކޮށް އުޅަނދެއް ދުއްވައިފި ނަމަ 1000 ރުފިޔާ އާއި 3000 ރުފިޔާ އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ޖޫރިމަނާގެ ޢަދަދު ކަނޑައެޅެނީ ކުށް ތަކުރާރުކުރި މިންވަރަށް ބެލުމަށް ފަހުގައެވެ. މީގެ އިތުރުން އެކަކުގެ ނަމުގައި ނުވަތަ އެއް ޤާނޫނީ ޝަޚުޞެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ހުންނަ އެއް ބާވަތެއްގެ އިންޖީނުލީ އުޅަނދު ދޭކަށް ވުރެ އިތުރު ވެއްޖެ ނަމަ އިތުރުވާ ކޮންމެ އުޅަނދަކުން މަލްޓިޕަލް އޯނާޝިޕް ފީއެއް ނެގުމަށް ވެސް ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.

ޓްރެފިކާއި ޕާކިންގެ މައްސަލަ އެންމެ ބޮޑީ މާލެ ސަރަޙައްދުގައި ކަމަށް ވާތީ މި އިސްލާޙުގައި އެ ސަރަޙައްދަށް ޚާއްޞަ އުސޫލުތަކެއް ފުރަތަމަ ފަހަރަށް ތަޢާރަފުކޮށްފައިވެއެވެ. އެ ގޮތުން ދަތުރުފަތުރުގެ ނިޒާމު ވިލަރެސްކުރުމަށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފެއްދުމާއި މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކޮށްދެވޭނެ އުޅަނދުގެ ޢަދަދު އެ އޮފީހުން ކަނޑައެޅުން ހިމެނެއެވެ. ހަމަ އެހެންމެ ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރުމާއި "ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑު"ގެ ނަމުގައި ޚާއްޞަ ފަންޑެއް އެކުލަވައިލުން ވެސް އިސްލާޙުގައި ހިމަނާފައިވެއެވެ.

2009 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އައި ޤާނޫނު ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ މި ބިލު ތަސްދީޤުކޮށްފައިވަނީ 31 އޮގަސްޓުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.