ދުނިޔެ

އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާން މަޤާމުން ދުރުކޮށްފި

ICC ge Chief Prosecutor Karim Khan magaamun dhurukoffi

Ahmed Aahil Saeed

25 July 2026

0
އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާން މަޤާމުން ދުރުކޮށްފި

ކަރީމް ޚާން؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

އައިސީސީގެ ތިންވަނަ ޕްރޮސެކިއުޓަރގެ ގޮތުގައި 2021 ވަނަ އަހަރު ޚާން އިންތިޚާބުވިއެވެ. ނަމަވެސް ފާއިތުވި މަހު އޭނާ ސަސްޕެންޑްކުރެވުނެވެ. ކޯޓުގެ އޮވަސައިޓް ނިޒާމުން މިދިޔަ ޖޫން މަހު ނިންމާފައިވަނީ އައިސީސީގެ ޖޫނިއާ މުވައްޒަފަކާ ނާޖާއިޒު ގުޅުމެއް ބޭއްވައި އެ މުވައްޒަފު ހުށަހެޅި ޝަކުވާ ކުރިއަށް ގެންދިޔަ ނުދޭން މަސައްކަތްކޮށް "ސީރިއަސް ބްރީޗް އޮފް ޑިއުޓީ" އަކާއި "ސީރިއަސް މިސްކޮންޑަކްޓް" އެއް ހިންގާފައިވާ ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާންގެ މައްޗަށް ނެގި ވޯޓަކުން އޭނާ މަޤާމުން ވަކިކުރުމަށް މެންބަރު ޤައުމުތަކުން ނިންމައިފިއެވެ.

މި ނިންމުން ފާސްވީ 82 ޤައުމުގެ ތާއީދާ އެކުއެވެ.

އައިސީސީގެ ތިންވަނަ ޕްރޮސެކިއުޓަރގެ ގޮތުގައި 2021 ވަނަ އަހަރު ޚާން އިންތިޚާބުވިއެވެ. ނަމަވެސް ފާއިތުވި މަހު އޭނާ ސަސްޕެންޑްކުރެވުނެވެ. ކޯޓުގެ އޮވަސައިޓް ނިޒާމުން މިދިޔަ ޖޫން މަހު ނިންމާފައިވަނީ އައިސީސީގެ ޖޫނިއާ މުވައްޒަފަކާ ނާޖާއިޒު ގުޅުމެއް ބޭއްވައި އެ މުވައްޒަފު ހުށަހެޅި ޝަކުވާ ކުރިއަށް ގެންދިޔަ ނުދޭން މަސައްކަތްކޮށް "ސީރިއަސް ބްރީޗް އޮފް ޑިއުޓީ" އަކާއި "ސީރިއަސް މިސްކޮންޑަކްޓް" އެއް ހިންގާފައިވާ ކަމަށެވެ.

ޚާން ވަނީ ތަކުރާރުކޮށް ހުރިހާ ތުހުމަތެއް ދޮގުކުރައްވާފައެވެ. އޭނާގެ ޤާނޫނީ ވަކީލު ވިދާޅުވީ "ލިބެން ހުރި ހުރިހާ ޤާނޫނީ ގޮތްތައް މެދުވެރިކޮށް މި ނިންމުމުގެ ޤާނޫނީ ސައްޙަކަމާއި ހަމަހަމަކަމަށް ޗެލެންޖްކުރައްވާނެ" ކަމަށެވެ.

މި މައްސަލައިގެ ފެށުމަކީ 2024 ވަނަ އަހަރުގެ މެއި މަހު ތިންވަނަ ފަރާތަކުން ޖިންސީ ގޯނާގެ ތުހުމަތު އައިސީސީއަށް ރިޕޯޓްކުރުމެވެ. ކޯޓުގެ އިންޑިޕެންޑެންޓް އޮވަސައިޓް މެކޭނިޒަމް (އައިއޯއެމް) އިން ތަޙުޤީޤެއް ފެށި ނަމަވެސް ޝިކާރައަކަށްވި ކަމަށް ބެލެވޭ މީހާ ބައިވެރިވާން ދެކޮޅު ހެދުމުން އެ ފަހަރު މައްސަލަ ބަންދުކުރިއެވެ. އެއަށްފަހު 2024 ވަނަ އަހަރުގެ އޮކްޓޫބަރުގައި ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅި އެފަހުން އެ މައްސަލަ ބެލީ އދ.ގެ އޮފީސް އޮފް އިންޓާނަލް އޮވަސައިޓް ސާވިސަސް (އޯއައިއޯއެސް) އިންނެވެ. ނޮވެމްބަރ 2024 އިން ޑިސެމްބަރ 2025 އާ ހަމައަށް ހިންގި މި ތަޙުޤީޤުން 5000 އަށް ވުރެ ގިނަ ޞަފްޙާގެ ހެއްކާއި ބަޔާންތައް އެއްކުރެވުނެވެ.

ވޯޓުނެގި ސެޝަނަށް ޚާނަށް ޙާޒިރުވެވޭ ގޮތެއް ނުވިއެވެ. އެއީ ޣައްޒާގެ ހަނގުރާމައާ ގުޅޭ ގޮތުން އިސްރާއީލުގެ އޮފިޝަލުންގެ މައްޗަށް ހިންގި ތަޙުޤީޤާ ގުޅިގެން ޓްރަމްޕް ސަރުކާރުން ޚާންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި އެމެރިކާއަށް ވަނުން މަނާކޮށްފައިވާތީއެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި ޕްރެކްޓިސްކުރުންވެސް ވަގުތީ ގޮތުން ހުއްޓުވާފައިވެއެވެ.

"ހުރިހާ މުވައްޒަފުންނަށް ރައްކާތެރި ހުރިހާ އެންމެން ޝާމިލުވާ އިޙުތިރާމްކުރެވޭ މަސައްކަތުގެ މާޙައުލެއް ދެމެހެއްޓުމަށް ކޯޓުން އެންމެ ބޮޑު އިސްކަމެއް ދޭނެ" ކަމަށް އައިސީސީން ވޯޓަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޚާން މަޤާމުން ދުރުކުރެވުނު ނަމަވެސް މި ކަންތައް ނިމުމަކަށް ނާންނާނެ ކަމަށް ބެލެވެއެވެ. އެމެރިކާއިން ވަނީ ދާދި ފަހުން އައިސީސީ "ގާގަނޑު ގާގަނޑުން ރޫޅާލުމަށް" މުޅި ސަރުކާރުގެ ފެންވަރުގެ ކެމްޕެއިނެއް ފަށާފައެވެ. ވިސާ މަނާކުރުމާއި މާލީ ދަތިކުރުމާއި ބައިވެރި ޤައުމުތައް ކޯޓުން ވަކިކުރުވަން ޑިޕްލޮމެޓިކް ފިއްތުންތައް ކުރިމަތިކުރާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ. އެމެރިކާ ރަޝިޔާ އަދި އިސްރާއީލަކީ އައިސީސީގެ މެންބަރު ޤައުމުތަކެއް ނޫނެވެ. މި ޙާލަތުގައި ދުނިޔޭގެ ހަމައެކަނި ދާއިމީ ހަނގުރާމައިގެ ޖަރީމާތަކުގެ ޓްރައިބިއުނަލްގެ މުސްތަޤުބަލާ މެދު ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް