ސަޢޫދީގެ ތެޔޮ ސައިޓްތަކަށް ދިން ހަމަލާ ކުވޮތުން ކުށްވެރިކޮށް ޤަޠަރާއެކު މަޝްވަރާކޮށްފި
Saudi ge theyo site thakah dhin hamalaa Kuwait in kuvveri koh Qatar aa eku mashvaraa koffi
Ahmed Aahil Saeed
29 July 2026
ކުވައިތުގެ އަސްކަރިއްޔާ؛ ފޮޓޯ / ވިކިކޮމްސް މީޑިއާ
ސަޢޫދީ ޢަރަބިއްޔާގެ އިރުމަތީ ސަރަޙައްދުގައި ހުރި ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް ދެވުނު ހަމަލާ ކުވޮތުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ސަރަޙައްދީ ސަލާމަތާ ގުޅޭ ގޮތުން ޤަޠަރާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.
ކުވޮތުގެ ޚާރިޖީ ވުޒާރާއިން ސިފަކުރި ގޮތުގައި މި ހަމަލާއަކީ ސަޢޫދީގެ ސިޔާދަތާ ދެކޮޅަށް ހިންގުނު ފާޅުކަން ބޮޑު ޢުދުވާނީ ޢަމަލެކެވެ. އީރާނާ ގުޅިފައިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ރިޔާޟުން ހާލަތު ފިނިކުރުމަށް ކުރަމުން އަންނަ އިޚްލާސްތެރި މަސައްކަތްތަކާ ދެކޮޅަށް ނުތަނަވަސްކަން އިތުރުކުރަން ގަސްތުގައި މަސައްކަތް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ.
ސަޢޫދީ ޢަރަބިއްޔާއާ ފުރިހަމައަށް އެއްބައިވެ އެ ޤައުމުގެ ސަލާމަތާއި ވަސީލަތްތައް ޙިމާޔަތްކުރުމަށް އެޅޭ ކޮންމެ ފިޔަވަޅަކަށް ކުވޮތުން ތާއީދުކުރާ ކަމަށްވެސް ބަޔާންކުރިއެވެ.
މީގެ އިތުރުން ކުވޮތުގެ ޚާރިޖީ ވަޒީރު ޝައިޚް ޖައްރާޙް ޖާބިރު އަލް އަޙްމަދު އައް ޞަބާޙް ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއް ރަޙްމާން ބިން ޖާސިމް އާލް ޘާނީއާ ފޯނުން ގުޅުއްވައި ސަރަޙައްދީ ސަލާމަތީ މަސްރަޙާއި ހާލަތު ގޯސްވިޔަ ނުދިނުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވިއެވެ.
ދެ ވަޒީރުންގެ މަޝްވަރާތަކުގައި ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް މުހިންމު ކަނޑުގެ މަގުތަކުގައި ދަތުރުފަތުރުގެ ސަލާމަތާއި މިނިވަންކަން ކަށަވަރުކުރުމާ ގުޅޭ ފިޔަވަޅުތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ. ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށް ދެ ޤައުމުންވެސް ގުޅިގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް