މައިގަނޑު ބަޔަށް ދާން

ހަބަރު

ޙައްޖު ކިއުގައި ތިން އަހަރުވީ 70 އަހަރުން މަތީ ފަރާތްތަކަށް 1448 ގައި ޖާގަ ދޭން ނިންމައިފި

ޙައްޖަށް ދިއުމަށް ފައިސާ ދެއްކިތާ ތިން އަހަރު ފާއިތުވެފައިވާ، ޢުމުރުން 70 އަހަރުން މައްޗަށް ގޮސްފައިވާ ހުރިހާ ފަރާތްތަކަށް ހިޖުރީ ސަނަތުން 1448 ވަނަ އަހަރުގެ ޙައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

އަޙްމަދު އާހިލް ސަޢީދު

ޙައްޖު ކިއުގައި ތިން އަހަރުވީ 70 އަހަރުން މަތީ ފަރާތްތަކަށް 1448 ގައި ޖާގަ ދޭން ނިންމައިފި

ޙައްޖަށް ދިއުމަށް ފައިސާ ދެއްކިތާ ތިން އަހަރު ފާއިތުވެފައިވާ، ޢުމުރުން 70 އަހަރުން މައްޗަށް ގޮސްފައިވާ ހުރިހާ ފަރާތްތަކަށް ހިޖުރީ ސަނަތުން 1448 ވަނަ އަހަރުގެ ޙައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

މި ނިންމުމާ އެކު މީލާދީ ސަނަތުން 2027 ވަނަ އަހަރު އެ ފަރާތްތަކަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރެވޭނެއެވެ. ރާއްޖެއަށް ކޮންމެ އަހަރަކު ލިބޭ ޙައްޖު ކޯޓާއާ އެކު ކިއުގައި ދޮށީ ޢުމުރުގެ ގިނަ ބަޔަކު ތިބޭއިރު، ދިގު އިންތިޒާރެއް ކުރަން ޖެހި ފަރުޟު ޙައްޖު އަދާނުކުރެވިދާނެ ކަމުގެ ކަންބޮޑުވުން އޮތުމުން މި ބަދަލު ގެނައީ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ތިން އަހަރު ހަމަވެފައިވާ ކަމަށް ބަލާނީ 31 ޑިސެމްބަރު 2023 ގެ ނިޔަލަށް ޙައްޖަށް ފައިސާ ދައްކާފައިވާ ފަރާތްތައް ކަމަށް ވާއިރު، 70 އަހަރުގެ ޢުމުރުފުރާ ކަނޑައަޅާނީ 31 ޑިސެމްބަރު 2026 ގެ ނިޔަލަށް 70 އަހަރު ފުރިފައިވާ ފަރާތްތައް ކަމުގައެވެ. މި ޝަރުޠު ފުރިހަމަވާ 324 މީހަކަށް ޖާގަ ހަމަޖެހޭނެ ކަމަށާއި، އޭގެ ތެރޭގައި 75 އަހަރުން މައްޗަށް ގޮސްފައިވާ 86 މީހުން ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. ޖާގަ ލިބޭ ކޮންމެ މީހަކީ ވެސް ކުރިން ޙައްޖު އަދާކޮށްފައި ނުވާ، ހަމައެކަނި ފަރުޟު ޙައްޖު އަދާކުރުމަށް ދާ މީހަކަށް ވާންޖެހޭނެއެވެ. ޖާގަ ދިނުމުގައި ޢުމުރާއި ކިއުއިން ޖާގަ ލިބުނު ތާރީޚަށް ބެލުމަށް ފަހު، ވަކި މީހަކަށް ތަފާތު ނުކޮށް ހަމަހަމައަށް ފުރުޞަތު ދޭނެ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ފަރާތްތަކުގެ ތެރެއިން 1448 ވަނަ އަހަރު ޙައްޖުވެވޭނެ ކަމަށް ކުރިން އަންދާޒާކޮށްފައިވާ ފަރާތްތަކަށް ލަސްވުމެއް ނައުމަށް ޓަކައި، 65 އަހަރުން މައްޗަށް ކިއުގައި އިސްކަން ދޭ ގޮތަށް ވެސް ހަމަޖައްސާފައިވެއެވެ. އެ ޢުމުރުފުރާގެ މީހަކާ އެކުގައި ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ޢާއިލީ މެންބަރަކު ކިއުގައި ހިމެނޭ ނަމަ، އެ މެންބަރަށް ވެސް އެކުގައި ދެވޭނެ ގޮތް ހަމަޖެއްސުމަށް ނިންމާފައިވެއެވެ.

މި ބަދަލާ ގުޅިގެން ކިއުގައި ތިބި 65 އަހަރުން ދަށުގެ ބައެއް ފަރާތްތަކަށް ގާތްގަނޑަކަށް އެއް އަހަރެއްހާ ދުވަހުގެ ލަސްވުމެއް ކުރިމަތިވާނެ ނަމަވެސް، ދިގު މުއްދަތަކަށް އިންތިޒާރުގައި ތިބި ދޮށީ ޢުމުރުގެ ގިނަ ރައްޔިތުންނަކަށް މިއީ ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ. ކުރިއަށް އޮތް ތަނުގައި ކިއުގެ ނިސްބަތް ޒުވާން ޢުމުރުފުރާތަކަށް ބަދަލުވެ، ހުރިހާ ޢުމުރުފުރާއެއްގެ ރައްޔިތުންނަށް ވެސް ޙައްޖުވުމުގެ ފުރުޞަތު އަވަސްވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.